ބާސެލޯނާ

މުސާރަ ދަށް ކުރަން ބާސާގެ ސީނިއާ ޓީމުން ދެކޮޅު

ކުޅުންތެރިންގެ މުސާރަ ކުޑަ ކުރަން ބާސެލޯނާގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއު ހުށަހެޅުއްވި ހުށަހެޅުމަށް ސީނިއާ ޓީމުގެ ކުޅުންތެރިން ދެކޮޅު ހަދައިފި އެވެ.

ބާޓޮމެއު ހުށަހެޅުއްވީ ކުޅުންތެރިންގެ މުސާރައިގެ 30 ޕަސަންޓް ކުޑަ ކުރުމަށެވެ. ކޮރޯނާ ވައިރަސް އާ ގުޅިގެން ކުރިމަތި ވެފައިވާ މާލީ ދަތިތަކާ ގުޅިގެން ބާސާއިން ވަނީ މީގެ ކުރިން އެ ކުލަބުގެ އެކެޑެމީ ޓީމާއި ބާސެކްޓްބޯލް ސެކްޝަންގެ މުސާރަތައް ކުޑަ ކޮށްފަ އެވެ.

ޓްރާންސްފާގައިވެސް ބާސާއިން އެކަށީގެންވާ މިންވަރަކަށް ހޭދަ ކޮށްފައި ވުމުން، ބާޓޮމެއުގެ ވިސްނުން ހުރީ ކުޅުންތެރިންނަށް ހޭދަ ކުރާ ބަޖެޓުން ފައިސާ ކޮޅެއް ރައްކާ ކުރުމަށެވެ. މުވައްޒަފުންނާއި ކުޅުންތެރިންނަށް ވަކި ވަކިން ފޮނުވި މެއިލްތަކަށް ޖަވާބު ދޭން ކަނޑައަޅާފައިވާ އެންމެ ފަހު ދުވަހަކީ އަންނަ ބުރާސްފަތި ދުވަހެވެ. ސްޕެއިންގެ އާރް އޭސީން ބުނީ އެ މުއްދަތު އަންނަ މަހު ފަސް ވަނަ ދުވަހަށް އިތުރު ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.

ވަކި މުއްދަަތެއް ދީފައި ވީނަމަވެސް ބައެއް ކުޅުންތެރިން ވަނީ މުސާރަ ކުޑަ ކުރަން ދެކޮޅު ހަދާކަމަށް ބުނެ ޖަވާބު ދީފަ އެވެ. ބާސެލޯނާގެ ބޯޑާއި އެ ޓީމުގެ ސީނިއާ ކުޅުންތެރިންނާ ދެމެދު ވަނީ ގުޅުން ގޯސް ވެފަ އެވެ. ހާއްސަކޮށް އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ އާއި ރައީސް ބާޓޮމެއު އާ ދެމެދު މިހާރު އެއްވެސް ވަރަކަށް ގުޅުމެއް ނެތެވެ.

ކުޅުންތެރިންގެ މުސާރަ ކުޑަ ކުރަން ބާސާއިން ހުށަހެޅީ، ކޮރޯނާ ވައިރަސް އާ ގުޅިގެން އެ ޓީމަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ކުރިމަތި ވުމުންނެވެ. ބާސާއަށް 97 މިލިއަން ޔޫރޯގެ ގެއްލުން ވަނީ ކުރިމަތި ވެފަ އެވެ.