ޒަކާތް

މަތީ ތައުލީމަށް ޒަކާތު ފަންޑުންދޭ ހާއްސަ އެހީއަށް ހުޅުވާލައިފި

މަތީ ތައުލީމަށް ޒަކާތު ފަންޑުންދޭ ހާއްސަ އެހީއަށް ހުޅުވާލައިފި އެވެ.

މީގެ ކުރިންވެސް ޒަކާތު ފަންޑުން މަތީ ތައުލީމަށް ފުރުސަތު ހުޅުވާލައެވެ. ނަމަވެސް މީގެ ކުރިން ފުރުސަތު ހުޅުވާލަނީ މުޅިން އަލަށް މަތީ ތައުލީމް ފަށައިގަންނަ ދަރިވަރުންނަށެވެ. އެއީ އޭރު އުސޫލު ހަަމަޖެހިފައިވާ ގޮތެވެ. އިސްލާމިކް މިނިސްޓްރީން ވަނީ އެ އުސޫލު ބަދަލުކޮށް މަތީ ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރުންގެ ތެރެެއިން ފުއްދުންތެރިކަން ނެތުމުގެ ސަބަބުން ކިޔެވުން ކުރިއަށް ގެންދިއުމަށް ދަތިވާ ކުދިންނަށްވެސް ޒަކާތު ފަންޑުން އެހީތެރިވެވޭނެ ގޮތަށް އުސޫލު ބަދަލުކޮށްފައެވެ. އަދި އެ އުސޫލު ގެޒެޓްކޮށްފައެވެ.

އަވަސްއާ ވާހަކަ ދައްކަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ މަތީ ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރުންގެ ތެރެއިން ފުއްދުންތެރިކަން ނެތުމުގެ ސަބަބުން ކިޔެވުން ކުރިއަށް ގެންދިއުމަށް ދަތިވެފައިވާ ދަރިވަރުންނަށް ހާއްސަ އެހީއަށް އެހުށައެޅުމުގެ ފުރުސަތު މިއަދު ހުޅުވާލާފައިވާ ކަމަށެވެ. އެ ފުރުސަތު ނޮވެންބަރު މަހުގެ ފަނަރަ ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މި ބަދަލަކީ މިވަގުތުގެ ހާލަތަށް ބެލުމަށްފަހު ގެނެސްފައިވާ ބަދަލެއް. އިރާދަ ކުރެއްވިއްޔާ ކުރިއަށް އޮތްތާވެސް މިކަން މި ގޮތުގައި ދެމި އޮންނާނެ. އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ތިން ފަހަރު މި ފުރުސަތު ހުޅުވާލަން އަޅުގަނޑުމެން ވަނީ ގަސްތުގައި،" މިނިސްޓަރު ވިދާޅުވިއެވެ.

ޒަކާތު ފަންޑުންދޭ ހާއްސަ އެހީއަށް އެދެވޭނީ ވަކި ދާއިރާތަކަކުން ކިޔަވާ ދަރިވަރުންނަށެވެ.

ސްކޮލާޝިޕް ޝަރުތުތައް

  • މާލީ ގޮތުން ފުދުންތެރި ކަމެއް ނެތް، ޒަކާތް ލިބުން ހައްގުވާ ގިންތިއެއްގައި ހިމެނޭ މީހެއް ކަމުގައި ވުން،
  • އިސްލާމީ ޝަރީއާ ހުއްދަ ކުރާ ކޯހެއް ކަމުގައި ވުން،
  • ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ، ގައުމީ ސަނަދުތަކުގެ އޮނިގަނޑުގައިވާ ލެވެލް 5އިން ފެށިގެން ލެވެލް 10ގެ ނިޔަލަށް ހިމެނޭ ކޯހެއްގައި ކިޔަވާ ދަރިވަރެއް ކަމުގައި ވުން،
  • ފުލްޓައިމް ކޯހެއްގައި ތައުލީމު ހާސިލުކުރުމަށް އެދޭ ދަރިވަރަކަށް ވުން،
  • ހާސިލުކޮށްފައިވާ ތައުލީމީ ސެޓުފިކެޓަށްވުރެ މަތީ ފެންވަރެއްގެ ކޯހެއްގައި ތައުލީމު ހާސިލުކުރުމަށް އެދޭ ދަރިވަރެއް ކަމުގައި ވުން،
  • ދިވެހި ސަރުކާރުން ނުވަތަ ދިވެހި ސަރުކާރު މެދުވެރިވެގެން ނުވަތަ ދައުލަތުގެ އެހެން މުއައްސަސާއަކުން ވިޔަސް ހިލޭ އެހީގެ ގޮތުގައި ފުރުސަތު ލިބިގެން ކިޔެވުމުގެ ހަރަދު ހަމަޖެހިފައިވާ ދަރިވަރެއް ކަމުގައި ނުވުން،
  • މަތީ ތައުލީމު ހާސިލުކުރުމަށް މީގެ ކުރިން، ދައުލަތުގެ މުއައްސަސާއަކުން ލޯނުގެ އެހީއެއް ލިބިފައިވާ ދަރިވަރެއް ނަމަ، ހާއްސަ ހާލަތެއް މެދުވެރިވެގެން މެނުވީ އެ ލޯނުގެ ފައިސާ ދައްކައި ހަލާސްކޮށްފައިވުން ނުވަތަ ގަވާއިދުން ފައިސާ ދައްކަމުންދާ ދަރިވަރެއް ކަމުގައި ވުން،
  • މަތީ ތައުލީމާއި ދައުލަތުގެ ވުޒާރާއިން ބްލެކް ލިސްޓް ކުރާ އެއްވެސް އުސޫލަކުން ބްލެކް ލިސްޓް ވެފައިވާ ދަރިވަރެއް ކަމުގައި ނުވުން،
  • އުމުރުން 18 އަހަރު ފުރިފައިވާ އަދި 50 އަހަރު ފުރިފައި ނުވާ، ދިވެހި ރައްޔިތެއް ކަމުގައި ވުން،
  • ކޯހަށް ވަނުމަށް ބޭނުންވާ ކްރައިޓީރިއާ ހަމަވުން،

މީގެ އިތުރުން ސްކޮލާޝިލް ދިނުމުގައި އިސްކަން ދޭނެ އުސޫލުތަކާއި ސްކޮލާޝިޕް ދެވޭނެ ކޯސްތަކާއި އެ ކޯސްތަކުގެ މުއްދަތާއި ގުޅޭ މައުލޫމާތުވެސް ގެޒެޓްކުރި އުސޫލުގައި ހިމަނާފައިވެއެވެ.