ކުޅިވަރު

ކްރިކެޓްގެ އާ އެކްސްކޯއިން ހިންގުމާ ހަވާލު ވެއްޖެ

ރާއްޖޭގެ ކްރިކެޓް ބޯޑް ރައީސްކަމަށް އިންތިހާބުވި މުހައްމަދު ފައިސަލް އާއި އޭނާގެ އެކްސްކޯގެ ކްރިކެޓް ބޯޑުގެ ހިންގުމާ މިއަދު ހަވާލު ވެއްޖެ އެވެ.

މިދިޔަ މަހު 26 ގައި ބޭއްވި އިންތިހާބުގައި ރައީސް ކަމަށް ވާދަ ކުރެއްވީ ފައިސަލް އެކަންޏެވެ. ކުރިން ޗައިނާގެ ސަފީރުކަން ކުރެއްވި ފައިސަލް ވަނީ ސްކޫލް ދައުރުގައި ކްރިކެޓް ކުޅުއްވާފަ އެވެ. ކްރިކެޓްބޯޑްގެ ވޮލެޓިއަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ފަހު ޖެނަރަލް ސެކެޓްރީގެ މަގާމު އަދާ ކުރައްވާފައި ވެއެވެ. އަދި އޭގެފަހުން ސީބީއެމްގެ ނައިބުރައީސްކަން ކުރެއްވި އެވެ.

ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު އަލުން ސީބީއެމްއަށް އޭނާ ވަޑައިގެންނެވީ ގިނަ އުންމީދު ތަކާއެކު އެވެ. ކްރިކެޓް ގްރާސް ރޫޓް ޑިވްލަޕްމެންޓް ހަރުދަނާ ކޮށް ސީނިއާ ގައުމީ ޓީމާއި އުމުރުފުރާތަކުގެ ގައުމީ ޓީމުތައް ހަރުދަނާ އޮނިގަނޑެއްގެ ތެރެއަށް ގެންނެވުމަކީ އޭނާގެ އެންމެ ބޮޑު ތަސައްވަރެވެ. އަދި ކްރިކެޓް ކުލަބު ހިންގުމުގެ ސިސްޓަމެއް އެކުލަވާލެއްވުމަށް އޭނާގެ ޕްލޭންގައި ވަނީ ހިމަނާފަ އެވެ.

ފައިސަލްގެ ނައިބު ރައީސް އަކީ، ކުރިން ކްރިކެޓް ގައުމީ ޓީމަށް ކުޅުއްވި އަހްމަދު ހުސައިން (ދޮނާ) އެވެ. އޭނާ ވަނީ ވިކްޓަރީ، ސީބީއެލް އަދި މާލެ ސްޕޯޓްސްގެ ކްރިކެޓް ޓީމަށް ކުޅުއްވާފަ އެވެ. ކުޅިވަރު މެނޭޖުމެންޓްގައި ތަޖުރިބާތަކެއް އޭނާ ވަނީ ހާސިލު ކުރައްވާފަ އެވެ. އެގޮތުން ކުރިން ވޯލީބޯޅަ އެސޯސިއޭޝަންގެ ހަޒާންދާރުގެ މަގާމުވެސް އަދާ ކުރެއްވި އެވެ.

ފުލް މެންބާ ރެޕްރެޒެންޓޭޓިވް ކަމަށް ހޮވިަވޑައިގެންނެވި ތިން ބޭފުޅުންނަކީ، ކްރިކެޓް އަމްޕެއާސް ކޮމިޓީގެ ކުރީގެ ޗެއާމަން މުހައްމަދު ރިޔާޒު، އުމުރުފުރާތަކުގެ ގައުމީ ޓީމަށް ކުރިން ކުޅުއްވި މުސްތާގް އަހްމަދު ދީދީ، އަދި 17 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗް ކަން ކުރިން ކުރެއްވި އަބްދުﷲ ސައުދާން އެވެ.

އެސޯސިއޭޓް މެންބަރުކަމަށް ހޮވިވަޑައިގަތީ ކުރިން ގައުމީ ޓީމުގައި ހިމެނުނު އަހްމަދު އާމިރު އާއި ފިޒިކަލް އެޑިއުކޭޝަންގެ ރޮނގުން މާސްޓާސް ހާސިލު ކޮށްފައިވާ ފާތިމަތު ރިޒްނާ އެވެ. އޭނާ ވަނީ ކުރިން ބާސްކެޓްބޯޅަ ވެސް ކުޅުއްވާފަ އެވެ. އިންޑަވިޖުއަލް މެންބަރުކަމަށް ހޮވި ވަޑައިގަތީ ރާއްޖޭގެ އުފެދުނު އެންމެ ކާމިޔާބު ކްރިކެޓް ކެޕްޓަން އަހްމަދު ކަލީމް އެވެ. ޓީމު އިވެންޓުން ރާއްޖެއިން ހޯދި އިންޓަނޭޝަނަލް ފުރަތަމަ ތަށި ހޯދީ ކްރިކެޓް ޓީމުން ކަލީމްގެ ކެޕްޓަން ކަމުގެ ދަށުންނެވެ.