އިސްލާމީ ޝަރީއަތް ކިޔަވާފައިވާ ފަރާތްތަކަށް ރާއްޖޭގައި ވަކާލާތު ނުކުރެވޭ ގޮތަށް ނިންމުމަކީ، ދިވެހިރާއްޖެ އިން އިސްލާމީ ޝަރީއަތް ފުހެލުމަށް ދުރު މުސްތަގުބަލަކަށް އަމާޒު ކޮށްގެން ކުރަމުންގެންދާ މަސައްކަތުގެ އަސާސީ ބިންގަލެއް ކަމަށް ޖަމިއްޔަތުއް ސަލަފުގެ ރައީސް އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ އަބްދުﷲ ބިން މުހައްމަދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މިހާރު އަމަލު ކުރަމުންދާ ގާނޫނީ ފަންނުގެ ގާނޫނުގައި ބުނާ ގޮތުން ރާއްޖޭގައި ވަކާލާތުކުރުމުގެ ހުއްދަ ދެވޭނީ ގާނޫނީ ދާއިރާއިން ނުވަތަ ގާނޫނާއި ޝަރީއަތުގެ ދާއިރާއިން ޑިގުރީ ހާސިލުކޮށްފައިވާ މީހުންނަށް އެކަންޏެވެ. ނަމަވެސް އިސްލާމީ ޝަރީއަތުގެ ދާއިރާއިން ކިޔަވާ ފަރާތްތަކަށް މީގެ ކުރިން ވަކާލާތު ކުރުމުގެ ހުއްދަ ދެއެވެ.
އެ ނިންމުމަށް އިޝާރާތް ކުރައްވާ ޝައިހް އަބްދުﷲ ވިދާޅުވީ އިސްލާމީ ޝަރީއަތް ކިޔަވާފައިވާ ފަރާތްތަކަށް ރާއްޖޭގައި ވަކާލާތު ނުކުރެވޭ ގޮތަށް ނިންމުމަކީ، ދިވެހިރާއްޖެ އިން އިސްލާމީ ޝަރީއަތް ފުހެލުމަށް ދުރު މުސްތަގުބަލަކަށް އަމާޒު ކޮށްގެން ކުރަމުންގެންދާ މަސައްކަތުގެ އަސާސީ ބިންގަލެއް ކަމަށެވެ. ޝައިހް ވަނީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށްވެސް ފާޑުވިދާޅުވެފައެވެ. އަދި ދީނީ އިލްމުވެރިންގެ މައްޗަށް އެކުލެވިގެންވާ އަދާލަތު ޕާޓީން މިކަންކަމާމެދު އެއްޗެއް ނުބުނާތީވެސް އަބްދުﷲ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
"ޖުޑިޝަރީ އިސްލާހުކުރުމާ، އަނިޔާވެރިކަން ނައްތާލުމުގެ ޝިއާރު އުފުލަމުން ދިޔަ ބޭނުން ވެރިކަމުގައި އެ ދަނީ ކަޝްފުވަމުން،" އަބްދުﷲ ވިދާޅުވިއެވެ.
ގާނޫނީ ފަންނުގެ ގާނޫނުގައި ބުނާ ގޮތުން ރާއްޖޭގައި ވަކާލާތުކުރުމުގެ ހުއްދަ ދެވޭނީ ގާނޫނީ ދާއިރާއިން ނުވަތަ ގާނޫނާއި ޝަރީއަތުގެ ދާއިރާއިން ޑިގުރީ ހާސިލުކޮށްފައިވާ މީހުންނަށް އެކަނި ކަމަށް ނިންމުމާއި ގުޅިގެން ވަރަށް ގިނަ އިލްމުވެރިން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ދީނީި އިލްމުވެރިޔާ އައްޝައިހް މުޖަތަބާ ހަމީދު ވިދާޅުވީ ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމަކީ އިސްލާމް ދީނުގެ މައްޗަށް ބިނާވެފައިވާ ނިޒާމަކަށްވީއިރު އިސްލާމިކް ލޯ ކިޔަވާފައިވާ ފަރާތްތަކަށް ވަކީލު ކަމުގެ ހުއްދަ ނުދިނުމަކީ ހިންގާ ޖަރީމާއެއް ކަމަށެވެ. ޝައިހް މުޖްތަބާ ވަނީ އެކަންކަން އިސްލާހު ކުުރުމަށް ގޮވާލައްވާފައެވެ.
"ދިވެހި ރާއްޖޭގެ ޝަރުއީ ނިޒާމަކީ އިސްލާނުގެ މައްޗަށް ބިނާވެފައިވާ ނިޒާމެއް ކަމަށްވާއިރު އިސްލާމިކް ލޯ ކިޔަވާފައިވާ ފަރާތްތަކަށް ވަކީލު ކަމުގެ ހުއްދަ ނުދިނުމަކީ ކަނޑައެޅިގެން މި ގައުމުގައި ހިންގާ ޖަރީމާއެއް. މިކަން އިސްލާހު ކުރައްވާ،" މަދީނާއިން ކިޔަވާ ވިދާޅުވި އިލްމުވެރިޔާ ވިދާޅުވިއެވެ.
ޝައިހް ޒަމްޒަމް ފާރިޝް ވިދާޅުވީ މަދީނާއިން ޝަރީއާ ކިޔެވީމަ ވަކީލު ކަމުގެ ހުއްދަ ނުލިބި، ދީނުގެ އެއްވެސް މިންވަރެއް ނޭްގޭ މީހުންނަށް ވަކީލުކަން ލިބޭނަމަ އެއީ ސަދޫމް ބާގައަށް މި ގައުމު ބަދަލު ކުރަން ކުރެވޭ ހީލަތްތެރި މަސައްކަތަށް ގިރާ ކުރާ ހަރުފަތެއް ކަަމަށެވެ.
"އޭރުން މާތްﷲގެ ދީނާއި އެއްގޮތަށް އެއްވެސް ހުކުމެއް ނާންނާނެ،" ކަންބޮޑުވުން ފާޅުކުރައްވާ ޝައިހް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.