ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ސަރުކާރާއި ފީފާގެ ބައެއް އޮފިޝަލުން ކްލަބްތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ދޭ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.
އެ ކޮމިޝަންގެ ނައިބު ރައީސް މުއައްވިޒު ރަޝީދު މިއަދު ވިދާޅުވީ މި މަހު ބާއްވާ އެފްއޭއެމްގެ އިންތިހާބާ ދިމާކޮށް ސަރުކާރުގެ ބައެއް އޮފިޝަލުންނާއި ފީފާގެ އޮފިޝަލުންތަކެއް އެކި ކްލަބްތަކަށް ފައިސާ ދީގެން އެ އިންތިހާބަށް ނުފޫޒު ފޯރުވަން އުޅޭ ކަމަށް ބުނެ ބަޔަކު ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ކޮމިޝަނަށް ބަލައިގަނެ، ތަހުގީގު ކުރިއަށް ގެންދާނެ ގޮތްތަކާ މެދު މަޝްވަރާތައް ކުރިއަށް ދާ ކަމަށް މުއައްވިޒު ވިދާޅުވި އެވެ.
"ސަރުކާރާއި ފީފާގެ ބައެއް އޮފިޝަލުން ކްލަބްތަކަށް ނުފޫޒު ފޯރުވާ މައްސަލައެއް މި ހުށަހެޅީ. އެކަން ބެލުމަށް ކުރަން ޖެހޭ ކަންކަން ކުރަމުން އެ ބަދޭ،" މުއައްވިޒު ވިދާޅުވި އެވެ.
މިކަހަލަ އެތައް މައްސަލަތަކެއް ކުރިމަތިވެ، މީގެ ކުރިން ވެސް އެފްއޭއެމްގެ އިންތިހާބު ވަނީ އެކި ފަހަރުމަތިން ބާއްވަން އުޅި، ބޭއްވޭ ގޮތް ނުވެފަ އެވެ. އެހެން ނަމަވެސް އެފްއޭއެމްގެ ކޮންގްރެސް މި މަހުގެ 22 ގައި ބާއްވަން މިހާރު ވަނީ ނިންމައިފަ އެވެ.
އެފްއޭއެމްގެ ރައީސް ކަމަށް ކުރިމަތިލެއްވީ މިހާރު ވެސް އެފްއޭއެމް ހިންގާ ނޯމަލައިޒޭޝަން ކޮމިޓީގެ ރައީސްކަން ކުރައްވާ އޮލިމްޕިކްސް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު އެކަންޔެވެ. މި މަހު ބާއްވާ ކޮންގްރެސްގައި އޭނާ އަށް އެ މަގާމު ލިބޭނެކަން ޔަގީންވާނީ ކޮންގްރެސްގައި ނަގާ ފެންނަ ނުފެންނަ ވޯޓުންނެވެ.
އެފްއޭއެމަށް އާ ރައީސަކު ހޮވަން ޖެހުނީ 2012 ވަނަ އަހަރު ބޭއްވި ވާދަވެރި އިންތިހާބު ކާމިޔާބު ކުރެއްވި އދ. ދަގެނތީ ދާއިރާގެ މަޖިލިސް މެމްބަރު އިލްހާމު އަހުމަދުގެ ދައުރު ފީފާއިން މިއަހަރު ކުރީކޮޅު ނިމުމަކަށް ގެނައުމުންނެވެ.