ކުޅިވަރު

ކުރީގެ ކަމެއްގައި ކާލޯސް އާއި ހޮޖްސަން އަރާރުމަކަށް

މީގެ އަހަރުތަކެއް ކުރިން ހިނގައިދިޔަ މައްސަލައެއްގައި ބްރެޒިލްގެ ކުރީގެ ޑިފެންޑަރު ރޮބާޓޯ ކާލޯސް އާއި ކުރިން އޭނާއަށް ކޯޗް ކޮށްދިން ކްރިސްޓަލް ޕެލަސްގެ މިހާރުގެ ކޯޗް ރޮއީ ހޮޖުސަން އަރާރުން ވެއްޖެ އެވެ.

ހޮޖްސަންގެ ކޯޗް ކަމުގެ ދަށުން، ކާލޯސް ވަނީ 1995 އިން 1996 ގެ ސީޒަންގައި އިންޓަ މިލާނަށް ކުޅެފަ އެވެ. ކާލޯސް ތުހުމަތު ކުރަނީ ސެރީ އާ ގައި އޭނާގެ ކެރިއާ ހަލާކު ކޮށްލީ ހޮޖްސަން ކަމަށެވެ. އެއް ސީޒަންގައި އިންޓަ މިލާންގައި ހޭދަ ކުރުމަށް ފަހު އެ ކުލަބު އޭނާ ދޫކޮށްލަން ޖެހުނީ ވެސް ހޮޖްސަންގެ ސަބަބުން ކަމަށް ކާލޯސް ތުހުމަތު ކުރި އެވެ.

އިންޓަ މިލާން ދޫކޮށް، އެ އަހަރު ކާލޯސް ބަދަލުވީ ރެއާލް މެޑްރިޑަށެވެ. އެ ކުލަބުގައި 11 އަހަރު ވަންދެން ކުޅުނު ކާލޯސްވީ އެ ކުލަބުގެ ލެޖެންޑަކަށެވެ.

ކާލޯސްގެ ވާހަކަ ތައް ހޮޖްސަން ދޮގު ކުރެ އެވެ. އޭނާ ބުނީ ކާލޯސް ދައްކަނީ ތަކުންތާކު ނުޖެހޭ ވާހަކަ ކަމަށެވެ.

"އޭރު މެޗުތައް ބެލި ކޮންމެ މީހަކަށް އެނގޭނެ އަހަރެން އޭނާ ލައްވައި ވާތު ވިންގަށް ކުޅުވި ވަރާ ގާތަށް ވެސް އެހެން އެއްވެސް ތަނެއްގައި އޭނާ އަށް އެ މަގާމަށް ނުކުޅެވޭނެ،" ދަ އިޓާލިއަން ފުޓްބޯލް ޕޮޑްކާސްޓަށް ދިން އިންޓަވިއުގައި އިންޓަ އަށް ދެ އަހަރު ވަންދެން ކޯޗް ކޮށްދިން ހޮޖްސަން ބުންޏެވެ. "އަހަރެން ހުރިއިރު އިންޓައަށް އޭނާ ކުޅުނު ކޮންމެ މެޗެއްގައި ކުޅު ވާފައި ވަނީ ވާތު ބެކަށް."

"އަހަރެން ހަނދާން ވާ ކަމެއް. އަހަރެން އިންޓަ ޓީމުގައި ހުރިއިރު ފުރަތަމަ ހަ މެޗު ނުވަތަ ހަތް މެޗުގައި އޭނާ ޖެހި ހަތަރު ގޯލް ހިލޭ ޖެހުންތަކުން. އޭގެ ފަހުން ސީޒަންގެ ބާކީ ބައިގައި އޭނާ ވަނީ 28 ފްރީ ކިކް ޖަހާފަ އެކަމަކު އެންމެ ލަނޑެއްވެސް ކާމިޔާބު ނުކުރެވޭ، ވީމާ އަހަންނަށްނަކަށް ނޭންގެ އެއީ އަހަރެންގެ މައްސަލައެއް ކަމެއް."

ކާލޯސް ތުހުމަތު ކުރަނީ އޭނާގެ ރަސްމީ މަގާމު ފިޔަވައި އެހެން މަގާމަކަށް ހޮޖްސަން އޭނާ ކުޅުވާ ކަމަށެވެ. އެހެންނަމަވެސް ހޮޖްސަން އެ ތުހުމަތުތައް ދޮގު ކުރެ އެވެ. އޭނާ ބުނީ ކާލޯސް އިންޓަ އަށް ބަދަލު ވީ އެ ޥާތު ބެކަށް ކުޅެން ކަމަށެވެ. ކުލަބުންވެސް އޭނާ އަށް މަުލޫމާތު ދިނީ އެގޮތަށް ކަމަށް ހޮޛްސަން ބުންޏެވެ.

"ޑިފެންސު ކުރުމަށް ވުރެ އޭނާ މޮޅީ ކުރިއަށް އަރައިގެން ދިއުމަށް."

ހޮޖްސަން ބުނީ ކާލޯސް އިންޓައިން ދޫކޮށް ދިއުން އެއީ އެ ކުލަބުން ނިންމި ނިންމުމެއް ކަމަށެވެ. ކޯލާސްއަށް ބަހުގެ ހަމަލާތައް ދިން ނަމަވެސް އަދިވެސް އޭނާ އާއެކު ރަނގަޅު ގުޅުމެއް އޮންނަކަނަށް ހޮޖްސަން ބުންޏެވެ.