ބާސެލޯނާ

އެލްކްލެސިކޯ އަވަސްކޮށްފި

ލަލީގާގެ ފުރަަތަމަ އެލްކްލެސިކޯގެ މެޗު މިމަހު 24 އަވަސް ކޮށް ރާއްޖޭ ގަޑިން ރޭގަނޑު 7:00 ގައި މެޗު ކުޅެން ނިންމައިފި އެވެ.

ސީޒަންގެ ފުރަތަމަ ހާފުގެ ތާވަލު އޯގަސްޓް މަހު ނެރުނު އިރު އެފްސީ ބާސެލޯނާ އާއި ރެއާލް މެޑްރިޑް ބައްދަލު ކުރަން ހަމަޖެހިފައިވާ މެޗު ލިސްޓްކޮށްފައި މި މަހުގެ 25 ވަނަ ދުވަހަށެވެ. އެލްކްލެސިކޯގެ ނަމުން މަޝްހޫރު ވެފައިވާ ރެއާލް އާއި ބާސާގެ މެޗަކީ ކުލަބު ފުޓްބޯޅައިގައި އެންމެ ވާދަވެރިކަން ބޮޑު މެޗެވެ.

ބާސާގެ ކޭމްޕްނޯ ސްޓޭޑިއަމްގައި، ކުޅެން ހަމަޖެހިފައިވާ މެޗާ ދެމެދު މިހާރު އޮތީ 11 ދުވަހެވެ. މިދިޔަ އަހަރު ކޭމްޕްނޯގައި އެރުނަސްޓޭ ވަލްވެރުޑޭ އާއި ޒައިނުއްދީން ޒިދާންގެ ކުރިމަތިލުން ނިމުނީ ލަނޑެއް ނުޖެހި އެވެ.

ކުރިއަށް އޮތް އެލްކުލެސިކޯ ވެގެން ދާނީ، ބާސެލޯނާގެ މިހާރުގެ ކޯޗް، ރޮނަލްޑް ކޫމަން ކޯޗެއްގެ ގޮތުގައި އެލްކްލެސިކޯ އަށް ނުކުންނާނެ ފުރަތަމަ މެޗެވެ. މިދިޔަ ސީޒަންގެ ސްޕެނިޝް ސުޕަ ކަޕްގައި އެތުލެޓިކޯ މެޑްރިޑް އަތުން ބަލިވެ ބާސާ ކަޓައިގެން ދިއުމުން ވަލްވެރުޑޭ ވަކިކޮށް ކީކޭ ސެޓިއެން އާ ކޯޗް ކަން ހަވާލު ކުރި އެވެ. ސެޓިއެންގެ ކޯޗް ކަމުގެ ދަށުން ކުޅުނު ބާސާ މެޑްރިޑް އަތުން ސެންތިއާގޯ ބާނެބެއުގައި ބަލިވީ 2-0 ންނެވެ. ރެއާލްގެ ލަނޑުތައް ކާމިޔާބު ކުރީ ވިނީސިއުސް ޖޫނިއާ އާއި މަރިއާނޯ ޑިއަޒް އެވެ. އެއީ ބާނެބެއުގައި ކުޅުނު އެންމެ ފަހު މެޗެވެ. މާޗް މަހު ކުޅުނު އެ މެޗުގެ ފަހުން ކޮވިޑް-19 އާ ގުޅިގެން ސީޒަން މެދުކަނޑާލުމުން ރެއާލުން ފެށީ އެ ސްޓޭޑިއަމް މަރާމަތު ކުރުމުގެ މަސައްކަތެވެ.

ކްލެސިކޯގެ ކުރިން މި އަންނަ ހޮނިހިރު ދުވަހު ކާޑިޒް އާ ދެކޮޅަށް ރެއާލް ނުކުންނާނެ އެވެ. އަދި ޗެމްޕިއަންސް ލީގްގެ ފުރަތަމަ މެޗުގައި އަންނަ ބުދަ ދުވަހު ޝަކްޓާ އާ ދެކޮޅަށް ރެއާލް އަމިއްލަ ދަނޑުގައި ނުކުންނާނެ އެވެ. އެ މެޗު ކުޅޭނީ ބާނެބެއުގަ އެވެ. ކޮރޯނާ ވައިރަސް އަށް ފަހު ކުޅުނު މެޗުތަކުގައި ރެއާލްގެ ހޯމް މެޗުތައް ކުޅުނީ އެ ޓީމުގެ ބީ ޓީމުގެ ދަނޑު އަލްފްރެޑޯ ޑި ސްޓެފާނޯ ސްޓޭޑިއަމްގަ އެވެ. ޗެމްޕިއަންސް ލީގްގެ ސްޓޭންޑަޑަށް އެ ދަނޑުގެ އިންތިޒާމުތައް ހަމަނުޖެހޭތީ އެ މެޗު އެ މުބާރާތުގެ މެޗުތައް އެ ސްޓޭޑިއަމްގައި ކުޅުމުގެ ހުއްދައެއް ޔޫއެފާއިން ނުދެ އެވެ.

އެލްކްލެސިކޯގެ ކުރިން، ބާސާއަށް އަރާމު ކުރަން އިތުރު އެއްދުވަސް ދުވަސް ލިބޭނެ އެވެ. މި އަންނަ ހޮނިހިރު ދުވަހު ގެޓާފޭ އާ ދެކޮޅަށް ކުލޭ މެޗަށް ފަހު ޗެމްޕިއަންސް ލީގް ގުރޫޕް ސްޓޭޖުގައި ފެރެންކާވޯސް އާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހުގަ އެވެ.

އެލްކްލެސިކޯ މެޗު ކުރިމަތީގައި އޮތް އިރު ދެ ޓީމަށް ވެސް އަނިޔާގެ މައްސަލަ ވަނީ ކުރިމަތި ވެފަ އެވެ. ބާސާގެ ކީޕަރު އެންޑްރޭ ޓާ ސްޓެގަން އެ މަޗަށް ފިޓްވާނެ ކަމަށް ބާސާއިން އުންމީދު ކުރެ އެވެ. ރެއާލް މެޑްރިޑްގެ އެޑްން ހަޒާޑް އާއި ޓޯނީ ކުރޫޒް ވެސް ހުރީ އަނިޔާ ގަ އެވެ. އެ މެޗަށް އެ ދެ ކުޅުންތެރިން ވެސް ފިޓް ވާނެ ކަމަށް މިހާރު ވަނީ ބެލެވިފަ އެވެ.