ހިރިލަންދޫ

އޮޑިހަރުގެއެއް ވެއްޓި ފަސް މީހަކަށް އަނިޔާވެއްޖެ

ތ. ހިރިލަންދޫގައި އަޅަމުން ދިޔަ އޮޑިހަރުގެއެއް ވެއްޓި ބަޔަކަށް ބޮޑެތި އަނިޔާތައް ލިބި އެކެއްގެ މައިބަދައިގައި ރެނދުލައިފި އެވެ.

ހިރިލަންދޫ ކައުންސިލް ރައީސް މުހައްމަދު ޖަލާލު މިއަދު ވިދާޅުވީ އެ ރަށުގައި އަޅަމުން ދިޔަ އޮޑިހަރުގެއެއްގެ ގެހެރިގަނޑު ވެއްޓުނީ، ހަރުގެ ހިޔާ ކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ. އަދި ވިދާޅުވީ ހަރުގެ ވެއްޓުނު ވަގުތު މަސައްކަތު އުޅުނު މީހުންގެ ތެރެއިން ދިވެހިންގެ ތިން މީހަކާއި ދެ ބިދޭސީއަކަށް އެކިވަރުގެ އަނިޔާތައް ވެފައިވާ ކަމަށެވެ.

އެ ފަސް މީހުނަށް ފަރުވާ ދިނީ އަތޮޅުގެ ވެރިރަށް ވޭމަންޑޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ފޮނުވައިގެނެވެ.

ހަރުގެ ދަށުވި ފަސް މީހުންގެ ތެރެއިން ދިވެހި އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބުނެވެ. އޭނާގެ މޫނުމަތިން ބޮޑުތަނެއް ކަފައިގެން ގޮސް ޒަހަމްވެފައިވާއިރު މައިބަދައިގައި ރެނދުލާފައިވެ އެވެ. އަނެއް ހަތަރު މީހުންގެ ތެރެއިން ދެ ބިދޭސީންނަށް ފަރުވާދިނުމަށް ފަހު ރޭގެ ވަގުތެއްގައި ހޮސްޕިޓަލުން ދޫކޮށްލާފަ އެވެ. ތިން ދިވެހިން އަދި ތިބީ ފަރުވާގަ އެވެ. އެ ތިން މީހުންގެ ހާލުވެސް މިހާރު ސީރިއަސް އެއް ނޫނެވެ.

ހިރިލަންދޫގައި މި ހާދިސާ ހިނގާފައިވަނީ އިއްޔެ މެންދުރު ފަހު އެވެ. ރާއްޖޭގައި މިހާރު އޮޑިހަރުގެ އަޅާ އުޅެނީ ވަރަށް މަދު ރަށެއްގަ އެވެ.