ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ފްލައިޓްގައި ކޮވިޑްގެ ފުރުސަތު އޮތީ ކިހާ ވަރަކަށް؟

މި އަހަރު ފެށުނީއްސުރެ، ކޮވިޑް-19 އިގެ ސަބަބުން ދުނިޔޭގެ އެއް ގައުމުން އަނެއް ގައުމަށް ދަތުރު ފަތުރުކޮށް އުޅުމުގެ ކަންކަން މިވަނީ ވަރަށް ބޮޑަށް މަޑުޖެހިފަ އެވެ. ނަމަވެސް އަހަރުގެ މިހާ ހިސާބަށް އާދެވުނު އިރު، ކޮވިޑް ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރެވި، ބައެއް ގައުމު ތަކުގެ ބޯޑަރުތަށް ހުޅުވާ، ޓޫރިސްޓުން އެތެރެވުމުގެ ހުއްދަތައް ވަނީ ދޭން ފަށާފައެވެ. މިހާރު ވަރަށް ގިނަ މީހުންނަށް ބަލި ފެތުރޭ ގޮތާއި ބަލިން ރައްކާތެރި ވެވޭގޮތް އެގޭއިރު، ދަތުރު ފަތުރު ކުރަންވެސް ބޭނުންވެފައި ވާއިރު މަތިންދާ ބޯޓަކުން ދަތުރު ކުރުމުން މިބަލި ޖެހުމުގެ ފުރުސަތު އޮތީ ކިހާ ވަރަކަށްތޯ މިއީ ވަރަށްގިނަ މީހުން ކުރާ ސުވާލެކެވެ.

ދުނިޔޭގެ ވައިގެ ދަތުރު ފަތުރާ ބެހޭ ޖަމްއިއްޔާއިން މިހާތަނަށް ހަދާފައިވާ ދިރާސާތަކުން ހާމަވާ ގޮތުގައި، މި އަހަރު ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް، މަތިންދާ ބޯޓެއްގައި ކުރެވުނު ދަތުރަކާ ގުޅުންހުރި ގޮތަކަށް، ކޮވިޑް ޖެހިފައިވާ ކަމަށް ރިޕޯޓް ކުރެވިފައި ވަނީ ޖުމްލަ 44 ކޭހެވެ. އެއީ މިހާތަނަށް ދަތުރުކުރި 1.2 ބިލިޔަން މީހުންގެ ތެރެއިންނެވެ. މިއީ މިހާތަނަށް ދަތުރުކުރި ކޮންމެ 27 މިލިޔަން މީހުންގެ ތެރެއިން އެކަކެވެ. މީގެ ތެރެއިން ގިނަ ކޭސްތަށް ރިޕޯޓް ކޮށްފައި ވަނީ، އާންމުކޮށް ފޭސްމާސްކް އަޅަން ފެށުމުގެ ކުރިންނެވެ. ފޭސްމާސްކް އަޅަން ފެށުމުން މަތިންދާ ބޯޓު ތެރޭގައި ވައިރަސް ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑަށް ކުޑަ ވާކަން ވަނީ ހާމަވެފަ އެވެ.

ދުނިޔޭގައި ކޮމާޝަލް ދަތުރު ފަތުރު ކުރަން އެންމެ އާންމުކޮށް ބޭނުންކުރާ މަރުކާތަށް ކަމަށްވާ "ބޮއިން" އާއި "އެއާބަސް" އަދި "އެމްބަރާ" މަރުކާގެ މަތިންދާ ބޯޓުތައް މި ދިރާސާ ގައި ވަނީ ބޭނުން ކޮށްފަ އެވެ. މި މަރުކާތަކުގެ ހުރިހާ ބޯޓެއްގައި ހެން އެތެރޭގެ އޮކްސިޖަން ދައުރުވާ ގޮތަށް ހުންނަނީ މަތިން ތިރިއަށެވެ. ބޮލާ ދިމާލުން މަތިން ކެބިން ތެރެއަށް ނޭވާލާ ވައި ފޮނުވައި ދޭއިރު ފަޔާ ދިމާލުން ތިރިއަށް ވައި ދަމައިގަންނަ ގޮތަށެވެ. ދެން އެވައި ފިލްޓާ ކުރެވި ސާކިއުލޭޓް ކުރެވޭ ގޮތަށެވެ. އެހެން ކަމުން ކެބިން ތެރޭގައި ހުންނަ އެއާ ޕާޓިކަލްސް ތައް ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވެއެވެ.

އަދި އިށީދެގެން ތިބޭއިރު ކުރިމަތީގައި ހުންނަ ގޮނޑީގައި އިންނަ ދަތުރުވެރިޔާއާ ހަމަޔަށް، ފަހަތުގައި އިންނަ ދަތުރުވެރިޔާގެ ނޭވާގެ ވައި ސީދާކޮށް ދިޔުމަކީ ވަރަށް ނާދިރު ކަމެކެވެ. އެ ދެމެދަށް ހުރަހަކަށް ގޮނޑި ވާނެތީ އެވެ. ފަހުގެ ދިރާސާ ތަކުން ދައްކާ ގޮތުގައި، މާސްކް އަޅައިގެން ހުރިހާ ދަތުރުވެރިން ތިބޭނަމަ ޖެހިގެން ހުންނަ ގޮނޑީގައި އެހެން ދަތުރުވެރިޔަކު އިނަސް، ސީދަލަށް، ބޯޓުގެ ކުރިއަށް މޫނު ހުންނަ ގޮތަށް ތިބޭނަމަ، ބަލި އެރުމުގެ ނުވަތަ ޖެހުމުގެ ފުރުސަތު ވަރަށް ކުޑައެވެ. މިގޮތަށް ތިބޭ ތިބުން އެހެން އިންޑޯ ތަންތާގައި ތިބޭ ތިބުމަށްވުރެ ރައްކާތެރި ކަން ވަނީ ފާހަގަ ކުރެވިފައެވެ.

މިއަހަރު ޖޫންމަހު އަޔާޓާ އިން، މަތިންދާ ބޯޓުތަކުން ދަތުރުކުރާ ހުރިހާ ދަތުރުވެރިން މާސްކް އަޅަން ނިންމި ހިސާބުން މިހާރު އައިކާއޯ އިންވެސް ވަނީ ހުރިހާ ދަތުރުވެރިން މާސްކް އަޅައިގެން ނޫނީ ނުފުރާ ގޮތަށް އެއާލައިން ތަކުގެ އޮޕަރޭޝަން ޕްރޮސީޖާސްތަށް ބަދަލު ކުރަން ނިންމާ ފައެވެ. މިގޮތުން ގެނެވުނު ބަދަލު ތަކުގެ ތެރޭގައި، އެކަކު އަނެކަކަށް މޫނާއި މޫނު ކުރިމަތި ވާގޮތަށް ނުތިބުން ފަދަ ބައެއް ކަންކަން ހިމެނެއެވެ. އެހެން ކަމުން ދަތުރު ވެރިން ބޯޓު ތެރޭގައި ޖެހިޖެހިގެން ތިއްބަސް، އެއާލައިން ތަކުގެ ގަވާއިދު ތަކަށް ތަބާވާނަމަ އެކަކު ގައިން އަނެކަކު ގަޔަށް ބަލި އެރުމުގެ ފުރުސަތު މިހާރު ވަރަށް ނާދިރެވެ.

މިބަލިން ފުރިހަމައަށް ރައްކާތެރި ކަން ކަށަވަރު ކޮށްދޭ ގޮތެއް މިހާތަނަށް ހޯދިފައި ނެތަސް، މިހާތަނަށް ދަތުރުކުރި ފަރާތްތަކުގެ މެދުގައި ހެދުނު ދިރާސާއަކުން ދައްކާ ގޮތުން، ކޮވިޑާ ގުޅިގެން މަތިންދާ ބޯޓުތަކުން ދަތުރުކުރާ ފަރާތްތަކުން އަމަލު ކުރަން ޖެހޭގޮތަށް، ގަވާއިދަށް ގެނެވުނު ބަދަލުތަކަކީ، ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދޭ ކަންކަން ކަމަށް 86 ޕަސެންޓް މީހުން ގަބޫލު ކުރެއެވެ.
އެހެން ކަމުން، މަތިންދާ ބޯޓެއްގައި ދަތުރު ކުރުމުގެ ސަބަބުން ކޮވިޑް ޖެހުމުގެ ފުރުސަތު ވަރަށް ކުޑައެވެ. މީގެ ސަބަބުން ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކަށާއި އެކި ބޭނުން ތަކުގައި އެއްތަނުން އަނެއްތަނަށް ދަތުރުކުރަން ބޭނުން ވެފައިވާ ފަރާތްތަކަށް ހިތްހަމަ ޖެހުން ގެނެސްދޭނެ ކަމަށް ގަބޫލު ކުރެވެއެވެ. ހަމަ އެހެންމެ ފަތުރުވެރިކަމުގެ ސިނާއަތުގައި އިންވެސްޓް ކޮށްފައިވާ ފަރާތްތަކަށް އުންމީދު އާކޮށްދޭއިރު، އެސިނާއަތަކުން މުޅި ދުނިޔެއިން ގެއްލިފައިވާ 197 މިލިޔަން ވަޒީފާ، އަނބުރާ ރުޖޫއަ ވުމުގެ ފުރުސަތު ހުޅުވިގެން ދާނެކަމަށް ބެލެވެއެވެ.

ކޮންމެއަކަސް، ކުރިން ހީކުރެވުނު ގޮތާއި ޚިލާފަށް، މިބަލީގެ އިންކިއުބޭޝަން ޕީރިއެޑަކީ ފަސް ދުވަސް ކަމަށް، ކަމާބެހޭ ސައިންސް ވެރިން މިހާރު ގަބޫލު ކުރާތީ، ފަތުރުވެރިން ދަތުރު ފެށުމުގެ ދެދުވަސް ކުރިން ކޮވިޑަށް ޓެސްޓް ހަދާ، ތިންވަނަ ދުވަހު ނުވަތަ ހަތަރުވަނަ ދުވަހު ދަތުރުކޮށް، ފަސްވަނަ ދުވަހު އޮންއެރައިވަލް ޓެސްޓް ހަދާ، ދުވަހުން ދުވަހަށް ނަތީޖާ ލިބޭނެފަދަ ހަލުވި، އަވަސް ގޮތްތަކެއް އެއާޕޯޓް ތަކުގައި ހަމަޖެހިއްޖެ ނަމަ، އެކަމުގެ ސަބަބުން ކަރަންޓީނު ވުމުގެ ބިރުވެރިކަން ކުޑަވެ، ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް ހިންހަމަޖެހުން ގެނެސްދޭނެތީ، މިކަމާމެދު ގައުމުތަކުން ގޮތްތަކެއް ކަނޑައަޅާ ނިންމައިފިނަމަ ފަތުރުވެރިކަމުގެ ސިނާއަތް އަނބުރާ އިއާދަވެދާނެ ކަމަށް ކުރެވޭ އުންމީދު ނުހަނު ބޮޑުކަން ފާހަގަ ކުރަމެވެ.