ހަބަރު

ބީއެމްއެލް އިން 1،400 ބިއްލޫރި ފުޅި ހޯދަނީ

Oct 17, 2020
2

ބޭންކް އޮފް މޯލްޑިވްސް (ބީއެމްްއެލް) އަށް 1،400 ބިއްލޫރި ފުޅި ސަޕްލައި ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި އެ ބޭންކުގެ ބޭނުމަކަށް 1،400 ރީޔޫސަބަލް ބިއްލޫރި ފުޅި ސަޕްލައި ކޮއްދޭން ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 21 ވަނަ ދުވަހުގެ ކުރިން މައުލޫމާތު ސާފު ކުރުމަށްފަހު، އީ-މެއިލް މެދުވެރިކޮށް ނުވަތަ ބޭންކް އަށް ގޮސް އަންދާސީ ހިސާބު ހުށަހަޅަން ޖެހެނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ކުރިން ކަމަށެވެ.

ބީއެމްއެލްގެ ހިދުމަތްތަކުގައި މިހާރު ވެސް ބޭނުން ކުރަނީ ތިމާވެއްޓާ ރަހުމަތްތެރި ބިއްލޫރި ފުޅި އެވެ. އަދި އެ ބޭންކުން ދަނީ އިޖުތިމާއި ޒިންމާގެ ދަށުން ބިއްލޫރި ފުޅި އެކި ރަށްރަށަށް ހަދިޔާ ވެސް ކުރަމުންނެވެ. "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު"ގެ ދެވަނަ ކުއާޓަރުގައި އިފްތިތާހު ކުރި ފުރަތަމަ ޕްރޮޖެކްޓްގެ ދަށުން ށ. ފޭދޫގައި 1000 ބިއްލޫރި ފުޅި ބަހާފައިވެ އެވެ.

ރާއްޖޭން ދަނީ ސިންގަލް ޔޫސް ޕްލާސްޓިކް ނުވަތަ އެއް ފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިގެ ބާވަތްތައް ބޭނުން ކުރުން ހުއްޓާލަން މަސައްކަތް ކުރަމުންނެވެ. މިހާރު ވެސް ސަރުކާރުގެ ބައެއް އޮފީސްތަކުން ވަނީ ޕްލާސްޓިކް ފުޅި ބޭނުން ކުރުން ހުއްޓާލާފަ އެވެ.