އެންމެ ނުރައްކާތެރި ގައިދީންނާއި ޖަލުން ފިލުމުގެ ރެކޯޑް އޮންނަ ގައިދީންނަށް ކޮންމެހެން ދޭންޖެހޭ ސިއްހީ ފަރުވާ ދިނުމަށާއި ޚާއްސަ ހާލަތެއް މެދުވެރިވެގެން ފިޔަވައި އެހެން އެއްވެސް ބޭނުމެއްގައި އެފަދަ ގައިދީން ވަގުތީ ގޮތުން ޖަލުން ދޫނުކުރެވޭ ގޮތަށް ގަވާއިދު ހަދައި، އަމަލުކުރަން ފަށައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ގެޒެޓްކޮށްފައިވާ ވަގުތީ ގޮތުން ޖަލުން ދޫކުރާ ބެހޭ ގަވާއިދު ބުނާގޮތުން ސަލާމަތީ ގިންތީގެ އެންމެ މަތީ ދަރަޖައިގެ ތިބޭ ގައިދީންނާއި ޖަލުން ފިލުމުގެ ރެކޯޑް އޮންނަ ގައިދީން ވަގުތީ ގޮތުން ޖަލުން ދޫކުރެވޭނީ ކޮންމެހެން ދޭންޖެހޭ ސިއްހީ ފަރުވާއަކާ ގުޅިގެން ނުވަތަ ޚާއްސަ ހާލަތެއް މެދުވެރިވެގެން އެކަންޏެވެ. އަދި އެފަދަ ގައިދީއަކު ވަގުތީ ގޮތުން ދޫކުރަންޖެހޭ ފަދަ ޚާއްސަ ހާލަތެއް އޮވެގެން ކަން ނިންމާނީ މިނިސްޓަރުގެ މަޝްވަރާގެ މަތިން ކޮމިޝަނާ އޮފް ޕްރިޒަންސް ކަމަށް އެ ގަވާއިދުގައިވެ އެވެ. ނަމަވެސް އެ ނޫން ބާވަތުގެ ގައިދީން އެކި ސަބަބުތަކާ ގުޅިގެން ވަގުތީ ގޮތުން ދޫކުރެވޭނެ ކަމަށް އެ ގަވާއިދުގައި ބުނެފައިވެ އެވެ.
އެ ގަވާއިދުގައި ޖަލުން ފިިލިކަމުގެ ރެކޯޑް އޮތް މީހެއް ކަމަށް ބަލާނެ ގޮތްތަކެއް ވެސް ހިމަނާފައިވެ އެވެ. އެގޮތުން އެއް އެއް ފަހަރު ފިލާފައިވާ ގައިދީއަކު ނަމަ އޭނާ އަލުން ހައްޔަރުކޮށްގެން ޖަލަށް ގެނެވުނުތާ ދެ އަހަރު ވަންދެން ޖަލުން ފިލުމުގެ ރެކޯޑް އެ މީހެއްގެ އޮތް ކަމަށް ބަލާއިރު ދެ ފަހަރު ނުވަތަ ތިން ފަހަރު ޖަލުން ފިލި މީހަކު ނަމަ އެ މީހަކު އަލުން ހައްޔަރުކޮށްގެން ގެނެވޭ ދުވަހުން ފެށިގެން ހަތަރު އަހަރު ވަންދެން ޖަލުން ފިލުމުގެ ރެކޯޑް އޮތް މީހެއްގެ ގޮތުގައި އެ މީހަކު ބަލަންޖެހެ އެވެ. އަދި ތިން ފަހަރަށް ވުރެ ގިނައިން ފިލާފައިވާ މީހެއް ނަމަ އޭނާ އަލުން ހައްޔަރުކޮށްގެން ޖަލަށް ގެނެވުނުތާ ހަ އަހަރު ވަންދެން ޖަލުން ފިލުމުގެ ރެކޯޑް އޮތް މީހެއްގެ ގޮތުގައި އެ މީހާ ބަލާނެ ކަމަށް ވެސް އެ ގަވާއިދުގައިވެ އެވެ.
އެ ގަވާއިދު ބުނާގޮތުން ގައިދީއަކު ވަގުތީ ގޮތުން ދޫކުރާތާ 24 ގަޑިއިރުގެ ތެރޭގައި އެ މީހެއްގެ ފުރިހަމަ މައުލޫމާތާއި އެ މީހަކު ޖަލުން ދޫކުރުމުގެ ކުރިން ކޮށްފައިވާ ޝަރުތުތައް ފުލުހުންނަށް އަންގަންޖެހެ އެވެ. އަދި ގައިދީންނަށް ކުރާ ޝަރުތުތަކާ ޚިލާފްވެއްޖެ ނަމަ ނުވަތަ ގާނޫނާއި ޚިލާފް ކަމެއް ކޮށްފި ނަމަ ނުވަތަ ކުރަން އުޅެފި ނަމަ އެ މީހަކު އަލުން ޖަލަށް ގެންދެވޭނެ ކަމަށް ވެސް އެ ގަވާއިދުގައިވެ އެވެ.
ނުރައްކާތެރި ގައިދީންނާއި ޖަލުން ފިލުމުގެ ރެކޯޑް އޮންނަ ގައިދީން ވަގުތީ ގޮތުން ޖަލުން ދޫނުކުރެވޭ ގޮތަށް ހެދިއިރު ނުރައްކާތެރި ދެ ގައިދީއަކު މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ ޖަލުން ފިލައިފަ އެވެ. މީހަކު މެރިކަމުގެ ކުށް ސާބިތުވެފައިވާ އެ ދެ މީހުން ޖަލުން ފިލައިގެން އުޅެނިކޮށް މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.