ޔޫއެފާ ނޭޝަން ލީގްގައި ޑެންމާކާ ދެކޮޅަށް އިންގްލެންޑް ކުޅެން ހަމަޖެހިފައިވާ މެޗުގެ ފުރަތަމަ 11 ގައި ކެޕްޓަން ހެރީ ކޭން ކުޅުވަން އުޅޭތީ ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗް ހޯޒޭ މޮރީނިއޯ ދެކޮޅު ހަދައިފި އެވެ.
ކޭންގެ ފިޓްނަސް އާ މެދު ސުވާލު އުފެދިފައި ވުމުން، އާދީއްތަ ދުވަހުގެ ރޭ ބެލްޖިއަމްއާ ދެކޮޅަށް ކުޅުނު މެޗުގައި ކޭންއަށް ފުރުސަތު ދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. މާދަމާ ރޭ ޑެންމާކާ ދެކޮޅަށް ކުޅޭ މެޗުގެ ފުރަތަމަ 11 އިން ކޭންއަށް ފުރުސަތު ދިނުމަށް ސައުތުގޭޓް ދަނީ ވިސްނަމުންނެވެ.
މޮރީނިއޯ ވަނީ އިންޓަނޭޝަނަލް ޕީރިއަޑްގައި ކޭން އާ މެދު ފަރުވާތެރި ވުމަށް ސައުތުގޭޓަށް އިލްތިމާސް ކޮށްފަ އެވެ. އިނގިރޭސި އެހެން ކުލަބުތަކަށް ވުރެ ޓޮޓެންހަމްއަށް މި ސީޒަން ވީ ބަރު އުނދަގޫ ސީޒަނަކަށެވެ. ޔޫރޮޕާ ލީގްގެ ކޮލިފިކޭޝަން ބުރުގައި ކުޅެފައި ވުމުން ކޭން އަށް ވަނީ ވޯކް ލޯޑް ބޮޑުވެފަ އެވެ. މޮރީނިއޯ ވަނީ މެޗުތަކުގައި ކޭން ޒިންމާ ބޮޑު ކޮށްފަ އެވެ.
މިދިޔަ ހަފުތާގައި ކޭންގެ ފަލަމަސްގަނޑަށް އެރި ތަދެއްގެ ސަބަބުން އޭނާގެ ފިޓްނަސްއަށް އަސަރު ކުރި ކަމަށް އިނގިރޭސި މީޑީއާތަކުން ވަނީ ރިޕޯޓް ކޮށްފަ އެވެ. ސައުތުގޭޓް ބުނެފައި ކޭން އަށް އަނިޔާ ނުވާ ކަމަށެވެ. އެހެން ނަމަވެސް ކުރިމަތިވި ތަދާ ގުޅިގެން އަރާމު ކުރަން ވަގުތުތަކެއް ހޭދަ ކުރަން ޖެހުނު ކަމަށް އޭނާ ބުންޏެވެ. އިނގްލެންޑްގެ އެފްއީން ވަނީ ކޭންގެ ފަލަމަސްގަނޑުގެ ސްކޭންއެއް ވެސް ހައްދާފަ އެވެ.
މިހާރު ކުލަބާއި ގައުމީ ޓީމާ ދެމެދު ވަނީ ހިޔާލުތަފާތުވުން އުފެދިފަ އެވެ. ސްޕާސްއިން ގަބޫލު ކުރަނީ ކޭންގެ ސްކޭންއެއް ހަދަން ފޮނުވުމަކީ ކޭން އާ މެދު ކަންބޮޑުވާން ޖެހޭ ކަމެއްގެ ގޮތުގަ އެވެ. އަދި ޓޮޓެންހަމްއިން ވަނީ ކޭން އަށް ފިޓްނަސް މައްސަލަ ކުރިމަތިވުމުން ގައުމީ ޓީމަށް އެކަން ރައްދު ކޮށްފަ އެވެ. ބެލްޖިއަމްގެ މެޗުގެ ކުރިން ކޭން ވަނީ މިދިޔަ 29 ދުވަހުގައި 10 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން އަށް މެޗުގައި އޭނާ ކުޅެފައި ވަނީ ފުރަތަމަ 11 ގަ އެވެ.
"މެޑިކަލީ މުއާމަލާތްތަކެއް (ސްޕާސް އާއެކު) ކުރިއަށްދޭ،" ސައުތުގޭޓް ބުންޏެވެ. "މިދިޔަ ބުދަ ދުވަހު އޭނާ ވަނީ ޕްރެކްޓިސް ކުރަން ފަށާފަ، އޭނާއަށް ދިމާވި ގޮތުން އޭނާ ހުރީ އުފަލަކުން ނޫން، އޭނާ ވަނީ އޭގެ ފަހުން އަހަރެމެންގެ މެޑިކަލް ޓީމުގެ ބެލުމުގެ ދަށުން މަސައްކަތްތަކެއް ކޮށްފަ."
އިންގްލެންޑްގެ ކޯޗް ކަމާ ސައުތުގޭޓް ހަވާލުވި ފަހުން ޓީމުގެ އެންމެ މުހިންމު މަގާމު އޭނާާ ދިނީ ކޭން އަށެވެ. ޓީމުގެ ކެޕްޓަނެއްގެ ޒިންމާއާ އެކު ކޭންގެ ޒިންމާ ގައުމީ ޓީމުގައިވެސް ބޮޑެވެ. އަދި އޭނާ އަކީ ސްޕާސްގެވެސް ވައިސް ކެޕްޓަނެވެ. މޮރީނިއޯގެ ފޯވަޑްލައިންގެ އެންމެ މުހިންމު ކުޅުންތެރިޔާ އެވެ.