ހަބަރު

ދެ ނޫސްވެރިއަކަށް އިންޒާރު ދިން މައްސަލަ ބަލަން ފަށައިފި

ދިޔަރެސް ނޫހުގެ ދެ ނޫސްވެރިއަކަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހްމީ އިންޒާރު ދެއްވި ކަމަށް ބުނާ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ. އިންޒާރު ދިން ކަމަށް ކުރެވޭ ތުހުމަަތު އަލްހާން ދޮގު ކުރައްވައެވެ.

ދިޔަރެސް ނޫހުގެ ނޫސްވެރިޔާ އަހުމަދު އަޒާން ބުނީ އޭނާއާ އެ ނޫހުގެ އެހެން ނޫސްވެރިއަކަށް އަލްހާން އިންޒާރު ދެއްވާފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހަށް ހުށައެޅީ އެ ނޫހުގެ ފަރާތުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ދިޔަރެސް ނޫހުގެ ދެ ނޫސްވެރިއަކަށް އިންޒާރު ދިން މައްސަލަ ބަަލަމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.

ތުހުމަތުތައް ދޮގުކޮށް އަލްހާން ވެސް ވަނީ ވާހަކަދައްކާފައެވެ. އޭނާ ވިދާޅުވީ ނޫސްވެރިންނަށް އިންޒާރު ނުދޭ ކަމަށެވެ. އަދި އެ ދެ ނޫސްވެރިން އޭނާއަށް ފުރައްސާރަކުރި ކަމަށެވެ. އެ މައްސަލަ ފުލުހަަށް ރިޕޯޓް ކުރި ކަމަށްވެސް އަލްހާން ވިދާޅުވިއެވެ.