ލައިފްސްޓައިލް

ސޯޝަލް މީޑިއާގެ ބާރު: މުސްކުޅި ދެމެފިރިއަކަށް އެހީތައް އޮހެނީ

ކޮރޯނާވައިރަހުގެ ވަބާގެ ސަބަބުން ގިނަ ބަޔަކު ވަނީ ވަރަށް ހާލުގައި ޖެހިފަ އެވެ. ޚާއްސަކޮށް އިންޑިޔާ ކަހަލަ ގައުމުތަކުގައި އެ ދުވަހެއްގެ ފުރާގު އެ ދުވަހަކު ކުރާ މަސއްކަތުން ހޯދައިގެން އުޅުނު ވަރަށް ގިނަ މީހުންނަށް މި ވަބާގެ އަސަރު ވަރަށް ބޮޑަށް ކޮށްފައި ވެއެވެ. ޚާއްސަކޮށް އިންޑިޔާގެ މަގުމަތީގައި އެއްޗެތި ވިއްކަން އުޅުނު ނިކަމެތި ފަގީރު މީހުންތައް މިއަދު ވަނީ ބަނޑުހައިހޫނުކަން ފިލުވޭނެ ފަދަ ގޮތެއް ވެސް ނެތިފަ އެވެ.

ގެއިން ކައްކައިގެން މަގުމަތީގައި ހުރި ކުޑަ ސްޓޯލެއްގައި ބަހައްޓައިގެން ކާ ތަކެތި ވިއްކައިގެން ދިރިއުޅުނު ދެމަފިރިއަކު ވަރަށް ހާލުގައި ޖެހިގެން ރޮއިރޮއިފައި އެހީއަށް އެދި އާދޭސް ކުރާ މަންޒަރެއް ވަރަށް ފަހުން ސޯޝަލް މީޑިއާގައި ވައިރަލް ވިއެވެ. އިންޑިއާގެ ދިއްލީގައި ދިރިއުޅޭ އުމުރުން 80 ވަރަކަށް އަހަރު ވެފައިވާ މި ދެމަފިރިންގެ ހާލު ފެނިފައި ވަރަށް ގިނަ ބަޔަކު އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިސް ނަގާފައިވާ ކަމަށް އިންޑިޔާގެ ނޫސްތަކުން ވަނީ ބުނެފަ އެވެ.

މި ދެމަފިރިން ވަރަށް ހާލުގައި ޖެހިގެން އުޅޭތަން ފެންނަ ވިޑިއޯ އިންސްޓަގްރާމްގައި ފުރަތަމަ ޝެއާ ކުރީ ގޯރަވް ވާސަން ކިޔާ މީހެކެވެ.

"ގޭގައި ކައްކާ މަޓަރް ޕަނީރް ފަދަ އެއްޗެތި ވިއްކައިގެން ކައިބޮއި އުޅޭ މިދެމަފިރިންނަށް އަހަރެމެން އެންމެންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވޭ،" އެމީހާ ޝެއާ ކުރި ވީޑިއޯގެ ކެޕްޝަންގައި ލިޔެފައި ވެއެވެ.

މި ވީޑިއޯގައި 80 އަހަރުގެ ކާންތާ ޕްރަސާދު ރޮމުން ރޮމުން އޭނާގެ ހާލަތު ބަޔާން ކޮށްދޭތަން ފެނެ އެވެ. އެ ދެމަފިރިން މި މަސައްކަތް ކޮށްގެން އުޅެނީ 1988 ވަނަ އަހަރުން ފެށިގެން ކަމަށް އޭނާ ބުންޏެވެ. ނަމަވެސް މިހާޜު ކައްކާ އެތިކޮޅު ގަންނާނެ މީހަކު ނުވެގެން ކޮންމެ ދުވަހަކު އަނބުރާ ގެޔަށް ދާން ޖެހެނީ އެ އެއްޗެތި ހިފައިގެން ކަމަށާއި އެތިކޮޅު ނުވިކުނީމަ ވަރަށް ބޮޑު ގެއްލުމެއް ވާކަމަށް އެމހާ ބުންޏެވެ.

ކާންތާ ޕްރަސާދު އާއި އަންހެނުން ބަދާމީ ދޭވީ ކޮންމެ ދުވަހަކުވެސް ހެނދުނު 6.30 ގައި ކައްކަން ފަށައެވެ. އަދި 9.30 ވާއިރަށް ހުރިހާ އެއްޗެތި ކައްކާ ނިންމއިގެން އެއްޗިއްސަށް އަޅައިގެން ވިއްކަން މަގުމަތީގައި ހުންނަ ސްޓޯލަށް ގެންދެ އެވެ. މި ދެމަފިރިން ކައްކާ އެއްޗެތި މީރުވެފައި އަގުހެޔޮ ނަމަވެސް މި ދުވަސްވަރު އެއްޗެތި ގަންނާނެ މީހުން ނުވަނީ އެވެ.

ނަމަވެސް މި ވީޑިއޯ ވައިރަލް ވުމާއެކު ދެމަފިރިންގެ ސްޓޯލް ދޮށަށް ގިނަ ބަޔަކު އެއްވެ އެމީހުން ތައްޔާރުކޮށްފައި ހުރި ހުރިހާ އެއްޗެތި ގަނެ ހުސްކޮށްލި އެވެ. އަދި އެ ސަރަހައްދުގެ ޕާލަމެންޓު މެންބަރުންނާއި އެނޫންވެސް ކަމުވޮށިވެގެންވާ ގިނަ ބަޔަކު ވެސް މި ދެމަފިރިންނަށް މިހާޜު ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ކާންތާ ޕްރަސާދު ބުނި ގޮތުގައި އެ ދެމަފިރިންގެ ތިން ދަރިން ތިބެ އެވެ. އެއީ ދެ ފިރިހެން ދަރިންނާއި އަންހެން ދަރިއެކެވެ. ނަމަވެސް އެއްވެސް ދަރިއެއްގެ އެހީތެރިކަމެއް ދެމަފިރިންނަށް ނުލިބޭތާ އެތައް ޒަމާނެއް ވެއްޖެ ކަމަށާއި ދެމަފިރިން އުޅެނީ މުޅިން އެކަނި މާއެކަނިކަމަށް އޭނާ ބުންޏެވެ.