ފިނޭންސް މިނިސްޓްރީ

އަތޮޅު ހޮސްޕިޓަލްތަކެއް އަޅާނެ ބަޔަކު ހޯދަނީ

Oct 15, 2020
1

ދެ ރަށެއްގެ ޓާޝަރީ ހޮސްޕިޓަލާއެކު، އިތުރު ހޮސްޕިޓަލްތަކެއް އަޅައި ދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނު ކޮށްފި އެވެ.

ފިނޭންސުން ކޮށްފައިވާ އިއުލާނުގައި ބުނި ގޮތުގައި ކޮންޓްރެކްޓާ ފައިނޭންސްގެ ދަށުން ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުޅުދުއްފުއްޓާއި ގދ. ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލެއް އަޅައިދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ.

އުތުރާއި ދެކުނުގެ މި ދެ ރަށުގައި ހޮސްޕިޓަލް އަޅަން ކުރިމަތިލާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 2.3 މިލިއަން ރުފިޔާ ބަހައްޓަން ޖެހެ އެވެ. ފިނޭންސުން ބުނި ގޮތުގައި މި މަސައްކަތަށް ޝަރުތު ހަމަވާ ފަރާތެއް ހޯދާނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައިސީބީ) ގެ އުސޫލުންނެވެ.

މި ދެ ހޮސްޕިޓަލުގެ އިތުރުން ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ދެން އިއުލާނު ކޮށްފައި ވަނީ ކުޑަހުވަދޫގައި ދ. އަތޮޅު ހޮސްޕިޓަލާއި އޭދަފުށީގައި ބ. އަތޮޅު ހޮސްޕިޓަލް ތަރައްގީ ކުރުމުގެ މަސައްކަތާއި ހއ. ދިއްދޫގައި އެ އަތޮޅު ހޮސްޕިޓަލް އާ އިމާރާތުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދާށެވެ.

މި މަޝްރޫއުތަކާ ބެހޭ ގޮތުން ސުވާލެއް ކުރަން ބޭނުން ނަމަ މި މަހުގެ 22 ގެ ކުރިން ފިނޭންސަށް އީމެއިލް ކުރަންޖެހެ އެވެ. ސަރުކާރުން ދަނީ އަތޮޅުރަކުގައި ސިއްހީ ހިދުމަތް ތަރައްގީ ކުރަން ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ.