ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކްރިސްޓިއާނާ ރޮނާލްޑޯ

ރޮނާލްޑޯ ކޮވިޑްގެ ޕްރޮޓޮކޯލް މުގުރާލި މައްސަލަ

ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ޔުވެންޓަސްގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ، ކޮވިޑްގެ ޕްރޮޓޮކޯލްއާ ހިލާފުވި މައްސަލަ ފެންމަތި ވެއްޖެ އެވެ.

ރޮނާލްޑޯއަށް ކޮވިޑް ބަލި ޖެހިފައިވާކަން އެނގުނީ މިދިޔަ އަންގާރަ ދުވަހު އެވެ. އޭރު ޕޯޗްގަލްގެ ގައުމީ ޓީމުގެ ކޭމްޕްގައި ހުރި ރޮނާލްޑޯ ވަނީ ކަރަންޓީން ވުމަށްޓަކައި އިޓަލީއަށް ގޮސްފަ އެވެ. ރޮނާލްޑޯ ޕްރޮޓޮކޯލް އާ ހިލާފުވި ކަމަށް، މައްސަލަ ފެންމަތި ކުރެއްވީ އިޓަލީގެ ކުޅިވަރުގެ ވަޒީރު ވިންޗެންޒޯ ސްޕަޑަފޯރާ އެވެ. ވަޒީރު ގަބޫލު ކުރައްވާ ގޮތުގައި ސިއްހީ އިދާރާގެ އެއްވެސް ރައުޔަކާ ނުލައި ޕޯޗްގަލްއިން އިޓަލީއަށް ރޮނާލްޑޯ ދަތުރު ކުރުމަކީ ޕްރޮޓޮކޯލްއާ ހިލާފަށް ކުރި ކަމެކެވެ.

ރޮނާލްޑޯ ވަނީ އޭނާގެ ދިފާއުގައި ވާހަކަ ދައްކާފަ އެވެ. އޭނާ ބުނީ ޕޯޗްގަލްއިން އިޓަލީއަށް ދަތުރު ކުރީ ފުރިހަމަ ކުރަންޖެހޭ ހުރިހާ މަރުހަލާތަކެއް ފުރިހަމަ ކުރުމަށް ފަހުގައި ކަމަށެވެ. އަދި އޭނާ ބުނީ އޭނާ އާ އެއްވެސް މިހަކާ ކޮންޓެކްޓް ވެފައި ނުވާނެ ކަމަށެވެ.

"އަހަރެން ޕޯޗްގަލްއިން [އިޓަލީ އަށް] އައީ އަހަރެންގެ ޓީމަށްޓަކައި، ދަތުރު ކުރުމުގައި އަހަރެން ވަނީ ފުރހަމަ ކުރަން ޖެހޭ ހުރިހާ މަރުހަލާއެއް ފުރިހަމަ ކުރިކަން ޔަގީން ކޮށްފަ،" އިންސްޓަގްރާމްގައި ރޮނާލްޑޯ ލިޔެފައި ވެއެވެ. "އަހަރެން އިޓަލީއަށް އައީ އެއާ އެމްބިއުލައިންސްގައި އަދި އަހަރެން އެއްވެސް މީހަކާ ކޮންޓެކްޓް ވެފައި ނުވާނެ، ޓްރިންގައިވެސް އެއްވެސް މީހަކާ ކޮންޓެކްޓް ވެފައި ނުވާނެ."

ރޮނާލްޑޯ ބުނީ، ޓްރިންގައި އޭނާ ދިރިއުޅޭ ގޭގައި އާއިލާގެ އެހެން މެންބަރު ދިރިއުޅެނީ އެހެން ފަންގިފިލާއެއްގައި ކަމަށާއި އޭނާ ކަރަންޓީން ވެގެން ހުރީ ވަކި ފަންގިފިލާއެއްގައި ކަމަށެވެ.

ޕޯޗްގަލްގައި ހުރުމަށް ފަހު ރޮނާލްޑޯ އިޓަލީއަށް ދިޔައީ ޕޯޗްގަލް އަށް ވުރެ އިޓަލީގައި ކަރަންޓީންގައި ހޭދަ ކުރަން ޖެހޭ މުއްދަތު ކުޑަ ވުމުންނެވެ. ޕޯޗްގަލްގެ ސަރުކާރުން ކަނޑައަޅާފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ވާން ޖެހޭ ކަރަންޓީންގެ މުއްދަތަކީ 14 ދުވަސް ކަމަށެވެ. އެހެންނަމަވެސް އިޓަލީގައި ކަނޑައަޅާފައި ވަނީ 10 ދުވަސް ކަމަށެވެ. ޕޯޗްގަލްގައި 14 ދުވަހު ކަރަންޓީން ވެއްޖެނަމަ ޗެމްޕިއަންސް ލީގްގައި ބާސެލޯނާ އާ ދެކޮޅަށް ކުޅޭ މެޗުގައި ކުޅުމުގެ ފުރުސަތު ރޮނާލްޑޯ އަށް ނުލިބެނެ އެވެ.

އިޓަލީގައި 10 ދުވަހު ކަރަންޓީންގައި ހުރުމަށް ފަހު ޓެސްޓް ނެގެޓިވް ވެއްޖަނަމަ ރޮނާލްޑޯ ކަރަންޓީނުން ވީއްލުމުގެ ފުރުސަތު އަވަސް ވާނެ އެވެ. ޔުވެންޓަސް އާ ބާސާގެ މެޗު އޮންނާނީ މި މަހު 29 ގަ އެވެ.

ޔޫއެފާގެ ޕްރޮޓަކޯލްގައި ބުނެފައި ވަނީ، ޕޮޒިޓިވްވާ ކުޅުންތެރިޔަކަށް ކުޅެވޭނީ ޓެސްޓް ނެގެޓިވް ވުމަށް ފަހު މަދުވެގެން ހަފުތާއެއްގެ ތެރޭގައި ކަމަށެވެ. އިޓަލީގައި ކަރަންޓީން ވާނަމަ ޔޫއެފާގެ ޕްރޮޓަކޯލްގެ ތެރެއަށް ރޮންލްޑޯގެ ކޭސް ފެތެ އެވެ. އެހެންވެ ބާސެލޯނާ އާ ދެކޮޅަށް ކުޅުމަށް އޭނާއަށް މައްސަލައެއް ދިމާ ނުވާނެ އެވެ.