ކުޅިވަރު

ކްރިކެޓްގެ ބޮޑު ބަދަލަށް ކުރެވޭ އުންމީދު

ދިވެހި ކްރިކެޓްގެ ލެޖެންޑަރީ ރައީސް އަހްމަދު ހަސަން ދީދީ، (އަހަންމާދީ) ގެ ބެލުމުގެ ދަށުން ކްރިކެޓްގެ ހިދުމަތަށް މުހައްމަދު ފައިސަލް ނުކުންނެވީ ވޮލެންޓިއަރެއްގެ ގޮތުގަ އެވެ. ކްރިކެޓް މާކެޓް ކުރުމަށާއި އެ ކުޅިވަރު ފުޅާ ކުރެއްވުމަށް ޕްލޭންތައް އެކުލަވާ ލެއްވުމުގައި ފައިސަލް އިސް ދައުރެއް އަދާ ކުރެއްވި އެވެ. އޭނާގެ ބެލުމުގެ ދަށުން އެކުލަވާލެއްވި މަސައްކަތް އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލުން ބަލައިގަނެ އަގުވަޒަން ކުރުމުގެ އެވޯޑްވެސް ރާއްޖޭގެ ކުރިކެޓަށް ދިނެވެ.

ފައިސަލްގެ މަސައްކަތާއި އޭނާގެ މުހިންމުކަން އެނގިވަޑައި ގެންނެވުމުން ކްރިކެޓް ބޯޑުގެ ފުރަތަމަ އިންތިހާބަށް ފަހު ބޯޑުގެ ޖެނަރަލް ސެކެޓްރީގެ މަގާމަށް ފައިސަލް އައްޔަން ކުރައްވަން އަހަންމައިދީ ނިންމެވި އެވެ. އަހަންމައިދީގެ ފަހު ދައުރުގައި އޭނާގެ ނައިބު ރައީސްކަމަށް ފައިސަލް ވަޑައިގެންނެވި އެވެ. މެދުކެނޑުމަކަށް ފަހު އަލުން ކްރިކެޓްގެ ތެރެއަށް އޭނާ ވަޑައިގެންނެވީ، މިދިޔަ މަހު ބޭއްވި އިންތިހާބުގައި ރައީސް ކަމުގެ މަގާމު ކާމިޔާބު ކުރައްވައިގެންނެވެ. ރާއްޖޭގެ ކްރިކެޓްގެ އެންމެ ކާމިޔާބު ދުވަސްތައް ވަރަށް ކައިރިން ފެނިވަޑައިގެން ތަޖުރިބާ ކުރެއްވި އެވެ. ކްރިކެޓް ބޯޑުގެ މަސައްކަތްތަކާ މިދިޔަ ބުރާސްފަތި ދުވަހު އޭނާގެ އެކްސްކޯއިން ރަސްމީކޮށް ހަވާލުވިރު، ފައިސަލްއަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކްރިކެޓް ހިންގެވުމުގައި އޮތް އޭނާގެ ސީވީ އެވެ. ހުރި ފުރުސަތުތަކާއި ހުރި ގެންޖެހުންތައް އޭނާއަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވަ އެވެ.

ފުޓްބޯޅަ އާއި ވޮލީބޯޅައަށް ރާއްޖޭގައި އޮތް ބޮޑު ފޯރިއެއް ކްރިކެޓަށް އެބައޮތް ހެއްޔެވެ. އެސުވާލު ފައިސަލްއާ ކުރެއްވުމުން އޭނާއަށް މަންޒަރު ފެނިވަޑައިގަންނަވާ ގޮތް ތަފާތެވެ. ރާއްޖޭގެ ގިނަ އަދެއްގެ ޒުވާނުން ބޭރުގެ ފުޓްބޯޅަ ލީގްތައް ބަލައެވެ. ހަމައެގޮތަށް އަވަށްޓެރި އިންޑިއާގެ ކްރިކެޓް ލީގް، އައިޕީއެލް ބަލާ ބޮޑު ކޮމިޔުނިޓީއެއް ރާއްޖޭގައި އޮތްކަމަށް ފައިސަލް ވިދާޅުވި އެވެ. އަދި ކްރިކެޓްގެ ވައިޑީޕީ ތެރޭގައި ހިމެނޭ ޒުވާން ކުޅުންތެރިންނާއި އިންޓަ ސްކޫލް މުބާރާތްތަކުގައި ވާދަ ކުރާ ސްކޫލް ކުދިންގެ މެދުގައިވެސް ކްރިކެޓް ފޯރި ހިފާފައި އޮތްކަން އޭނާ ފާހާގަ ކުރެއްވި އެވެ.

އޭނާ ގަބޫލު ކުރަށްވާ ގޮތުގައި ރާއްޖެއަށް ކްރިކެޓްގައި ފަހި އޯވަރެއް އެބައޮތެވެ. ބައިނަލްއަގްވާމީ ކުޅިވަރުގެ ޓީމު އިވެންޓް މުބާރާތަކުން ތަށި ހޯދި ފުރަތަމަ ކުޅިވަރަކީ ކުރިކެޓެވެ. އޭސީސީ ދެކުނު އިރުމަތީ އޭޝިއާގެ އިމާޖިން ނޭޝަންސް މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެއިން ވަނީ 2005 އަދި 2006 ގައި ހޯދާފަ އެވެ. އެހެން ކުޅިވަރަކަށް ބައިނަލްއަގްވާމީ މުބާރާތަކުން ތައްޓެއް ހޯދުނީވެސް އޭގެ ފަހުންނެވެ. ރާއްޖޭގެ ޑޮމެސްޓިކް ކުޅިވަރު މުބާރާތެއްގައި ސްޕޮންސަރެއްގެ ނަމަށް މުބާރާތުގެ ޓައިޓަލް ނަން ވިއްކި ފުރަތަމަ ކުޅިވަރަކީވެސް ކްރިކެޓެވެ. މިހަގީގަތްތަކުގެ މައްޗަށް ބުރަވެވަޑައިގެން އޭނާ ކުރިއަށް ވަޑައިގަންނަވަނީ ބޮޑު އުންމީދަކާއެކު އެވެ.

ފައިސަލް އާއި އޭނާގެ އެކްސްކޯގެ ހަތަރު އަހަރުގެ ދައުރުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނެ ދާއިރާތަކެއް ވަނީ ތަރުތީބު ކުރައްވާފަ އެވެ. ގްރާސް ރޫޓާއި ޔޫތު ޑިވްލަމްޕެމްޓުން ފެށިގެން ކުލަބު ސިސްޓަމުން ގައުމީ ޓީމު ހަރުދާނާ ކުރުމަށް ހުރި ޕްލޭންތަކެއް އޭނާ ހިއްސާ ކުރެއްވި އެވެ. އެކަން ކުރެއްވުމުގައި މައިގަނޑު ތިން އާސެއްގެ މައްޗަށް މަސައްކަތް ބިނާ ކުރުމަކީ އޭނާގެ ވިސްނުމެވެ.

މަސައްކަތް ބިނާ ކުރާނެ މައިގަނޑު ތިން އަސާސް

  • ގްރާސްރޫޓަށް ގިނަ ކުޅުންތެރިންތަކެއް
  • ހަރުދަނާ ކުލަބު ސިސްޓަމެއް
  • އައުޓް ސްޓޭޑިއަން ކްރިކެޓާސް


ކްރިކެޓްގެ ހުނަރުވެރި ކުޅުންތެރިންތަކެއް ހޯދޭނީ ގްރާސް ރޫޓްގެ ތެރެއަށް ގިނަ އަދެއްގެ ކުޅުންތެރިން އިތުރު ކޮށްގެން ކަމަށް ފައިސަލް ގަބޫލު ކުރައްވަ އެވެ. އެ މަސައްކަތަށް ކްރިކެޓްގެ ގްރާސް ރޫޓް އަލުން މުރާޖާކޮށް ބަދަލު ގެންނަން ޖެހޭކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"ވައިޑީޕީ އޮތީ މިހާރު ވަރަށް ބޮޑަށް ހީނަރުވެފައި އެއީ ވަރަށް ބޮޑު ޗެލެންޖެއް،" ކްރިކެޓް އިތުރަށް ތަރީގީކޮށް ފުޅާ ކުރުމަށްޓަކައި ހުރި ގޮންޖެހުންތަކާ ބެހޭގޮތުން އޭނާ ވާހަކަ ފެއްޓެވި އެވެ. "އަޅުގަނޑުމެންގެ މި ހަތަރު އަހަރުގެ މައިގަނޑު އެއް މަސައްކަތަށް ވާނެ ވައިޑީޕީ ސިސްޓަމް ހަރުދަނާކޮށް އާ މޮޑެލްއަކާ އެއްކޮށް ވައިޑީޕީ ފަށައިގަތުން. މިއާއެކު ލ. ކުނަހަންދޫ އާއި ފުވައްމުލަކު ސިޓީގައި ހިންގާ ޕްރޮގްރާމްގައި ވައިޑީޕީވެސް އެބަޖެހޭ ބަދަލުކޮށް ވަރުގަދަ ކުރަން، ތަފާތަކީ ރަށް ރަށުގައި ކުޅުންތެރިން ލިމިޓެޑް ވާނެ. މާލޭގައި (ކުޅުންތެރިންގެ) ނަންބާސް ގިނަ ވާނެ، ޗެލެންޖަކީވެސް އެއީ. އެކަމަކު އެއީ އޮޕަޗިއުނިޓީއެއްވެސްމެ. އަނެއްކާވެސް ރަނގަޅު ޕްލެޓްފޯމެއް އުފައްދައިގެން މަސައްކަތް ކޮށްފި ކަމަށް ވަންޏާމު ހަތަރު އަހަރު ނިމޭއިރު އަޅުގަނޑުމެންނަށް ލިބޭނެ ރަނގަޅު ޕޫލެއްގެ ކުޅުންތެރިންތަކެއް."

އެ ޕޫލްގެ ތެރެއިން އެންމެ "ކްރީމް" ކުޅުންތެރިންނަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރުމުގެ ވިސްނުން އޭނާ ހާމަ ކުރެއްވި އެވެ. ޔޫތު ޑިވްލަޕްމެންޓް މަސައްކަތަކީ ހަތަރު އަހަރުން ފުދޭނެ މަސައްކަތެއް ނޫނެވެ. އޭނާގެ ވިސްނުމަކީ މި ހަތަރު އަހަރު ނިމޭއިރު ވައިޑީޕީ މަސައްކަތް ވަކި ސިސްޓަމެއްގެ ތެރެއަށް ފެއްތުމެވެ. ހަތަރު އަހަރު ފަހުން ބާއްވާ އިންތިހާބުގައި ކޮންމެ ބަޔަކު އަޔަސް މެދުނުކެނޑި އެ ސިސްޓަމްގެ ހިނގަހިނގާ އޮންނާނެ ކަމުގެ ޔަގީން އޭނާއަށް އެބައޮތެވެ.

މިހާރު ރާއްޖެއަކީ އިމާޖިން ނޭޝަންގެ ގައުމެއް ނޫނެވެ. މިހާރު ރާއްޖެއަށް އޮތް ޗެލެންޖު ބޮޑެވެ. ރާއްޖޭގެ ކްރިކެޓް ހިމެނެނީ އައީސީސީ ޓީ 20 ގަ އެވެ. މިވަގުތު ރާއްޖޭގެ ރޭންކު އުޅެނީ 74 ވަނައިގަ އެވެ.

ރާއްޖޭން ޗައިނާއަށް ފޮނުވި ސަފީރުގެ މަގާމު ކުރިން އަދާ ކުރެއްވި ފައިސަލް ވިދާޅުވި، އޭނާގެ ހަތަރު އަހަރު ނިމެންވާއިރު ރާއްޖޭގެ ރޭންކް އެންމެ ދަށް ވެގެން 68 ށް މައްޗަށް ޖައްސާލުމަކީ ފައިސަލްގެ އުންމީދެވެ. އެކަން ކުރުމަށްޓަކައި ރާއްޖެއަށްވުރެ މަތީގައި އުޅޭ ގައުމުތައް ކަމަށްވާ. ނޭޕާލް، ކުވައިތު، ސައުދީ އަރަބިއާ އަދި އޮމާން ފަދަ ގައުމުތައް ބަލި ކުރަން ޖެހެ އެވެ. އެ ގައުމުތަކަކީ ރާއްޖެއަށް ވާދަ ކުރެވޭނެ ގައުމުތަކެވެ. އެ ޓާގެޓަށް ވާސިލު ވުމަށްޓަކައި ގައުމީ ޓީމު ހަރުދަނާ ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މުޅި ނެޝަނަލް ޓީމުގެ ސްޓްރަކްޗާވެސް އަޅުގަނޑުމެން ބަދަލު ކުރާނަން،" ފައިސަލް ވާހަކަ ކުރިއަށް ގެންދެވި އެވެ. "އެ ބަދަލު ކުރާއިރު ކުޅުންތެރިންގެ ކުޅުމުގެ ހުނަރުގެ އިތުރަށް އެމީހުންގެ މެންޓަލް ވެލްބީންގްއް އާއި ލައިފްސްޓައިލް ބަދަލު ކުރެވޭނެ ކަހަލަ ޕްރޮގްރާމެއްގެ ދަށަށް ކުރިއަށް ގެންދާނީ."

ހުނަރަށް ބަލާއިރު ރާއްޖޭގެ ކުޅުންތެރިންގެ ހުނަރު ދަށް ނުވާނެކަމުގެ ޔަގީންކަން ފައިސަލް ދެއްވި އެވެ. ރާއްޖެ މިހާރު ހިމެނޭ އޭސީސީ ވެސްޓަން ރީޖަންގެ އެންމެ ފަހުން މުބާރާތުގައިވެސް ރާއްޖޭގެ ކުޅުންތެރިންގެ ހުނަރު ވަރަށް ރަނގަޅަށް ފެނިގެން ދިޔަކަން އޭނާ ފާހަގަ ކުރެއްވި އެވެ. އެ މުބާރާތުގައި ރާއްޖޭގެ ޓީމުގެ ހަސަން އިބްރާހިމް ބޯލިންގައި އަދި މުހައްމަދު ރިޝްވާން ބެޓިންގްސްގައި ބޮޑު ކުރިއެރުމެއް ހޯދިކަން ފައިސަލް ފާހަގަ ކުރެއްވި އެވެ.

"މި ކުޅުންތެރިން އެބަހިމެނޭ ޓޮޕް ރޭންކިންގައި އޭސީސީ މުބާރާތުގައިވެސް އެހެންވީމަ މީގެއިން އަންގައި ދެނީ ކުޅުންތެރިންގެ ސްކިލްސް އެބަހުއްޓޭ،" ފައިސަލް ވިދާޅުވި އެވެ. "އަޅުގަނޑުމެން ވަކިވަކި ސްކިލްސް ހުއްޓަސް އަޅުގަނޑުމެން ބަލި ވަނީ ޓީމެއްގެ ގޮތުގައި އެކަން ނުގެނެވޭތީ، ގައުމީ ޓީމު ބިނާ ކުރާއިރު އެކަން ކަމަށް އަޅުގަނޑުމެން ސާމަލުކަން ދޭނަން."

ގައުމީ ޓީމަށް ބޭރުގެ ކޯޗަކު ގެނެސް ދިގު މުއްދަތުގެ ޕްލޭނަކަށް މަސައްކަތް ކުރުމުގެ ވިސްނުން ކްރިކެޓްގެ މިހާރުގެ އެކްސކޯގައި އެބަހުއްޓެވެ. ކްރިކެޓް ޓީމަށް އިންޑިއާއިން ލިބިފައި އޮތް ޓްރޭނިން ކޭމްޕްގެ އިތުރުން ބޭރުގެ ކުޅުންތެރިން ގެނެސް ރާއްޖޭގެ ކުޅުންތެރިން ވަކި ވަކި ހުނަރުތައް ތަރަގީ ކުރުމަށް ހާއްސަ ކްލިނިކަލް ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.

"ސްކިލް އެބަހުރ އިތުރަށް މަސައްކަތް ކޮށްލަން ޖެހޭނީ ޓީމެއް ގޮތަށް އެއްކޮށް ވޯކްކޮށްފައި ދިގު މުއްދަތަކަށް ރަނގަޅު ކޯޗެއްގެ އިރުޝާދު ލިބިގެން ކުޅުންތެރިންނަށް މަސައްކަތް ކުރެވިއްޖެއްޔާމު އަޅުގަނޑުމެންނަށް އިތުރަށް ރިޒަލްޓް ހަމަ ނެރެވޭނެ."

އަންހެން ކްރިކެޓުން އޭނާގެ ވިސްނުން ކައްސައެއް ނުލަ އެވެ. އަންހެން ކުޅުންތެރިން އިތުރު ކުރުމަށް ވިސްނުންތަކެއް އޭނާގެ ޕްލޭންގައި އެބަހުއްޓެވެ. މާލެއަށް ވުރެ އަތޮޅުތަކުގައި އަންހެން ކްރިކެޓްގެ ފޯރި އޮތުމަކީ ފައިސަލްއަށް ލިބިގެންދާ ބޮޑު ހިތްހަމަޖުމެކެވެ. އަތޮޅުތަކުގެ އަންހެން ކްރިކެޓަށް އިތުރު ސަމާލުކަމެއް ދިނުމަށް އޮތީ ނިންމާފަ އެވެ. މާލޭގައި އަންހެން ކްރިކެޓަށް އެވަރަށް މަސައްކަތް ނުކުރެވޭކަން އޭނާ ގަބޫލު ކުރައްވަ އެވެ. މާލޭގައިވެސް އެކަން ބަދަލު ކުރަން ޖެހޭކަމަށް އޭނާ ވިދާޅުވި އެވެ.

"އަންހެން ކުޅުންތެރިންގެ ކޯޗިންނާއި މެނޭޖުމެންޓްވެސް އަޅުގަނޑުމެން އިތުރަށް ބަލާފައި ރިވިއު ކުރާނަން، އެކަމަށް މަސައްކަތްތަކެއް ކުރަން ޖެހޭ އަދި އެއީ އަޅުގަނޑުމެން އިސްކަން ދީގެން ކުރާނެ ކަންކަން."

އިންތިހާބަށް ފަހު ރަސްމީކޮށް ބޯޑުގެ މަސައްކަތްތަކާއި ހަވާލުވުމުގެ ކުރިން އެކްސްކޯއިން ވަނީ ބޯޑުގެ އެސްމެންޓްތަކެއް ހަދާފަ އެވެ. އެގޮތުން މެނޭޖުމެންޓާއި ފައިނޭންޝިއަލް އަދި ކުޅުންތެރިންނާއި ކުލަބު ސިސްޓަމްގެ އެސްމެންޓެއް އެކްސްކޯގެ އެކި މެންބަރުގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިޔަ އެވެ. ކުލަބު ސިސްޓަމްގެ ދަށުން ކުލަބުތަކަށް ފައިސާ ދިނުމުގެ މޮޑެލްއެއް ކުރިންވެސް ވަނީ ގެންގުޅެފަ އެވެ. ފައިސަލްގެ ވިސްނުމަކީ އަލުން ކުލަބުތަކަށް ފައިސާ ދޭނެ މޮޑެލް އޭނާގެ ހަތަރު ދައުރުގެ ތެރެއަށް ގެންނެވުމެވެ.

"ވައިޑީޕީ ކުރިއަށް ގެންދިއުމުގައި ކުލަބުތަކަކީ ވަރަށް މުހިންމު ދައުރެއް އަދާ ކުރަން ޖެހޭނެ ބައެއް. މިސާލަކަށް އަންޑާ ފިފްޓީން، އަންޑާ ސިކްސީޓީން އާއި އަންޑާ ނައިންޓީންގެ ކުޅުންތެރިން ގުރޭޑް 10 ނިންމާފަ ނިކުންނައިރު އެ ކުދިން އެންގޭޖް ވާނެ ސިސްޓަމެއް މިހާރު ނެތީ،" ފައިސަލް ފާހަގަ ކުރެއްވި އެވެ. "އެއީ ވަރަށް ބޮޑު ގެޕެއް އެ ގެޕް ފުރަން މިޖެހެނީ ކުލަބުތަކުން. އުމުރު ފުރާތަކުގެ ގައުމީ ޓީމަށް އަރާފަ ވަރަށް ހުނަރުވެރި ކުޅުންތެރިން ގެއްލިގެންދޭ. އަޅުގަނޑުމެންނަށް ކުލަބުތައް ވަރުގަދަ ކުރެވިގެން ނޫނިއްޔަކާމު ނެތް އެކަން ކުރެވޭކަށް."

ކޮންމެ އަހަރަކު ކުލަބުތައް ކުޅޭ މެޗުތަކުގެ އަދަދަށާއި، ކުލަބުތަކުގެ ގްރާސް ރޫޓް އޮތް މިންވަރަށް ބަލާފައި ކުލަބުތަކަށް ފައިސާ ދިނުމުގެ މޮޑެލްއެއް ތައަރާފް ކުރުމަށް މަސައްކަތް ކުރައްވާނެ އޭނާ ވިދާޅުވި އެވެ. މިހުރިހާ ކަމެއް ގުޅިގެން ގޮސް ނިމެން ޖެހޭނީ ދުރު ޓާގެޓަކަށް ކަމަށް އެނާ ވިދާޅުވި އެވެ. އެންމެ ކައިރިންވެސް އޭނާ ކުރިއަށް ލައްވަނީ 10 އަހަރަށެވެ. މިހާރު ކޮވިޑްގެ ހާލަތުގައި ކަމަށް ވުމުން ކުޅިވަރުގެ އާންމު ހަރަކާތްތަކެއް ބޭއްވޭނެ ޖާގައެއް ނެތެވެ. މިދަނޑިވަޅުގައި ކްރިކެޓްގެ އެކި ދާއިރާތަކުގެ ސްޓްރެޓެޖިކް ޕްލޭންތަކެއް އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރި އަށެވެ.