ކުޅިވަރު

ކުޑަ މުސާރައެއްގައި ރޮބީނިއޯ ސަންޓޯސްއަށް

ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީގެ ކުރިގެ ފޯވަޑް ރޮބީނިއޯ، އޭނާގެ އެންމެ ފުރަތަމަ ކުލަބު ސަންޓޯސްއަށް ކުޑަ މުސާރައެއްގައި ސޮއި ކޮށްފި އެވެ.

ހިލޭ ޓްރާންސްފާއެއްގެ ދަށުން ރޮބީނިއޯ ސަންޓޯސްއަށް ބަދަލުވީ މުސާރައިގެ ގޮތުގައި މަހަކު 271 އެމެރިކާ ޑޮލަރަށެވެ. އެއީ ބްރެޒިލްގެ މިނިމަމް ވޭޖަށް ވުރެ އިތުރު އަދަދެކެވެ. އޭނާ ސަންޓޯސްއަށް ސޮއި ކުރީ ފަސް މަސް ދުވަހުގެ ކޮންޓްރެކްޓެއްގަ އެވެ. ރޮބީނިއޯ، 36 އެންމެ ފަހުން ކުޅުނީ ތުރުކީގެ އިސްތަންބޫލް ބަޝަކްޝިއާ އަށެވެ. މިދިޔަ ސީޒަންގައި އެ ޓިމަށް ތުރުކީގެ ސުޕަ ލީގް ފުރަތަމަ ފަހަރަށް ހޯދައިދިނުމުގައި ރޮބީނިއޯ ވަނީ މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ.

"އަހަރެން ކުޅޭނަން މިނިމަމް ވޭޖަށް ފެތޭ މުސާރައަކަށް، ނަމަވެސް އެންމެ މުހިންމު ކަމަކީ އަހަރެން މި ކުލަބުގައި ހުރުން،" ރޮބިނިއޯ ބުންޏެވެ. "ފިޒިކަލީ އަދި މެންޓަލީވެސް އަހަރެން މިހުރީ ރަނގަޅަށް، ކޮންމެވެސް ވަރަކަށް ކުޅުމުގެ ރިދަމް ގެއްލިފަ ހުރި ނަމަވެސް އަހަރެމެން ކުޅެމުންދާ ވަރަކަށް އެކަން އަނބުރައި ގެނެވޭނެ."

ސަންޓޯސްއިން 2002 ވަނަ އަހަރު ރޯބީނިއޯ ވިދާލުމުން ރެއާލް މެޑްރިޑުން އޭނާގެ ސޮއި ހޯދި އެވެ. އެހެން ނަމަވެސް އެ ކުލަބުގައި އޭނާ އަށް ރަނގަޅު ކުޅުމެއް ނުދެއްކުމުން އެ ކުލަބުން އޭނާ ދޫކޮށްލި އެވެ. ފަހުން އޭނާ ވަނީ ސިޓީ އަށާއި އޭސީ މިލާނަށް ވެސް ކުޅެފަ އެވެ.