ފިނިޕޭޖް

"އަނގުރު" ބަލައިފިންތަ؟

ޑާކްރެއިން އެންޓަޓެއިންމަންޓުން ބެލުންތެރިންނަށް ގެނެސްދޭން ނިމި ކުރު ފިލްމުތަކުގެ ތެރެއިން ދެވަނަ ފިލްމު ޔޫޓިއުބަށް ލައިފި އެވެ. "އަނގުރު" ގެ ނަމުގައި ގެނެސްދިން ކުރު ފިލްމު ބެލުންތެރިންނަށް ދޫކޮށްލާފައިވަނީ ޑާކްރެއިންގެ ބާނީ މުހައްމަދު އަލީ (މޮގާ) ގެ އުފަންދުވަހާއި ދިމާކޮށެވެ.

ފިލްމުގައި ފެނިގެން ދަނީ ކުޅަދާނަ ފިލްމީ ތަރި ހަސަން މަނިކު އާއި ދާއިރާއަށް އައު ދެ ފެންނާނުންނެވެ. ދިހަ މިނެޓްގެ މި ކުރު ފިލްމުގައިވެސް ޝައުގުވެރި ކަންކަން ހިމަނާފައިވެއެވެ.

"ޝޯޓްސް" ގެ ދަށުން ފުރަތަމަ ގެނެސްދިން "ދައުވަތު" ބެލުންްތެރިންނަށް ގެނެސްދީފައިވަނީ މި މަހުގެ ފުރަތަމަ މަހުގައެވެ.

ޑާކްރެއިންއިން މިހާރުވެސް ގެންދަނީ ގިނަ ފިލްމުތަކެއްގެ މަސައްކަތް ކުރަމުންނެވެ. އެ މީހުންގެ ފިލްމް "ނޮވެންބަރު" ގެ މަސައްކަތް މުޅިން ނިމިފައިވާއިރު "ބަޅިނދު" އަދި "ބީވީމާ" ގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ. އަދި "ރެހެނދި ހަދީޖާ" ގެ ނަމުގައި ވެސް ފިލްމެއް އުފެއްދުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.