ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

ރާއްޖޭގެ އާބާދީގެ 20 ޕަސެންޓަށް ހިލޭ ވެކްސިން

ކޮވިޑް-19 އަށް ވެކްސިނެއް ލިބުމުން ރާއްޖޭގެ އާބާދީގެ 20 ޕަސެންޓް މީހުނަށް ވެކްސިން ދެވޭނެ މިންވަރަށް ހިލޭ ވެކްސިން ލިބޭނެ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑް-19 އަށް ވެކްސިނެއް ހޯދުމުން އެ ވެކްސިން ގަތުމަށް ރާއްޖެއިން ވަކި އަދަދެއް އަދި ކަނޑައަޅާފައި ނުވާ ކަމަށާ އެކަމަށް ކުރާނެ ހޭދައިގެ ސީދާ އަދަދެއް ވެސް އަދި ނުނިންމާ ކަމަށެވެ. އަދި ވެކްސިން ލިބޭނެ މާކެޓް ރޭޓެއް ވެސް އެނގިފައި ނުވާ ކަމަށެވެ.

ނަޒްލާ ވިދާޅުވީ މިހާރުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނުވަ ވެކްސިނެއް ފޭސް ތްރީ މަރުހަލާގައި ވާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދޭ ވެކްސިން ތަފާތުވެސް ވާނެ ކަމަަށެވެ. އަދި މިފަދަ ބަލިތަކުން ސަލާމަތްވުމަށް ދޭންޖެހޭ ވެކްސިންގެ ތަފާތު ޑޯޒްތައް ވެސް ހުންނާނެ ކަމަށާ އާންމުކޮށް ކޮންމެ ވެކްސިނެއްގައި ތިން ޑޯޒް ހިމެނޭ ކަމަށެވެ.

ރާއްޖޭގެ މުޅި އާބާދީއަށް ވެކްސިން ދިނުމަށް ވަރަށް ބޮޑު ހަރަދެއް ހިނގާނެ ކަމަށާ އެއީ ވަރަށް ބުރަ އަދި ބޮޑު މަސައްކަތަށް ވެސް ވާނެ ކަމަށް ނަޒްލާ ވިދާޅުވި އެވެ. ނަޒްލާ ވިދާޅުވީ ކޮވިޑް-19 އަށް ވެކްސިނެއް ލިބުމުން ރާއްޖޭގެ އާބާދީގެ 20 ޕަސެންޓް މީހުންނަށް ވެކްސިން ދެވޭނެ މިންވަރަށް ހިލޭ ވެކްސިން ލިބޭނެ ކަމަށެވެ.

"ރާއްޖެ ވަނީ ކޮވެކްސް ފެސިލިޓީގައި ބައިވެރިވެފައި. އަދި ރާއްޖެއަކީ އެ ބޭފުޅުން ކެޓަގަރިޒް ކުރައްވާ ގޮތުގައި އެޑްވާންސް މާކެޓް ކޮމިޓްމަންޓް ގުރޫޕްގެ ތެރޭގައި ހިމެނޭ ބައެއް، ނޫނީ އޭއެމްސީ ކަންޓްރީއެއް. އޭގެ މާނައަކީ ރާއްޖޭގެ ދިރިއުޅޭ އާބާދީގެ 20 ޕަސެންޓް މީހުންނަށް ހިލޭ ޑޯނާ ފަންޑްސްގައި ހިލޭ ވެކްސިން ލިބޭނޭ. އެ އަދަދަށް ވެކްސިނަށް ހަރަދު ކުރާކަށް ނުޖެހޭނެ،"

ވިހި ޕަސެންޓް މީހުންނަށް ދޭނެ ވެކްސިން ހިލޭ ލިބުނު ނަަމަވެސް އެ މީހުންނަށް ވެކްސިން ދިނުމަށް ގިނަ ހަރަދުތަކެއް ހިނގާނެކަން ވެސް ނަޒްލާ ފާހަގަ ކުރެއްވި އެވެ. އޭނާ ވިދާޅުވީ ކޮވިޑްގެ ވެކްސިނެއް ހޯދުމުން ޑަބްލިއުއެޗްއޯގެ އެހީތެރިކަން ރާއްޖެއަށް ލިބޭނެ ކަމަށާ އެ ޔަގީންކަން ލިބިފައިވާ ކަމަށެވެ.

ކޮވިޑް-19 ދުނިޔޭގެ 38 މިލިއަނަށްވުރެ ގިނަ މީހުންނަށް ޖެހި މިލިއަނަކަށްވުރެ ގިނަ މީހުން އެ ބަލީގައި މަރުވެފައިވާއިރު އެ ބަލިން ދުނިޔެ ސަލާމަތްވެ އާންމު ހާލަތަށް އާދެވެން އޮތީ ވެކްސިނެއް ލިބިގެނެވެ. ކޮވިޑަށް ވެކްސިނެއް ހޯދުމަށް ދުނިޔޭގެ އެކި ގައުމުތަކުގައި ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.