ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް އިން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޑައިވިންގެ ތަޖުރިބާ

Jun 8, 2022

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބީއެމްއެލް އިން ޑައިވް ކްލަބްތަކާއި ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޑައިވިން ތަޖުރިބާ ކޮށްލުމުގެ ހަރަކާތެއް ހިންގައިފި އެވެ.

"ޑިސްކަވާ ޑައިވް" ގެ ނަމުގައި ހިންގި މި ހަރަކާތުގައި މޯލްޑިވްސް އެސޯސިއޭޝަން ފޯ ޕާސަންސް ވިތް ޑިސޭބިލިޓީސް އަދި އޯޓިޒަމް އެސޯސިއޭޝަންގެ ފަރާތުން ވަނީ 18 ކުދިން ބައިވެރިވެފަ އެވެ. އަދި ރާއްޖޭގައި ފާހަގަކޮށްލެވޭ ތިން ޑައިވް ސެންޓަރެއް ވަނީ މި ޑިސްކަވަ ޑައިވްގެ ހަރަކާތްތައް ހިންގުމުގައި ބައިވެރިވެފައިވެ އެވެ

މި ހަރަކާތުގައި ބައިވެރިވެފައިވަނީ ޑައިވާސް ލޮޑްޖް މޯލްޑިވްސް އާއި ޑައިވް ކްލަބް މޯލްޑިވްސް އަދި މޫދު ބުޅާ ޑައިވް ސެންޓަރުން އެވެ.

މި ޕްރޮގްރާމް ހިންގުމުގެ މައިގަނޑު އެއް މަގްސަދަކީ ޑައިވް ކުރުމަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތެރަޕިއުޓިކް ކަމަކަށް ވުމާއެކު އެކަމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި އެކުދިންނަށް ވެސް ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމެވެ.

މި ދުވާހާއި ގުޅުވައިގެން ބޭންކުން ވަނީ ޓިކްޓޮކް ޗެލެންޖެއްވެސް ހުޅުވާލާފަ އެވެ. 'މޫދު މޯމެންޓްސް' ގެ ނަމުގައި ކުރިޔަށްދާ މި ޗެލެންޖުގައި މޫދު ސިފަވާ ގޮތް ނުވަތަ މޫދަކީ ކޮބައިކަން ހާމަކޮށް، ވީޑިއޯއެއް އުފައްދައި ޓިކްޓޮކްގައި ހިއްސާކުރަންޖެހެއެވެ. ޓިކްޓޮކްގައި ޕޯސްޓްކުރާ ވީޑިއޯތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ގިނަ އިނާމުތަކެއް ލިބިގެންދާނެއެވެ. މި ޗެލެންޖްގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ ނިޔަލަށް ލިބިގެންދާނެއެވެ.