ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކޮލަމާފުށީގައި މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ގއ. ކޮލަމާފުށިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ވެއްޖެ އެވެ. މިއީ ކޮލްމާފުށިން ކޮވިޑް ބައްޔަށް މީހަކު ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.

ކޮލަމާފުށިން މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ބޭސް ފަރުވާ އަށް މާލެ އައުމަށް ފަހު ފުރަބަންދު ކަރަންޓީނަށް ދިޔަ 44 އަހަރުގެ އަންހެނެކެވެ. އަންހެންމީހާއާއެކު އޭނާގެ ދެ ކުދިން ވެސް ވަނީ ކަރަންޓީން ވެފަ އެވެ. ނަމަވެސް އެ ދެކުންދިންގެ ނަތީޖާ އަދި ނުލިބޭ ކަމަށް ކޮލަމާފުށި ކައުންސިލުން ބުންޏެވެ.

ކައުންސިލް ނައިބު ރައީސް އިބްރާހިމް ވަހީދު ވިދާޅުވީ އަންހެންމީހާ ޕޮޒިޓިވް ވި ކަން އެޗްޕިއޭއިން އަންގާފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އެ ކޭހުގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންދާ އިރު މިހާތަނަށް އޭނާއާ ކޮންޓެކްޓްވި މީހަކު ނެތް ކަމަށެވެ.

"އަޅޫގަނޑުމެން މި ބަލަނީ ޒީރޯ ކޮންޓެކްޓް ކަމަށް. އެކަމަކު އެޗްޕީއޭއިން ވަކި އެއްޗެއް ނާންގާތީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް އަދި ހުއްޓައެއް ނުލަން. އަޅުގަނޑުމެން ކައުންސިލާއި ރަށު ޕޮލިސްޓޭޝަނާއި ގުޅިގެން ކަރަންޓިނުވާ މީހުން އުޅެމުންދާ ގެތަށް ވަރަށް ރަނގަޅަށް މޮނިޓާ ކުރަން. މިވީހާތަނަށް ކަރންޓީނު އުސޫލާ މިރަށު އެއްވެސް މީހަކު ހިލާފެއް ނުވޭ." އޭނާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވް ވި އަންހެން މީހާއަކީ ހައި ރިސްކު މީހެއް ނޫން ކަމަށާއި މިވަގުތު އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ކޮލަމާފުށީގައި ރައްކާތެރިވުމުގެ ގޮތުން މިހާރު ވެސް ފިޔަވަޅުތައް އަޅާފައިވާއިރު މި ކޭހާއި ގުޅިގެން މި ފިޔަވަޅުތައް އިތުރަށް ހަރުކަށި ނުކޮށް ރައްޔިތުންނަށް ބަލީގެ ނުރައްކާތެރިކަމާއި އަޅާފައިހުރި ފިޔަވަޅުތައް ހަނދާންކޮށްދެމުން ދާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ. އެގޮތުން ޒަރޫރީ ބޭނުމެއްނެތި ބޭރަށް ނިކުމެ ނޫޅުމަށާއި ބޭރަށް ނިކުންނަ ނަމަ މާސްކް އަޅައިގެން ނިކުތުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.

ރާއްޖެއިން މިހާތަނަށް މި ބަލި ޖެހުނު މީހުންގެ އަދަދު 10،900 އިން މައްޗަށް ގޮސްފައިވާއިރު މި ބަލީގައި 35 މީހަކު ވަނީ މަރުވެފަ އެވެ.