ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރުގެ ސަސްޕެންޝަން އުވާލައިފި އެވެ. ޝާހު ސަސްޕެންޑް ކުރީ އޯގަސްޓް މަހުގެ 17 ވަނަ ދުވަހު އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ ސަސްޕެންޝަން އުވާލާފައިވާކަން ޝާހަށް އަންގާފައިވާ ކަމަށެވެ. އަދި އަންނަ އާދީއްތަ ދުވަހުން ފެށިގެން އޮފީހަށް ނުކުންނަވާ މަސްއޫލިއްޔަތުތަކާއި ހަވާލުވެވަޑައިގަތުމަށް ދަންނަވާފައިވާ ކަމަށެވެ.
ޝާހުގެ ސަސްޕެންޝަން އުވާލާފައި މިވަނީ ވެންޓިލޭޓަރު މައްސަލައާ ގުޅިގެން ޝާހުގެ މައްޗަށް ދައުވާ ނުކުރަން އޭސީސީން ނިންމާފައި ވާތީ އެވެ.
އޭސީސީން މައްސަލަ ނިންމި ގޮތް އަންގާފައިވާ ލިޔުން، ޝާހު މާހިރަށް ވަނީ ހަވާލު ކޮށްފަ އެވެ. އެ ލިޔުމުގައި ބުނެފައިވަނީ، ވެންޓިލޭޓަރު މައްސަލައިގައި ހެލްތު މިނިސްޓްރީގެ ބިޑު ކޮމިޓީން އެއްބަސްވުންތަކުގެ މުއްދަތު އިތުރު ކުރުމަށް ނިންމުމުގައި ރިއާޔަތް ކޮށްފައިވާ ސަބަބުތަކަކީ އެ ހާލަތަށް އެކަށީގެންވާ ސަބަބުތަކެއް ކަމަށް ތަހުގީގަށް ފެންނަ ކަމަށެވެ.
އަދި، އެއްބަސްވުންތަކުގައި ސޮއި ކުރި އިރު ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައިނުވި ނަމަވެސް މުއްދަތު އިތުރު ކުރަން ނިންމި އިރު ބޯޑަރު ބަންދު ކޮށްފައިވާ ކަމަށާއި ހެލްތު މިނިސްޓްރީން އެ ދުވަސްވަރު ކުރިއަށްގެންދިޔަ ޕްރޮކިއުމަންޓުތަކާ ގުޅިގެން މުއްދަތު އިތުރު ކޮށްފައިވާކަން ފާހަގަވާ ކަމަށެވެ.
އެހެންކަމުން، ޝާހަށް ކޮށްފައިވާ ތުހުމަތާ ގުޅިގެން ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވާކަމަށް ކަނޑައަޅާ ކަމަށް އޭސީސީން ފޮނުވި ލިޔުމުގައި ބުނެފައި ވެ އެވެ.
ވެންޓިލޭޓަރު މައްސަލައިގައި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކޮށްފައިވާ ކަމުގެ ތުހުމަތާ އެކު ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި ބިޑް ކޮމިޓީގެ މެމްބަރުން ހިމެނޭހެން 11 ބޭފުޅެއްގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް އިއްޔެ ވަނީ ފޮނުވާފަ އެވެ.
މި މައްސަލައާ ގުޅިގެން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް އޭސީސީ ވަނީ ހާޒިރުކޮށްފަ އެވެ. ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރުމުން، ވެންޓިލޭޓަރު މައްސަލައިގައި ސާބިތު ކުރެވޭ ހެކި ނެތުމުގެ ސަބަބުން އެކަކުގެ ނަން ދައުވާ ކުރަން ނުފޮނުވާކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.