އިންޑީޔާގެ މޯދީނަގަރްގެ ސަބް-ޑިވިޝަނަލް މެޖިސްޓްރޭޓް ސޯމްޔާ ޕާންޑޭ އަކީ ގާޒީއާބާދު ޑިސްޓްރިކްޓްގެ ކޮވިޑް ކަންތައްތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވުމަށް ނަގާފައިވާ ކޮމެޓީގެ އޮފިޝަލެކެވެ. އެހެންވެ ވިހައިގެން ވެސް މާ ގިނަ ދުވަހު ގޭގައި އަރާމުކުރަން ހުންނަން ސޯމްޔާ ބޭނުމެއް ނުވި އެވެ. އޭނާއާ ހަވާލުކުރެވިފައިވާ ޒިންމާގެ ބޮޑުކަމާއި މި ވަގުތަށް އެ ޒިންމާ އަދާކުރުމުގެ މުހިއްމުކަން ބޮޑުކަމުންނެވެ. އެހެންވެ ވިހޭތާ އެންމެ 14 ދުވަސް ފަހުން ސޯމްޔާ ވަނީ ޑިއުޓީ އަށް ނުކުމެފަ އެވެ. އެވެސް އޭނާގެ ތުއްތު ދަރިފުޅު ގޮވައިގެންނެވެ.
އިންޑިޔާގެ ނޫސް އެޖެންސީއަކަށް ދިން އިންޓަވިއު އެއްގައި ސޯމްޔާ ބުނީ އޭނާ އަކީ އައިއޭއެސް އޮފިސަރެއް ކަމަށާއި މުޅި ޑިސްޓްރިކްޓް ބެލެހެއްޓުމުގެ ޒިންމާ އެޅިފައިވަނީ އޭނާގެ ކޮނޑުގައި ކަމަށެވެ. އެހެންވެ ކޮވިޑް ފަދަ ވަރުގަދަ ވަބާއެއް ފެތުރިފައިވާ މި ދުވަސްވަރު އޭނާގެ ޚިދުމަތް ވަރަށް ބޮޑަށް ގައުމަށް ބޭނުންވާކަން ގަބޫލު ކުރެވޭ ކަމަށެވެ.
"ކޮވިޑް-19ގެ ސަބަބުން ހުރިހާ އެންމެންގެ ޒިންމާ ވެސް ވަނީ ވަރަށް ބޮޑުވެފައި. ދަރިއަކު ވިހެއުމާއި އެ ދަރިއަކު ގެންގުޅެ ބޮޑުކުރުމުގެ ހިތްވަރާއި ފަންވަރު ކަލާންގެ ވަނީ އަންހެނުންނަށް ދެއްވާފައި. އިންޑިޔާގެ ރަށްފުށު ހިސާބުތަކުގައި އުޅޭ އަންހެނުން ބަލިވެ އިނދެގެން އުޅޭ ދުވަސްވަރު އާއި ވިހައިގެން މާ ގިނަ ދުވަސްތަކެއް ނުވެ ތެދުވެ ދަރިން ބެލުމާއި ގޭގައި ކުރަން ޖެހޭ ހުރިހާ ކަމެއްގައި ވަރަށް ބުރަކޮށް އުޅެން ފަށާ. އަހަރެންނަށް ނަސީބަކުން ކުރަން މި ޖެހެނީ އޮފީހުގެ މޭޒު ދޮށުގައި އިނދެގެން ކުރަން ޖެހޭ އެޑްމިނިސްޓްރޭޓިވް މަސައްކަތް،" ސޯމްޔާ ބުންޏެވެ.
ސޯމްޔާ ބުނި ގޮތުގައި އޭނާއަށް އާއިލާ އާއި އެކުގައި މަސައްކަތްކުރާ އެންމެންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ބަލިވެ އިނދެގެން އުޅުނުއިރު ވެސް އަދި ވިހެއުމަށްފަހު ވެސް ދަނީ ލިބެމުންނެވެ.
"ޖުލައި އިން ސެޕްޓެމްބަރަށް އަހަރެން ހުރީ ގާޒީއާބާދުގައި ހުންނަ ކޮވިޑަށް ޚާއްސަކޮށް ހުރި އޮފިސަރެއްގެ ގޮތުގައި. ސެޕްޓެމްބަރު މަހު އަހަރެން 22 ދުވަހުގެ ޗުއްޓީއެއް ނެގިން. އެއީ ސިޒޭރިއަން ހަދަން ޖެހިގެން. ސިޒޭރިއަން ހަދައިގެން ދެ ހަފުތާ ފަހުން ޑިއުޓީ އަށް މި ނިކުތީ،" ސޯމްޔާ ބުންޏެވެ.
ސޯމްޔާ ބުނި ގޮތުގައި ދަރިފުޅު ގޮވައިގެން އޭނާ ވެސް ޑިއުޓީގައި އުޅެނީ ދަރިފުޅުގެ ރައްކާތެރިކަމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކޮށްގެންނެވެ. ހަމަ އެގޮތަށް މާބަނޑު މީހުންނާއި ކުޑަ ދަރިން ގެންގުޅޭ އެންމެން ވެސް ފަރުވާތެރިވާން ޖެހޭނެ އެވެ.