އިންޑިޔާގެ ސްޓޭޓެއް ކަމަށްވާ ޓެމިލް ނާޑޫގެ ސާލީމްގައި ދިރިއުޅޭ ބާލަސުބްރަމަނިއާ ކުމާރު 74، މަރުވީ ކަމަށް ނިންމައި އޭނާގެ ކޮއްކޮ ވަނީ އެ މީހާގެ ހަށީގަނޑު ފްރީޒަރަކަށް ލާފަ އެވެ.
ފުލުހުންނަށް މި ޚަބަރު ލިބިގެން އައިސް އެމީހާ އެ ފްރީޒަރުން ނަގައިގެން ހޮސްޕިޓަލަށް ގެންގޮސް މިހާރު ދަނީ ފަރުވާ ދެމުންނެވެ.
އިންޑިޔާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި ކުމާރު ދިރި އުޅެނީ އޭނާގެ ކޮއްކޮ ސަރްވަނަން އާއެކުގަ އެވެ. އޮކްޓޯބަރު 12 ވަނަ ދުވަހު ސަރްވަނަން ކުންފުންޏަކަށް ގުޅައި ގަބުރުލާ ފްރީޒާ ބޮކްސް އެއް ކުއްޔަށް ހިފާފަ އެވެ. އޭނާގެ ބޭބެ މަރުވި ކަމަށް ނިންމާފަ އެވެ. ފްރީޒާ ބޮކްސް އެ ގެއަށް ގެނައުމުން އާއިލާގެ އެހެން މީހުން ވެސް ބައިވެރި ވެގެން ސަރްވަނަން ވަނީ އޭނާގެ ބޭބެ އެ ފްރީޒާ ބޮކްސް އަށް ލައި އޭނާ މަރުވެއްޖެ ކަމަށް ހުރިހާ އެންމެންނަށް އަންގާފަ އެވެ.
މިކަން ފަޅާ އެރީ ފްރީޒާ ބޮކްސް ކުއްޔަށް ދިން ކުންފުނީގެ މީހުން އެ ފޮށި ބަލާ އަނެއް ދުވަހު އެ ގެއަށް އައުމުންނެވެ. އެ މީހުން އައިސް ފޮށި ހުޅުވިއިރު އޭގެ ތެރޭގައި އޮތް މީހާ ނޭވާ ލާކަން އެނގިގެން އަވަށްޓެރިންނާއި ކަމާ ބެހޭ އޮފިޝަލުންނަށް އެންގީ އެވެ. ކުރީ ރޭއްސުރެ ފެށިގެން އެމީހާ އޮތީ އެ ފްރީޒާ ބޮކްސް ތެރޭގަ އެވެ. އެ ވަރުން ވެސް އޭނާ މަރުނުވެ ވަނީ ސަލާމަތް ވެފަ އެވެ.
އެވަރުން ވެސް ސަރްވަނަން ގޮތެއް ދުލެއް ނުކުރެ އެވެ. އޭނާ ބުނަނީ ބޭބެ އޮތީ މަރުވެފައި ކަމަށެވެ.
ފުލުހުން ފަހުން ބުނެފައިވަނީ ކުމާރުގެ އާއިލާއިން އޭނާގެ މަރުވޭތޯ އިންތިޒާރުކުރާތާ ވަރަށް ގިނަ ދުވަސް ވެއްޖެ ކަމަށެވެ.
މިހާރު ސަރްވަނަން ފުލުހަށް ހާޒިރުކޮށް މި މައްސަލަ ވަނީ ބަލަން ފަށާފަ އެވެ. ގަސްތުގައި އިންސާނަކަށް ގެއްލުމެއް ދިނުމަށް މަސައްކަތް ކުރި މީހަކަށް އަންނަ ހުކުމް މީނާގެ މައްޗަށް އަންނާނެ ކަމަށް ބެލެވެ އެވެ.