ހަބަރު

ޝަރީއަތް ނިމެންދެން ޔުނާންގެ ދެމަފިރިން ބަންދު

ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުވި މައްސަލާގައި ހައްޔަރު ކޮށްފައިވާ ފިލްމީ ތަރި ޔުނާންގެ ދެމަފިރިން ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން އަމުރުކޮށްފި އެވެ.

ޔުނާން އާއި އޭނާގެ އަންހެނުން، ރިހުލާ ހައްޔަރު ކޮށްފައި ވަނީ ޖިންސީ ގޯނާގެ މައްސަލައެއްގައި މި މަހު ހަތަރު ވަނަ ދުވަހު އެވެ. އެ ދެމަފިރިންގެ ބަންދަށް ފުރަތަމަ ހަތް ދުވަސް ޖެހުމަށް ފަހު، މި ހަފުތާ ހޯމަ ދުވަހު ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން ވަނީ އަމުރު ކޮށްފަ އެވެ.

ޔުނާން އާއި ރިހުލާގެ މައްޗަށް ކުޑަކުއްޖަކާއެކު ގަދަ ކަމުން ޖިންސީ އަމަލެއް ހިންގުމުގެ ތުހުމަތުކޮށް އެ މައްސަލަ ފުލުހަށް ރިޕޯޓް ކޮށްފައި ވަނީ ޔުނާންގެ އެއްބަނޑު އެއްބަފާ ބޭބެ ކަމަށް ވެއެވެ.

އެ ދެމަފިރިން ހައްޔަރުކުރީ އެމީހުން ދިރިއުޅޭ އެޕާޓްމަންޓް ކައިރީ ބަޔަކު މުޒަހަރާ ކޮށް ދެމީހުން ހައްޔަރު ކުރަން ގޮވާފައި ވަނިކޮށެވެ.