ވެލެންސިއާ

ވެލެންސިއާގެ ކޯޗަކަށް އާތީ ހަމަޖަސައިފި

މެދުކެނޑުމަކަށް ފަހު ފުރަތަމަ ޑިވިޝަނަށް އެނބުރި އަންނަ، ކުލަބު ވެލެންސިއާގެ ކޯޗަކަށް މުހައްމަދު އާތިފް (އާތީ) ހަމަޖައްސައިފި އެވެ.

އެންމެ ފަހުން އާތީ މަސައްކަތް ކުރީ ދެވަނަ ޑިވިޝަން މުބާރާތުގައި ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) ގަ އެވެ. އެ ޓީމާއެކު ކުރި މަސައްކަތް އޭހާ ކާމިޔާބެއް ނޫނެވެ. އޭގެ ކުރީ އަހަރު ސެމީ ފައިނަލަށް ދަތުރު ކުރި ޓީމާއެކު އާތީއަށް މޮޅުވެވުނީ ދެ މެޗުންނެވެ.

ފުޓްބޯޅައިގެ ކުރީގެ ގަދަ ބާރު ވެލެންސިއާއިން އަލުން ދިވެހި ޕްރިމިއާ ލީގަށް އަންނައިރު، ފުރަތަމަ ޑިވިޝަންގައި މިހާރު އޮތް އެންމެ ތާރީހީ ކުލަބަށް ވެލެންސިއާ ވާނެ އެވެ. އެ ޓީމުން ވަނީ ދިވެހި ޕްރިމިއާ ލީގް ފަސް ފަހަރު ކާމިޔާބު ކޮށްފަ އެވެ. ވެލެންސިއާ ދެވަނަ ޑިވިޝަނަށް ރެލިގޭޓް ވީ 2018 ވަނަ އަހަރު އެވެ. ފުރަތަމަ ޑިވިޝަންގެ ޖާގަ ހޯދީ، މިއަހަރު ބޭއްވި ދެ ވަނަ ޑިވިޝަން މުބާރާތުގެ ޗެމްޕިއަން ޓައިޓަލް އާއެކު އެވެ.

މިދިޔަ ސީޒަން އާތީ ފެށީ ޓީސީ އާއެކު އެވެ. ސީޒަންގެ ވަކި ހިސާބަކުން އެ ޓީމުން އިސްތިއުފާ ދިނީ ކުޅުންތެރިންނަށް މުސާރަ ނުދޭތީ ޓީމުގައި މަސައްކަތް ކުރެވޭނެ ހާލަތެއް ނެތް ކަމަށް ބުނެ އެވެ. ޓީސީ އާ ހަވާލުވުމުގެ ކުރިން އާތީ މަސައްކަތް ކުރީ ގައުމީ އަންހެން ޓީމުގަ އެވެ. އޭނާގެ ކޯޗް ކަމުގެ ދަށުން އަންހެން ގައުމީ ޓީމުން ވަނީ ސިންގަޕޫރުގައިި 2018 ވަނަ އަހަރު ބޭއްވި އިންޓަނޭޝަނަލް ވިމެންސް ކުއަޑްރަންގިއުލާ މުބާރާތުން ލޯ މެޑަލް ހޯދާފަ އެވެ.

ޔުނައިޓަޑް ވިކްޓަރީން ފުރަތަމަ ޑިވިޝަންގައި އެންމެ ފުރަތަމަ ވާދަ ކުރަން ފެށީ 2016 ވަނަ އަހަރު އާތީގެ ކޯޗް ކަމުގެ ދަށުންނެވެ. އޭނާގެ ކޯޗް ކަމުގެ ދަށުން ޔޫވީން ވަނީ އެ އަހަރު ދިވެހި ޕްރިމިއާ ލީގްގެ ގަދަ ހަތަރެއްގައި ހިމެނިފަ އެވެ. އަދި މާޒިޔާ ބަލިކޮށް އެފް އޭ ކަޕްގެ ސެމީ ފައިނަލަށް ދަތުރު ކުރި އެވެ