އޯ ގްރޫޕް ލޭ ހުންނަ މީހުންނަށް ކޮވިޑް-19ގެ ނުރައްކާ ކުޑަ ކަމަށް ދެ ދިރާސާއަކާ ހަވާލާ ދީ ސައިންސް ޑެއިލީ އިން ބުނެފި އެވެ. އެ ނޫހުން މިހެން ބުނެފައިވަނީ "ބްލަޑް އެޑްވާންސަސް"ގައި ޝާއިއުކޮށްފައިވާ ދެ ދިރާސާ ރިޕޯޓެއްގައި ސައިންސްވެރިން ބުނެފައިވާ ގޮތުގައި އޯ ޓައިޕް ލޭ ހުންނަ މީހުންނަށް ކޮވިޑްގެ ނުރައްކާ މާ ކުޑަ އެވެ. އެ މީހުންނަށް ކޮވިޑް ޖެހޭލެއް މަދުވެފައި ޖެހުނަސް ބޮޑުވަރުވާލެއް މަދެވެ. ކޮވިޑްގައި އެންމެ ބޮޑަށް ނުރައްކާވަނީ އޯގަންތަކަށް ދިމާވާ މައްސަލަތަކުގެ ސަބަބުން ކަމަށް ވާއިރު އޯ ޓައިޕް ލޭ ހުންނަ މީހުންގެ އެތެރެހަށީގެ ގުނަވަންތަކަށް މައްސަލަ ދިމާވާލެއް ވެސް މަދުކަން ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.
ކޮރޯނާވައިރަހުގެ ވަބާއިން އަދިވެސް ދުނިޔެއަށް ސަލާމަތްނުވެ ކޮންމެ ދުވަހަކު އެތައް ހާސް ބަޔަކު ބަލިވެ އެތައް ސަތޭކަ ބަޔަކު މަރުވަމުންދާއިރު ދުނިޔޭގެ ބައޮމެޑިކަލް ރިސާޗް ކޮމިއުނިޓީން ވެސް ގެންދަނީ މި ބަލި ޖެހޭ ގޮތް ގޮތާއި މީގެ ނުރައްކާ ބޮޑުވާ ގޮތް ގޮތް ހޯދުމަށް ރެޔާ ދުވާލު ހޭބޯނާރާ މަސައްކަތް ކުރަމުންނެވެ.
ކޮވިޑް-19 ޖެހުމުގެ ނުރައްކާ އޮތް މިންވަރު ދެނެގަތުމާއި ބަލި ޖެހޭ މީހުންގެ ތެރެއިން ބޮޑުވަރުވާނެ ކަމަށް ލަފާ ކުރެވޭ މީހުން ދެނެގަތުމަށް ކުރަމުންދާ މަސައްކަތުގައި ސައިންސްވެރިންނަށް ޔަގީން ކުރެވިފައިވަނީ އިންސާނާގެ ގައިގައި ހުންނަ ލޭގެ ވައްތަރަކީ އޭނާއަށް ކޮވިޑް ޖެހުމާއި އަދި އެ ބަލީގައި ބޮޑުވަރުވުމުގައި ވަރަށް މުހިއްމު ދައުރެއް ކުޅޭ އެއްޗެއް ކަމެވެ. ނަމަވެސް ސައިންސްވެރިންގެ ވެސް ސުވާލަކަށްވީ މިހެން މިގޮތަށް މެދުވެރިވަނީ ކީއްވެބާ އެވެ؟
މިފަހުގެ ހޯދުން ތަކުން ވެސް މިކަމާ ގުޅޭ އިތުރު ހެކިތައް ލިބިފައިވިޔަސް އަދި މިކަން އިތުރަށް ދިރާސާކުރަން ޖެހޭ ކަމަށް ސައިންސްވެރިން ބުނެ އެވެ.
ސައިންސްވެރިން އެންމެ ފަހުން ކުރި ދެ ދިރާސާގައި ބަލާފައިވަނީ ޑެނިޝް ހެލްތު ރެޖިސްޓްރީގައިވާ މައުލޫމާތު ތަކަކަށެވެ. އެގޮތުން ކޮވިޑް ޖެހުނު 473،000 މީހުންގެ މައުލޫމާތާއި އާއްމު އާބާދީގެ 2.2 މިލިއަން މީހުންގެ މައުލޫމާތު އަޅާ ބަލާފައި ވެއެވެ. މި ބެލި ބެލުމުން އެނގުނު ގޮތުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ ތެރޭގައި އޯ ޓައިޕް ލޭ ހުރި މީހުން ފާހަގަކޮށްލެވޭ މިންވަރަކަށް މަދެވެ. އަދި އޭ، ބީ، އޭބީ ޓައިޕް ލޭ ހުރި މީހުން މާ ގިނަ އެވެ.
މި ދިރާސާގެ ނަތީޖާއިން ދައްކާ ގޮތުގައި އޯ ޓައިޕް ލޭ ހުންނަ މީހުންނަށް ވުރެ އޭ، ބީ އަދި އޭބީ ހުންނަ މީހުންނަށް ކޮވިޑްގެ ނުރައްކާ މާ ބޮޑަށް އިތުރެވެ. ލޭގެ ގްރޫޕް އޭ އަދި އޭބީ ހުންނަ މީހުންނަށް ކޮވިޑް ޖެހޭލެއް ފަސޭހަވެފައި މާ ބޮޑަށް ބަލިވެ އެވެ. އެހެންކަމުން މި މީހުން ބެލިފައިވަނީ އޯ އާއި ބީ ގްރޫޕް ލޭ ހުންނަ މީހުންނަށް ވުރެ ކޮވިޑްގެ ނުރައްކާ އިތުރު މީހުންގެ ގޮތުގަ އެވެ.
އެހެން ދިރާސާއަކަށް ސައިންސްވެރިން މައުލޫމާތު ހޯދީ ކެނެޑާގެ ވެންކޫވާ ހޮސްޕިޓަލެއްގައި ކޮވިޑް ޖެހިގެން ފަރުވާދިން ވަރަށް ހާލު ބޮޑު ބަލި މީހުން ތަކަކަށެވެ. މި ހޯދި ހޯދުމުން އެނގުނު ގޮތުގައި ކޮވިޑް ޖެހޭ މީހުންގެ ގައިގައި ހުރި ލޭގެ ގްރޫޕަކީ އޭ ނުވަތަ އޭބީ ނަމަ މެކެނިކަލް ވެންޓިލޭޓަރުގެ އެހީ މާ ބޮޑަށް ބޭނުންވެ އެވެ. އަދި މި މީހުންގެ ފުއްޕާމެއަށް ކޮވިޑް-19ގެ ސަބަބުން މާ ބޮޑަށް އަނިޔާ ވެއެވެ. އަދި އޭ އާއި އޭބީ ގްރޫޕްގެ ލޭ ހުންނަ މީހުންނަށް ކޮވިޑް ޖެހުމުން ކިޑްނީ ފެއިލްވެ ޑައިލެސިސް ހަދަން ޖެހޭ ލެއް ވެސް އިތުރުކަން ސައިންސްވެރިން ފާހަގަ ކޮށްފައި ވެއެވެ.
މި ދެ ދިރާސާގެ މައުލޫމާތުތަކަށް ބަލައި ސައިންސްވެރިން ބުނަނީ އޭ އާއި އޭބީ ގްރޫޕް ލޭ ހުންނަ މީހުންނަށް ކޮވިޑް-19 ޖެހުމުން އެތެރެހަށީގެ ގުނަވަންތައް ފެއިލްވުމުގެ ނުރައްކާ ވަރަށް ބޮޑަށް އިތުރު ކަމަށެވެ. އަދި މި ދެ ގްރޫޕްގެ ލޭ ހުންނަ މީހުން ބަލިވެގެން ހޮސްޕިޓަލުގެ އައިސީޔޫގައި އެޑްމިޓްކޮށް ފަރުވާ ދޭން ޖެހޭ މުއްދަތުވެސް މާ ބޮޑަށް އިތުރު ކަމަށް ސައިންސްވެރިން ބުނެފައި ވެއެވެ.
މީގެން ވެސް ދޭހަވާ އެއްޗަކީ ދެ ގްރޫޕްގެ ލޭ ހުންނަ މީހުންނަށް ބަލި ޖެހޭލެއް މާ ގަދަކަށް ކަމަށް ސައިންސްވެރިން ވަނީ ބުނެފަ އެވެ.