ކެބިނެޓް

ސީޑީއާރުއައިގައި ރާއްޖެއިން ބައިވެރިވާން ނިންމައިފި

"ޗާޓާ އޮފް ދަ ކޯލިޝަން ފޯ ޑިޒާސްޓާ ރެޒިލިއަންޓް އިންފްރާސްޓްރަކްޗާ" (ސީޑީއާރުއައި) ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި އެވެ.

މިއަދު މެންދުރުފަހު އޮންލައިންކޮށް ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަޝްވަރާ ކުރެއްވުމަށްފަހު ވަޒީރުންގެ ލަފާފުޅާއެކު ދިވެހިރާއްޖެއިން ބައިވެރިވުމަށް ނިންމެވި ޗާޓަރަކީ ދެމެހެއްޓެނިވި ތަރައްގީ ކަށަވަރު ކުރުމަށްޓަކައި މޫސުމާއި ކާރިސާތަކުން އަރައިގަނެ ގައުމުތަކުގެ އުމްރާނީ ތަރައްގީގެ ކަންކަން ވަރުގަދަކޮށް ކުރިއެރުވުމަށްޓަކައި ގައުމުތަކާއި އދގެ އެޖެންސީތަކާއި ޕްރޮގްރާމްތަކާއި މަލްޓިލެޓަރަލް ޑިވެލޮޕްމަންޓް ބޭންކުތަކާއި މާލީ އިންތިޒާމްތަކާއި ޕްރައިވެޓް ސެންޓަރުގެ އިތުރުން އިލްމީ މަރުކަޒުތައް ހިމެނޭ ގޮތުން އެކުލަވާލާފައިވާ ބައިނަލްއަގްވާމީ ޕާޓްނާޝިޕެއް ކަމަށް ސަރުކާރުން ބުނެއެވެ. ސީޑީއާރުއައި ގައި ސަރުކާރުން ބައިވެރިވުމާއި ގުޅޭގޮތުން ޑިފެންސުން ވަނީ ވަޒީރުންގެ މަޖިލީހަށް ކަރުދާހެއް ހުށައަޅާފައެވެ.

މި ޗާޓަރުގެ މައިގަނޑު މަގްސަދަކީ އުމްރާނީ ވަސީލަތްތަކަށް ކާރިސާތަކުން ލިބޭ ގެއްލުން ކުޑަ ކުރެވޭނެ ފަދަ ގޮތަކަށް އެ ވަސީލަތްތައް ތަރައްގީ ކުރުމާއި، މިހާރުވެސް ގާއިމްވެފައި ހުރި އެފަދަ ވަސީލަތްތައް އެފަދައިން ބަދަލުކުރުމަށް ބާރުއެޅުމެވެ. އަދި މި ޗާޓަރުގެ މަގްސަދުތަކާއި ތަސައްވުރާއި ލަނޑުދަނޑިތައް ފަރުމާކޮށްފައިވަނީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާއި މޫސުމަށް އަންނަ ބަދަލުތަކާއިބެހޭ ޕެރިސް އެއްބަސްވުމުގައި ހިމެނިފައިވާ ބައެއް ކަންކަމާއި ސެންޑައި ފްރޭމްވޯކް ފޯ ޑިޒާސްޓާ ރިސްކް ރިޑަކްޝަންގައިވާ ކަންކަމާއި އދ ގެ އެޖެންޑާ 2030 ގައިވާ ކަންކަން ހާސިލް ކުރުމަށް ބާރުއެޅޭނެ ގޮތަކަށެވެ.

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ދިވެހިރާއްޖެއިން މި ޗާޓަރުގައި ބައިވެރިވުމަށް ނިންމެވިއިރު މިއަދަކީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގެ ދުވަހެވެ.