ހަބަރު

ޑީއާރުޕީގެ ދަރަނިތަކާ ގުޅިގެން މައުމޫނަށް ދައުވާކުރަނީ

Oct 13, 2020
2

ޑީއާރުޕީގެ ކުރީގެ ލީޑާޝިޕުން ޕާޓީގެ ދަރަނިތައް ނުދައްކައި، ޕާޓީގެ މެންބަރުންގެ ބޮލުގައި އެ ދަރަނިތައް އަޅުވާފައިވާ ކަމަށް ތުހުމަތުކޮށް އެ ޕާޓީގެ ކުރީގެ ލީޑަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުގައްޔޫމަށް ދައުވާ ކުރަން ނިންމައިފި އެވެ.

ޑީއާރުޕީން މިއަދު ބުނީ އެ ޕާޓީގެ ކުރީގެ ލީޑަޝިޕް ޕާޓީ ދޫކޮށް ގޮސްފައި ވަނީ އޭރުގެ ދަރަނިތައް ނުދައްކައި ޕާޓީގެ މެންބަރުންގެ ބޮލުގައި އެ ދަރަނިތައް އަޅުވާފައި ކަމަށާއި، އަދި މިހާރުވެސް އޭރުގެ ދަރަނިތަކުގެ ބިލުތައް ލިބެމުންދާ ކަމަށެވެ.

އެއާއެކު، ރައީސް މައުމޫންގެ މައްޗަށް ދައުވާކުރަން ޑީއާރުޕީގެ ކައުންސިލުން ނިންމާފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.

"އަދި މި މައްސަލައަށް ގޮތެއް ނިމެންދެން މިހުރިހާ ދަރަނި ދެއްކުން މަޑުޖައްސާލަންވެސް ކައުންސިލުގެ އިއްތިފާގުން ވަނީ ނިންމާފައި،" ޑީއާރުޕީން ކުރި ޓްވީޓެއްގައި ބުންޏެވެ.

ޑީއާރުޕީން އިތުރަށް ބުނީ ރައީސް މައުމޫން އެމްއާރުއެމްގެ ނަމުގައި އުފެއްދި ޕަޓީ މި ސަރުކާރުގެ ކޯލިޝަނުގައި ބައިވެރިކޮށްފައިވާތީ އެކަން ކުށްވެރި ކުރާ ކަމަށެވެ.

ކުރީގެ ރައީސް މައުމޫން އުފެއްދެވި ޑީއާރްޕީއަކީ ފަހުރުވެރި މާޒީއެއް އޮތް ޕާޓީއެކެވެ. އެ ޕާޓީއަކީ މިވަގުތު ސިޔާސީ މައިދާނުން ފެންނަން ތިބި ވަރަށް ގިނަ ބޭފުޅުން ފުރަތަމަ ގުޅިވަޑައިގެންނެވި ޕާޓީއެވެ. ފަހުން އައި ޑިމޮކްރެޓިކް ހަޔާތުގައި ރާއްޖޭގައި ދެވަނައަށް އުފެދުނު ޕާޓީއަކީ ވެސް ޑީއާރުޕީ އެވެ.

ރައީސް މައުމޫނަށް ފަހު ޑީއާރުޕީ ހިންގެވީ ކުރީގެ ހޯމް މިނިސްޓަރު ތަސްމީން އަލީ އެވެ. އަދި އޭގެ ފަހުން ކުރީގެ މަޖިލީސް މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ވެސް އެ ޕާޓީ ހިންގެވި އެވެ. މިހާރު ޑީއާރުޕީގެ ލީޑަރަކީ ވިޔަފާރިވެރިޔާ އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ.