ލައިފްސްޓައިލް

ޖަލެއްގައި ޑިގްރީ ނަގާފައިވާ ގައިދީން ރެކޯޑް އަދަދަކަށް

އިންޑިޔާގެ އުތުރުގައި އޮންނަ ސްޓޭޓެއް ކަމަށްވާ އުއްތަރު ޕްރަދޭޝް (ޔޫޕީ) އަކީ ޖިނާއީ ކުށްކުރުން ވަރަށް މައްޗަށް ގޮސްފައިވާ ސްޓޭޓެކެވެ. ދާދިފަހުން ހިނގި ހަތަރަސް ގޭންގްރޭޕްގެ ހާދިސާވެސް ހިނގީ މި ރީޖަންގައި ކަމަށް ވުމާއެކު މި ހިސާބުގަނޑު އަދި މާ ބޮޑަށް ކުށްކުރުމުގެ ހާއްޔެއްގެ ގޮތުގައި މަޝްހޫރުވެފައި ވެއެވެ.

ކުށްކުރުމުގައި ހުރިހާ ސްޓޭޓްތަކުގެ ތެރެއިން އަރާހުރި ސްޓޭޓަކަށް ޔޫޕީ ވެފައިވާތީ އެ ސްޓޭޓްގެ ޖަލުތަކުގައި ވެސް އެހެން ސްޓޭޓްތަކުގެ ޖަލުތަކުގައި ނެތްވަރަށް ގައިދީން އެބަތިއްބެވެ. ނަމަވެސް އެންމެ އަޖައިބުވާ ފަދަ ކަމަކަށް މި ޖަލުތަކުން ފެންނަ ބޮޑު ހަގީގަތަކީ ޖަލުތަކުގައި ތިބި ގައިދީންގެ ތެރޭގައި ގިނައީ ޑިގްރީ ނަގާފައިވާ ތައުލީމީ މީހުންނަށް ވީކަމެވެ. މީގެ ތެރޭގައި އިންޖިނިއަރިން ޑިގްރީ އާއި ޕޯސްޓް ގްރެޖުއޭޓް ޑިގްރީ އޮތް މީހުން ރެކޯޑް އަދަދަކަށް އެބަތިއްބެވެ. މިކަން ހާމަކޮށްފައިވަނީ އެ ގައުމުގެ ކަމާ ބެހޭ އޮތޯރިޓީތަކުން ނެރެފައިވާ "ކްރައިމް އިން އިންޑިޔާ" 2019 ގެ ރިޕޯޓުގަ އެވެ.

ޓައިމްސް އޮފް އިންޑީޔާގައިވާ ރިޕޯޓެއްގައިވާ ގޮތުން ޔޫޕީގެ ޖަލުތަކުގައި ތިބި ގައިދީންގެ ތެރެއިން 3،740 މީހެއްގެ އަތުގައި ޓެކްނިކަލް ޑިގްރީއެއް އެބައޮތެވެ. ވީމާ ކުށް ކުރަނީ ނުކިޔާ ތިބޭ މީހުން ކަމަށް ކުރިން ހީކުރެވިފައިވާ ހީކުރުމަކީ ހަގީގަތެއް ނޫންކަން މިކަމުން ދޭހަވާ ކަމަށް ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.

އެންމެ ގިނަ ޕޯސްޓް ގްރެޖުއޭޓުން ވެސް ތިބީ ޔޫޕީ ޖަލުތަކުގަ އެވެ. މުޅި އިންޑިޔާގައި ހުރި ހުރިހާ ޖަލުތަކުގައި ތިބި ޕޯސްޓް ގްރެޖުއޭޓް ގައިދީންގެ އަދަދު 5،282 އަށް އަރާއިރު މީގެ ތެރެއިން 2،010 މީހުން ތިބީ ޔޫޕީ ޖަލުތަކުގަ އެވެ.

އުއްތަރު ޕްރަދޭޝްގެ ޑައިރެކްޓަރު ޖެނެރަލް (ޑީޖީ) ޕްރިޒަންސް، އާނަންދު ކުމާރު ވިދާޅުވީ ޓެކްނިކަލް ގްރެޖުއޭޓްސް ގައިދީންގެ ތެރޭގައި ގިނައީ ކުށް ސާބިތުވެ ހުކުމް ކޮށްފައި ތިބި މީހުންނާއި ޑައުރީގެ މައްސަލަތަކުގައި އަންހެނުން މަރާލައިގެން އެ މައްސަލަ ކޯޓުގައި ހިނގަމުންދާތީ ހައްޔަރުކޮށްފައި ތިބި މީހުންނާއި ރޭޕްގެ މައްސަލަތަކުގައި ޝަރީއަތް ނިމެންދެން ހައްޔަރުކޮށްފައި ތިބި މީހުންނެވެ.

"ވަރަށް މަދު ބަޔަކު ފައިސާއަށް ޚިޔާނާތްތެރިވުމުގެ މައްސަލަތަކުގައި ޖަލަށް ލާފައި ތިބީ،" ކުމާރު ބުންޏެވެ.
ގައިދީންގެ ގޮތުގައި ތިބި އިންޖިނިއަރުންނާއި އެނޫންވެސް ފަންނުތަކުގެ ތައުލީމީ މީހުންގެ ބޭނުން ވަރަށް ރަނގަޅަށް ޖަލުތަކުން ހިފަމުންދާ ކަމަށް ކުމާރު ވިދާޅުވި އެވެ.

"ގައިދީންގެ ތެރޭގައި ތިބި އިންޖިނިއަރިން ނުވަތަ ޓެކްނިކަލް ބެކްގްރައުންޑް ހުރި މީހުން ޖަލުތަކުގެ ޓެކްނޮލޮޖީ އަޕްގްރޭޑް ކޮށްދިނުމުގެ މަސައްކަތް އެބަކުރޭ. މިސާލަކަށް ހުނަރުވެރި ބައެއް އިންޖިނިއަރުން ގުޅިގެން އީ-ޕްރިޒަން މޮޑިއުލްސް ވެސް ތައްޔާރުކޮށްފައި އެބަހުރި. އަނެއް ބަޔަކު ޖަލުގެ އިންވެންޓްރީ ސިސްޓަމް ކޮމިއުޓަރައިޒޭޝަން ކޮށްދޭން އެހީތެރިވެދީފި. އަދި ޖަލުގައި ރޭޑިއޯތައް ހަރުކުރުމުގައި ވެސް އެމީހުން މުހިއްމު ރޯލެއް ކުޅެދީފައިވޭ. ވަރަށް ގިނަ މީހުން ޓީޗަރުންނަށް ވެގެން އީ-ލިޓްރަސީ ޕްރޮގްރާމެއްގެ ދަށުން ގައިދީންނަށް ލިޔަން ކިޔަން ދަސްކޮށްދީ ވެސް އެބަހަދާ،" ޖަލުތަކުގެ އިސް ވެރިޔާ ވިދާޅުވި އެވެ.

އުއްތަރު ޕްރަދޭޝްގެ ޕްރިޒަންސް ޑިޕާޓްމަންޓުގައި މޮޑެލް ޖަލުގެ އެއް ޖަލު، ސެންޓްރަލް ޖަލުގެ ފަސް ޖަލު، ޑިސްޓްރިކްޓް ޖަލުގެ 61 ޖަލު އަދި ދެ ސަބް ޖަލު ހުރެ އެވެ. ޖުމްލަ 71 ޖަލު މި ސްޓޭޓްގައި އެބަ ހިންގަ އެވެ.