އެޗްޕީއޭ

އެޗްޕީއޭ އިންސްޕެކްޝަން: 4،425 ތަނެއް ބަލައިފި

ކޮވިޑް-19އާ ގުޅިގެން އާންމުކޮށްފަައިވާ ގައިޑްލައިންތަކާއި އެއްގޮތަށް އަމަލު ކުރަމުން ގެންދޭތޯ ބެލުމަށް ކުރިއަށް ގެންދާ މާސް އިންސްޕެކްޝަންގައި މިހާތަނަށް 4،425 ތަނެއް އިންސްޕެކްޓް ކޮށްފި އެވެ. މި އިންސްޕެކްޝަން މާލެެ އާއި އަތޮޅުތެރޭގައިވެސް ކުރިއަށް ގެންދެއެވެ.

މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މާސް އިންސްޕެކްޝަންގައި މާލެއިން 3277 ތަނެއް ބަލާފައިވާ ކަމަށެވެ. އަދި އަތޮޅުތެރެއިން 1561 ތަނެއް ވަނީ ބަލާފައެވެ.

އަތޮޅުތެރެއިން ބަލާފައިވަނީ 1148 ފިހާރަ އާއި 51 ސެލޫން އާއި 22 މާރުކޭޓް އަދި ފަސް ޖިމެވެ. މާލެ ސިޓީން ބަލާފައިވަނީ 2534 ފިހާރަ އާއި 586 ކެފޭ އާއި 122 ސެލޫން އާއި 17 ޖިމް އަދި 18 މާރުކޭޓެވެ.

ގިނަ ތަންތަން އެޗްޕީއޭގެ މިންގަނޑަށް ފެތެއެވެ. އިންސްޕެކްޝަންގައި މިހާތަނަށް ބަންދުކޮށްފައިވަނީ 112 ތަނެކެވެ. އޭގެ ތެރެއިން 103 ތަނެއް އުސޫލަށް ފެއްތުމުން މިހާރުވެސް ވަނީ ހުޅުވުމުގެ ހުއްދަ ދީފައެވެ.

ނަޒްލާ ވިދާޅުވީ މުޅި އިންސްޕެކްޝަން ނިންމާލެވޭނީ ކުރިއަށް އޮތް ހަފްތާ ބަންދަށްފަހު ކަމަށެވެ.

މި އިންސްޕެކްޝަންގައި އުސޫލާއި ހިލާފުވާ ތަންތަން ވަގުތުން ބަންދުކުރާނެއެވެ. އެއީ ފުރަތަމަ ފަހަރު 48 ގަޑިއިރަށެވެ. ދެވަނަ ފަހަރު އެތަނެއް ބަންދުކުރާނީ 1000 ރުފިޔާއިން ޖޫރިމަނާކޮށް 72 ގަޑިއިރަށެވެ. އަދި ތިންވަނަ ފަހަރު 1000 ރުފިޔާއިން ޖޫރިމަނާކޮށް ފަސް ދުވަހުގެ މުއްދަތަށެވެ. އުސޫލުތަކަށް އެ ތަނެއް ފެއްތުމަށްފަހުވެސް ހުޅުވަން ހުއްދަދޭނީ އެ މުއްދަަތަށް ފަހު ކަމަަށްވެސް އެޗްޕީއޭއިން ބުންޏެވެ.