ބޭރު ކުޅިވަރު

މަހުޖަނު މަންސޫރު ހަވާލުވި ފަހުން ސިޓީ އަށް ފައިދާވެއްޖެ

އަބޫދާބީގެ މަހުޖަނު ޝެއިހް މަންސޫރު ހަވާލުވި ފަހުން މެންޗެސްޓާ ސިޓީ އަށް ފުރަތަމަ ފަހަރަށް ފައިދާވެއްޖެ އެވެ.

އެކުލަބުން ހާމަކޮށްފައިވާ މިދިޔަ ސީޒަނުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ކުލަބަށް ވަނީ 10.7 މިލިއަން ޕައުންޑް ފައިދާވެފަ އެވެ. މިއީ އޭގެ ކުރީގެ ސީޒަނުގައި 22.9 މިލިއަން ޕައުންޑް ގެއްލުންވުމަށްފަހު ލިބުނު ފައިދާއެކެވެ.

މީގެ އިތުރުން ސިޓީން ވަނީ ކުލަބުގެ ހަރަދުތައް ޖެހިޖެހިގެން ދެ ވަނަ އަހަރެއްގައި ކުޑަކޮށްފަ އެވެ. މި ގޮތުން 2013 ވަނަ އަހަރުގެ ސީޒަނުގައި ހަރަދުގެ ގޮތުގައި 205 މިލިއަން ޕައުންޑް ހޭދަވެފައިވާއިރު މިދިޔަ ސީޒަނުގައި ހަރަދުވެފައިވަނީ 193.5 މިލިއަން ޕައުންޑެވެ. ނަމަވެސް ސިޓީ އަށް މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ކަޓަންޖެހުމާއެކު މެޗު ކުޅޭ ދުވަސްތަކުގެ އާމްދަނީ ވަނީ ދަށްވެފަ އެވެ.

ސީޒަނުގެ ހަރަދުގެ ގޮތުގައި މިދިޔަ އަހަރު މެންޗެސްޓާ ޔުނައިޓެޑުން ކޮށްފައިވަނީ 203 މިލިއަން ޕައުންޑެވެ. އާސެނަލްއިން 192.2 މިލިއަން ޕައުންޑްކޮށްފައިވާއިރު ޗެލްސީނހް ވަނީ 192.7 މިލިއަން ޕައުންޑް ހަރަދުކޮށްފަ އެވެ.

ކުލަބުގެ ފައިދާވުމާ ގުޅިގެން ޗެއާމަން ހަލްދޫން އަލް މުބާރާކަ ވަނީ މިއީ ދިގު މުއްދަތުގެ ރަނގަޅު ޕްލޭނެއްގެ ދަށުން ކާމިޔާބުވި ކަމަށް ބުނެފަ އެވެ.