ޗެލްސީ

ޗެލްސީ އާއެކު ޒިޔެޝް ފުރަތަމަ މެޗަށް

މި ސީޒަންގައި ޗެލްސީއަށް ބަދަލުވި މިޑްފީލްޑާ ހަކީމް ޒިޔެޝް ޗެލްސީއާއެކު ފުރަތަމަ ފަހަރަށް މެޗަކަށް ނުކުންނަން ތައްޔާރު ވެއްޖެ އެވެ.

މާދަމާ ސައުތުހެމްޓަން އާ ދެކޮޅަށް ކުޅޭ މެޗަށް އޭނާ ވަނީ ފިޓް ވެފަ އެވެ. އަޔެކްސްގައި ހޭދަ ކުރި ޒިޔެޝް 33 މިލިއަން ޕައުންޑަށް ޗެލްސީއަށް ބަދަލުވާން ޓްރާންސްފާގެ އެއްބަސްވުން ހެދީ މިދިޔަ ޖަނަވަރީގަ އެވެ. ސީޒަން ފެށިއރު އޭނާއަށް ޗެލްސީގެ ޓީމުގައި ބައިވެރި ނުވެވުނީ އަނިޔާގައި ހުރުމުންނެވެ. އޯގަސްޓް މަހު އޭނާގެ ކަކުލަށް އަނިޔާވީ ޕްރީ ސިޒަންގައި ޗެލްސީ އާއި ބްރައިޓޮން ކުޅުނު އެކުވެރި ކަމުގެ މެޗެއްގެ ތެރެއިންނެވެ. އެ އަނިޔާއިން ރަނގަޅުވެ ކުޅުމަށް އެނބުރި އަންނަން ތައްޔާރަށް ހުރި ނަމަވެސް އޭނާއާ އެމެދު ގިނަ ވިސްނުންތަކެއް ޗެލްސީގެ ކޯޗް ފްރޭންކް ލަމްޕާޑް ގެންގުޅެން ޖެހޭނެ އެވެ.

އެންމެ ބޮޑު ސަބަބަކީ، މާޗް މަހުން ފެށިގެން ވާދަވެރި އެއްވެސް މެޗެއް އޭނާ ކުޅެފައި ނުވުމެވެ. ކޮރޯނާ ވައިރަސް އާ ގުޅިގެން ހޮލެންޑް ލީގް ކުރިއަށް ނުގެން ގޮސް ނިންމާލުމުން އޭނާއަށް ވެސް ސީޒަން ނިމުނީ އެވެ މިދިޔަ ހުކުރު ދުވަހު ސެނެގާލް އާ ދެކޮޅަށް އޭނާގެ އަމިއްލަ ގައުމު މޮރޮކޯ ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ނުކުމެ 31 މިނެޓް އޭނާ ވަނީ ކުޅެފަ އެވެ.

މިހަފުތާގައި ބޭއްވި ޗެލްސީގެ ޓްރޭނިންތަކުގައި ޒިޔެޝް ރަނގަޅު ފޯމެއްގައި ހުރިކަން އިނގިރޭސި މީޑިއާ ތަކުން ބުނެ އެވެ.

ޓްރަންސްފާގައި 220 މިލިއަން ޔޫރޯ ހޭދަ ކުރި ޗެލްސީން ވަނީ މި ސީޒަނަށް އާ ހަތް ކުޅުންތެރިން ލައްވައި ސޮއި ކޮށްފަ އެވެ. އެއީ ޒިޔެޝްގެ އިތުރުން ޓީމޯ ވާނާ، ބެން ޗެލްވިލް، މެލަންގް ސާ، ތިއާގޯ ސިލްވާ ކައި ހަވަޓްޒް އަދި އެޑްއާޑް މެންޑީ އެވެ.

އިންޓަނޭޝަނަލް ބުރޭކްގައި ސެނެގާލްގެ ގައުމީ ޓީމާއެކު ޕްރެކްޓިސް ކުރަނިކޮށް އަނިޔާވި ކީޕަރު މެންޑީއަށް ސައުތުހެމްޓަންގެ މެޗުގައި ކުޅެވޭނެ ކަމަކަށް ނުބެލެވެ އެވެ.