ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ކޮރޯނާވައިރަހާ ހަނގުރާމައަށް ނޭފަތަށް ޖަހާ ވެކްސިނެއް

ކޮވިޑް-19 އަށް ފަރުމާކޮށްފައިވާ ގިނަ އަދަދެއްގެ ވެކްސިންތައް މިހާރު އެންމެ ފަހުގެ މަރުހަލާތަކަށް ވާސިލުވާން ވަނީ ތައްޔާރު ވެފަ އެވެ.

މީގެ ތެރޭގައި ގިނައީ އިންޖެކްޝަނެއްގެ ގޮތުގައި އަތަށް ޖަހާ ވެކްސިނެވެ. ނަމަވެސް މިހާޜު ސައިންސްވެރިން ހޯދަމުންދަނީ މިއަށް ވުރެ ފަސޭހައިން ނޭފަތަށް ވެކްސިން ޖަހައިގެން ބަލި ސީދާ ވަންނަ ތަން ދިފާއު ކުރެވޭ ކަހަލަ ވެކްސިނެއް ތައްޔާޜު ކުރެވޭތޯ އެވެ. ކޮރޯނާވައިރަސް އިންސާނާގެ ހަށިގަނޑަށް ވާސިލުވަނީ އެ މީހާގެ އަނގަޔާއި ނޭފަތުން ކަމަށް ވާތީ އެ ހިސާބުން ވައިރަސް ހުއްޓުވިދާނެ ފަދަ ވެކްސިނެއް ތައްޔާރުކުރުމަކީ މިހާޜު ބައެއް ސައިންސްވެރިން އަމާޒު ހިފާފައިވާ ކަމެކެވެ.

އިންސާނުންނަށް ދޭން މިހާރު ތައްޔާރުކުރަމުންދާ ގިނަ ވެކްސިންގެ މަސައްކަތް އެންމެ އެކަށީގެންވާ ގޮތަކަށް ކުރަނީ ދެ ޝޮޓް ދީގެންނެވެ. އަދި ދެ ޑޯޒް ދިނަސް އެކަށީގެންވާ ގޮތެއްގައި މި އިންފެކްޝަނުން އިންސާނުން ސަލާމަތް ވާނެކަން ޔަގީންކަމާއެކު ބުނާކަށް އަދިވެސް ސައިންސްވެރިންނަކަށް ނުކެރެ އެވެ.

ނޭފަތުގެ ޒަރިއްޔާއިން ނޭވާލުމުގެ ނިޒާމަށް އެތެރެކުރާ ވެކްސިން އަކީ ގަޔަށް ޖަހާ އިންޖެކްޝަނަކަށް ވުރެ މާ ރަނގަޅަށް މަސައްކަތްކުރާ އެއްޗަކަށް ހެދިދާނެކަމަށް ސައިންސްވެރިން ގަބޫލު ކުރެ އެވެ. މި ވެކްސިން ދިނުމުން ދިފާއީ ވަރަށް ވަރުގަދަ ހަމަލައަކަށް ހަށިގަނޑު ތައްޔާރުކުރެވި ނޭވާލުމުގެ ނިޒާމާ ގުޅިފައިވާ ހިސާބަށް ވައިރަސް ވަދެ އެ ހިސާބުގައިވާ ސެލްތަކަށް ހަމަލާދިނުމުގެ ކުރިން އެ ތަކެތި ނައްތާލެވޭ ފަދަ ގޮތަކަށް މި ވެކްސިން ހެދުމަށް ސައިންސްވެރިން މިހާރު ވަނީ މަސައްކަތް ފަށާފަ އެވެ.

އާއްމުކޮށް އިންޖެކްޝަންގެ ގޮތުގައި ޖަހާ ވެކްސިންގެ ބަދަލުގައި ނޭފަތަށް ސްޕްރޭކޮށް އެ ތަކެތި ނޭވާގެ ޒަރިއްޔާއިން އެތެރެއަށް ފޮނުވާލާ ވެކްސިން ތައްޔާރުކުރަމުންދަނީ އެމެރިކާ، އިނގިރޭސި ވިލާތް އަދި ހޮންގް ކޮންގް ގައެވެ. މި ވެކްސިންގެ ސަބަބުން އާއްމު ހާލަތަކަށް މީހުންގެ ދިރިއުޅުން ބަދަލުވެގެން ދިއުމަކީ ސައިންސްވެރިންގެ އުންމީދެވެ.
މި ވެކްސިން އަމާޒުކުރާނީ ކޮރޯނާވައިރަހުގެ ޕެތޯޖަންސް ނޭފަތުގައި ހަރުލައި އުފެދުނު ނުދިނުމަށެވެ. މިއީ އިންސާނާގެ ހަށިގަނޑަށް ވައިރަސް ވަދެ ފުރަތަމަ ތަތްކޮށްލާ ތަނެވެ. މިތަނުގައި އިނދެ އިތުރަށް އުފެދި ގިނަވެގެން ހަށިގަނޑުގެ އެހެން ބައިތަކަށް ވެސް ވައިރަސް ދަތުރުކުރެ އެވެ. އަދި އެހެން މީހުންގެ ގަޔަށް ވެސް ވައިރަސް އަރަނީ މިގޮތަށް އުފެދުމުގެ މަރުހަލާގަ އެވެ.

ބާމިންހަމްގައި ހުންނަ ޔުނިވަސިޓީ އޮފް އަލަބާމާގެ އިމިއުނޮލޮޖިސްޓް ފްރާންސެސް ލުންޑް ވިދާޅުވީ އިންޖެކްޝަނެއްގެ ގޮތުގައި އަތަށް ޖަހާ ވެކްސިނެއް ވުރެ ނޭފަތަށް ޖަހަން މި ތައްޔާރުކުރާ ވެކްސިންގެ އެޑްވާންޓޭޖްތަކެއް އެބަހުރި ކަމަށެވެ.
މި ވެކްސިން އުފެއްދުމުގެ މަސައްކަތްކުރާ ގިނަ ފަރާތްތަކުން މިހާތަނަށް ވެސް ބޭނުން ކުރަމުން އައީ އާއްމުކޮށް ބޭނުންކުރާ އުސޫލެވެ. އިންޖެކްޝަންގެ ގޮތުގައި ދޭ ވެކްސިން އުފެއްދުމަށެވެ. މި ވެކްސިނުން ސިސްޓަމެޓިކްކޮށް ހަށިގަނޑުގެ ހުރިހާ ބައެއް ކަވަރު ކުރާނެ އެވެ. ނަމަވެސް ނޭފަތަށް ޖަހާ ސްޕްރޭއެއްގެ ގޮތުގައި ތައްޔާރުކުރާ ވެކްސިންގެ އަސަރުކުރާނީ އަނގަޔާއި ނޭފަތަށާއި ފުއްޕާމެއަށާއި އެ ހިސާބާ ގުޅިފައިވާ ތަންތަނުގައިހުރި ދަވަޔާއި ލޮންޖަށެވެ. މިހިސާބުގައި ހުންނަ ޓިޝޫތަކަކީ އާއްމުކޮށް ވެސް ވަރަށް ވަރުގަދަ ދިފާއީ ޕްރޮޓީނެއް އެކުލެވޭ ޓިޝޫ ތަކެކެވެ. ވީމާ މި ޓިޝޫތަކަށް ކޮރޯނާވައިރަސްގެ ދިފާއީ ހަތިޔާރު ފޯރުކޮށްދިނުމުން މާ އެކަށީގެންވާ ނަތީޖާއެއް ނެރެވިދާނެކަމަށް މި ވެކްސިން އުފެއްދުމަށް މަސައްކަތްކުރާ ސައިންސްވެރިން ޔަގީން ކުރެ އެވެ.

މިހާތަނަށް ކުރި ޓެސްޓްތަކުން މި ވެކްސިން ނޭފަތަށް ޖެހުމުން ވަރަށް ވަރުގަދަ ރެސްޕޮންސެއް ވައިރަސް އާ ދެކޮޅަށް އަންނަ ކަމަށް ވަނީ ފާހަގަ ކުރެވިފަ އެވެ.

އިންޑިއާގެ ބާރަތު ބައޮޓެކް އާއި ސެން ލުއިގައި ހުންނަ ޕްރެސިޝަން ވައިރޮލޮޖިކްސް އިން މިދިޔަ މަހު ވަނީ މި ވައިރަސްގެ ސިންގަލް ޑޯޒް ޓެކްނޮލޮޖީގެ ރައިޓްސް ހޯދާފަ އެވެ. މި ވެކްސިން އުފެއްދުމުގެ ފުރަތަމަ މަރުހަލާ މިހާޜު ވަނީ ނިމިފަ އެވެ. އަދި ފުރަތަމަ މަރުހަލާ ވަރަށް ކާމިޔާބު ކަމަށް ސައިންސްވެރިން ބުނެފައި ވެއެވެ.