ޖަރުމަންގެ ކުރިގެ ކުޅުންތެރިންނާއި މީޑިއާތަކުގެ ފާޑު ކިޔުން ޖަރުމަންގެ ގައުމީ ތީމުގެ ކޯޗް ޔޯކިމް ލޯއަށް އަމާޒު ވެއްޖެ އެވެ.
ރަޝިއާގައި 2018 ގައި ބޭއްވި ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުން ލަދުވެތި ގޮތަކަށް ޖަރުމަން ކަޓައިގެން ދިއުމުން ހޫނު ފެނަށް ވެއްޓުނު ލޯ އަށް އަދިވެސް އޭރު ކުރިމަތިވި ފާޑުކިޔުންތަކުން އަރައި ގަނެވޭ ގޮތެއް ނުވެ އެވެ.
ބްރެޒިލްގައި 2014 ގައި ބޭއްވި ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ޖަރުމަނަށް ހޯދައި ދިނުމުން ޖަރުމަންގެ ފުޓްބޯޅަ ސަޕޯޓަރުންގެ މެދުގައި ލޯގެ މަގުބޫލުކަން ވަރަށް ބޮޑަށް އިތުރު ވެގެން ދިޔަ އެވެ. އެހެން ނަވެސް އެންމެ ފަހުގެ ވޯލްޑް ކަޕުން ޖަރުމަން ކަޓައިގެން ދިއުމުން އޭނާ ހޫނު ފެނަށް ވެއްޓުނެވެ. އަދި ވޯލްޑް ކަޕުން ކަޓައިގެން ދިއުމުން ވެސް ޖަރުމަންގެ އެފްއޭ އިން އޭނާ އާއެކު ކުރިއަށްދާން ނިންމުމުން ވެސް އެފްއޭއަށް ވެސް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވި އެވެ.
ޔޫއެފާ ނޭޝަން ލީގްގައި އެންމެ ފަހުން ޔޫކްރޭން އާ ދެކޮޅަށް ކުޅުނު މެޗުގައި ޖަރުމަނަށް މޮޅުވެވުނީ ވަރަށް އުނދަގުލުންނެވެ. އޭގެ ކުރިން ސްޕެއިން އާ ދެކޮޅަށް ކުޅުނު މެޗުންނާއި ތުރުކީއާ ދެކޮޅަށް ކުޅުނު މެޗުން ވެސް ޖަރުމަން ވަނީ އެއްވަރު ވެފަ އެވެ. ޖަރުމަންގެ ފުޓްބޯޅައިގެ ތަޖުރިބާކާރުން ގަބޫލު ކުރަނީ ވޯލްޑް ކަޕްގައި ޓީމުގައި ހުރި މައްސަލަތަކުން އަދިވެސް ޖަރުމަން ޓީމަށް އަރައި ނުގަނެވޭ ކަމަށެވެ.
އެހެން ނަމަވެސް ލޯ ބުނީ އޭނާ އަށް ފެންނަ މަންޒަރު ތަފާތު ކަމަށެވެ. އަންނަ އަހަރަށް ފަސްކޮށްފައިވާ ޔޫރޯ ކާމިޔާބު ކުރުމުގެ ފެންވަރު ޖަރުމަންގެ ޓީމުގައި ހުރިކަމަށް އޭނާ ބުންޏެވެ. "އަހަރެމެންގެ އެބައޮތް ވަރަށް ސާފު ޕްލޭނެއް، އަހަރެމެންނަށް އެނގޭ އަހަރެމެން މިކުރާ މަސައްކަތް." ލޯ ބުންޏެވެ.
ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕް ކާމިޔާބު ކުރި ޖަރުމަންގެ ޓީމުގައި ހިމެނުނު ބަސްޓައިން ޝުވައިންސްޓައިގާ ވަނީ ޔޫކްރޭން އާ ދެކޮޅަށް ކުޅުނު ޖަރުމަން ޓީމު ދެއްކި ކުޅާ ބެހޭގޮތުން ވާހަކަ ދައްކާަފަ އެވެ. "ގައުމީ ޓީމުން 100 ޕަސަންޓް އައިޑެންޓީޓީއެއް މިހާރު އާންމުންނަކަށް ނުފެނޭ." ޖަރުމަންގެ އޭއާރްޑީ ޓީވީގެ އެނަލިސްޓެއްގެ ގޮތުގައި އިނދެ ޝުވައިންސްޓައިގާ ބުންޏެވެ. "މިއީ ބޭނުންވާ ހާލަތެއް ނޫން، އަހަރެން ހީކުރަން މިހާލަތު އަވަހަށް ބަދަލުވެދާނެ ކަމަށް."
ކުރީގެ ހުޅަނގު ޖަރުމަނަށް 1990 ގެ ވޯލްޑް ކަޕް ހޯދައިދިން ކެޕްޓަން ލޯތާ މަތިއުސް ވަނީ، ބުރޫޝިއާ ޑޯޓްމުންޑްގައިވެސް ކުޅުމުގެ ފުރުސަތު މަދުން ލިބޭ ނިކޯ ޝިއުޒްއަށް ތުރުކީ އާ ދެކޮޅަށް ކުޅުނު މެޗުގައި ފުރުސަތު ދިނުމުން ފާޑު ކިޔާ ފަ އެވެ.