މޯލްޑިވްސް ޕޮލިސް ސާވިސް

ރައީސްގެ ހަށިކޮޅުގައި ރޯކޮށްލަން ބުނި މީހާގެ ބަންދަށް 15 ދުވަސް

ޗެނެލް 13" އިން ގެނެސްދިން ޕްރޮގްރާމެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅުގައި ހުޅު ޖަހަން ބޭނުންވާ ކަމަށް ބުނި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

ޓެރަރިޒަމަށް ވާގި ދިން އެ މައްސަލާގައި ތ. ވިލުފުށިން ހައްޔަރު ކޮށްފައި ވަނީ އެ ރަށު އިރުއައްސޭރި، މުހައްމަދު އިބްރާހިމެވެ. އޭނާ ހައްޔަރު ކުރީ މިއަދު އެވެ. އުމުރުން 47 އަހަރުގެ އެ މީހާ ހައްޔަރު ކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

ސިޔާސީ އިދިކޮޅު ހަރަކާތްތަކުގެ ވާހަކަތަކަށް އިސްކަން ދީފައި އޮންނަ ޗެނެލް 13 އިން "ރައްޔިތުންގެ އަޑު" ގެ ނަމުގައި ގެނެސްދިން ޕްރޮގްރާމެއްގައި މުހައްމަދު އިބްރާހިމް ބައިވެރިވެ އޭނާ ވަނީ "ރައީސް ސޯލިހުގެ ހަށިކޮޅުގައި މިހާރުން މިހާރަށް ހުޅުޖަހަންޖެހޭ" ކަމަށް ބުނެފަ އެވެ.

އޭގެ ފަހުން އޭނާ އެހެން ބުނާ އަޑު ހިމެނޭ ގޮތަށް ޗެނަލް 13 އިގެ އެ ޕްރޮގްރާމްގެ ވީޑިއޯ ކޮޅެއް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެ ރާއްޖޭގެ ގިނަ ބައެއްގެ ނުރުހުން އަމާޒުވެފައި ވެއެވެ.

ފުލުހުން ބުނީ އެ މީހާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ. އަދި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަަށެވެ.