ހުޅުމާލޭ ފަޅުގައި އޮތް ދޯންޏަޔަކުން ފެނުނު 130 ކިލޯގެ މަސްތުވާތަކެއްޗާއެކު ހަތް މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ މިދިއަ ހޯމަ ދުވަހު ހިންގި އޮޕަރޭޝަނުގައި އެ މަސްތުވާތަކެއްޗާއެކު ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި ހަތް މީހުންގެ ތެރޭގައި ހިމެނޭ ހަ މީހުންނަކީ 25 އަހަރާއި 48 އަހަރާ ދެމެދުގެ ފިރިހެނުންނެވެ. ދެން ހިމެނެނީ 18 އަހަރުން ދަށުގެ ކުޑަކުއްޖެކެވެ.
ފުލުހުން އިތުރަށް ބުނީ ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަނޑުމަތީގައި ހިންގި މި އޮޕަރޭޝަނުގައި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމަށް ބޭނުންކުރި ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކޮށްފައިވާއިރު، އެދޯނިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.
އަދި މި އޮޕަރޭޝަނުގައި މިހާތަނަށް ހުޅުމާލޭގެ ތިން އެޕާޓްމަންޓަކާއި މާލޭގެ ދެ ގެއެއްވެސް ބަލައިފާސްކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.
މިތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އިސްކޮށްހުރި ފަރާތްތަކަކީ ގއ. ވިލިނގިލި/ލައިޓްހައުސް، ޝަހީބް އިބްރާހިމް (42އ) އާއި ހއ. ހޯރަފުށި/ ވައިލެޓްވިލާ، އަހްމަދު މޫސާ (48އ) އެވެ.
މި ދެމީހުންގެ ތެރެއިން ޝަހީބް އިބްރާހިމް އަކީ 2019 ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރާން ބޯޓުގެ މައްސަލައާ ގުޅުން އޮތް ފަރާތެކެވެ.
އަދި މަސްތުވާތަކެތި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހިފެހެއްޓި އިރާން ބޯޓުން ހައްޔަރުކުރި ހަތް މީހުންނާއި ޖާމިނު ވެފައިވަނީ ޝަހީބް އިބްރާހިމް އެވެ. އަދި އެމައްސަލާގައި ޝަހީބް އިބްރާހިމްއާއި އީރާން 7ހަތް މީހުން ކްރިމިނަލް ކޯޓުން ވަނީ ބަންދުން ދޫކޮށްލާފަ އެވެ.
ފުލުހުން ހިންގި މި އޮޕަރޭޝަނުގައި މަސްތުވާތަކެތި ރާއްޖެއިން އެތެރެކުރި ދޯނިން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ކުޑަކުއްޖާގެ ބަންދަށް ޖުވެނައިލް ކޯޓުންވަނީ 10 ދުވަހުގެ މުއްދަތެއް ދީފައެވެ. އަދި ޝަހީބް އިބްރާހިމްގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފައިވާއިރު އަޙްމަދު މުސާގެ ބަންދަށް ފަސް ދުވަހުގެ މުއްދަތެއް އެކޯޓުންވަނީ ދީފައެވެ.
މިމައްސަލާގައި ދެން ހިމެނޭ ހަތަރު މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުންވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
ފުލުހުން ގެންދަނީ މަސްތަކުވާތަކެއްޗާ ދެކޮޅަށް ބޮޑެތި އޮޕަރޭޝަންތައް ހިންގަމުންނެވެ. މިދިއަ ހަފްތާގައި އައްޑޫގައިި ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައިވެސް 100 ކިލޯ އެއްހާ ޑްރަގް ފުލުހުން ވަނީ ހޯދާފަ އެވެ.