ކުޅިވަރު

ޔުނައިޓެޑާއި ލިވަޕޫލުގެ ހުށަހެޅުން ބޭރުކޮށްލައިފި

އިނގިރޭސި ޕްރިމިއާ ލީގަށް ބަދަލުތަކެއް ގެންނަން މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް ގުޅިގެން ހުށަހެޅި ޕްރޮޖެކްޓަށް އިނގިރޭސި ކުލަބުތަކުން ދެކޮޅު ހަދައި މަޝްވަރާތަކުން އެ މައްސަލަ ބޭރު ކޮށްލައިފި އެވެ.

ޕްރިމިއާ ލީގަށް ބޮޑެތި އިސްލާހު ތަކެއް ގެނައުމަށް "ޕްރޮޖެކްޓް ބިގް ޕިކްޗާ" ގެ ނަމުގައި ޔުނައިޓެޑާއި ލިވަޕޫލުން އެކުލަވާލަފައިވާ ޕްރޮޕޯސަލް ބަލައި ނުގަތުމަށް އިއްޔެ ބޭއްވި ކުލަބުތަކުގެ ކުއްލި ބައްދަލުވުމުގައި ފާސް ކޮށްފައިވާ ކަމަށް ޕްރިމިއާ ލީގުން ބުނެ އެވެ.

އެ ޕްރޮޖެކްޓް ބަލައި ނުގަންނަން ފާސް ކުރުމަށް ފަހު ކުލަބުތަކުން ވަނީ އިނގިރޭސި ފުޓްބޯޅަ ކުރިއަށް ގެންދިއުމަށް އާ ޕްލޭނެއް އެކުލަވާލުމަށް މަސައްކަތް ކުރުމަށް އެއްބަސް ވެފަ އެވެ. އަދި ލީގް އެކެއް އަދި ލީގް ދޭއްގެ ކުލަބުތަކަށް ކުރިމަތި ވެފައިވާ މާލީ ދަތިތައް ނައްތާލުމަށް 50 މިލިއަން ޕައުންޑް ހޭދަ ކުރަން ވަނީ ނިންމިފަ އެވެ.

ކުލަބުތަކުގެ މެދުގައި ވަރަށް ބޮޑަށް ހިޔާލު ތަފާތުވެފައިވާ "ޕްރޮޖެކްޓް ބިގް ޕިކްޗާ" ގައި ހިމެނޭ މައިގަނޑު އިސްލާހު ތަކަކީ ޕްރިމިއާ ލީގްގެ ކުލަބުތަކުގެ އަދަދު 20 އިން 18 އަށް މަދު ކުރުން، އިނގިރޭސި ލީގް ކަޕާއި ކޮމިޔުނިޓީ ޝީލްޑް ހުއްޓާލުން ޓީވީ ރައިޓްސްގެ 25 ޕަސަންޓް އިނގިރޭސި ފުޓްބޯޅަ ލީގަށް ލިބުން މެޗުތަކުގެ ބްރޯޑްކާސްޓް ފައިސާ ކުލަބުތަކެގެ މެދުގައި ހަމަހަމަ އަށް ބެހުމެވެ.

މީގެ އިތުރުން ޕްރިމިއާ ލީގްގައި އޮންނަ މަޝްހޫރު ބޮޑު ހަ ކުލަބަށް ބޮޑު ނުފޫޒެއް ލިބޭގޮތަށް ވެސް އެ ޕްރަޕޯސްލްގައި ހިމެނެ އެވެ. އެ ޕްރަޕޯސަލް ހުށަހެޅީ ޔުނައިޓެޑާއި ލިވަޕޫލްގެ އިތުރުން ފުޓްބޯލް ލީގްގެ ޗެމާން ޕިކް ޕެރީ ގުޅިގެންނެވެ.