ތ. ވިލުފުށީ ގެއަކުން ފަައިސާތަކެއް ވަގަށް ނެގި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މަހުގެ ނުވަވަނަ ދުވަހު ހުށައެޅި އެ މައްސަލައާ ގުޅިގެން ކޯޓް އަމުރެއްގެ ދަށުން ދެ މީހަކު ހައްޔަރުކުރި ކަމަށެވެ. އެއީ އުމުރުން 26 އަހަރާއި 36 އަަހަރުގެ ދިވެހި ދެ ފިރިހެނުންނެެވެ. އެ މީހުންގެ ބަންދާއިމެދު ގޮތް ނިންމަން ކޯޓަށް ހާޒިރުކުރުމުން 36 އަހަރުގެ މީހާގެ ބަންދަށް 10 ދުވަސް ވަނީ ދީފައެވެ. އަދި 26 އަހަރުގެ މީހާ ޝަރުތަކާއެކު ވަނީ ދޫކޮށްލާފައެވެ. އޭނާ ދޫކޮށްލީ 15 ދުވަސްވަންދެން ޒަރޫރީ ބޭނުމަކަށް ނޫނީ ވިލުފުށިން ފުރައިގެން ނުދިނުމަށް ޝަރުތުކޮށެވެ.
މި މައްސަލާގައި ވަގަށް ނަގާފައިވަނީ ކިހާ އަަދަދެއްގެ ފައިސާއެއް ކަމެއް ފުލުހުން ނުބުނެއެވެ. އަދި އެ ފައިސާ ފެނުނު ކަމެއް ނުވަތަ ނުފެންނަ ކަމެއްވެސް ނުބުނެއެވެ. މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަަށް ބުންޏެވެ.