ހަބަރު

ގައުމީ ދުވަހުގެ ހަރަކާތްތައް މާދަމާ ފަށާނެ

މި އަހަރުގެ ގައުމީ ދުވަސް މާދަމާ ފާހަގަ ކުރާނެ އެވެ.

ގައުމީ ދުވަސް ފާހަގަ ކުރަނީ ރަބީއުލްއައްވަލް މަހުގެ އެއް ވަނަ ދުވަހެވެ. ގައުމީ ދުވަހަކީ ޕޯޗުގީޒުންގެ އަތްދަށުން ބޮޑުތަކުރުފާނު ރާއްޖެ ސަލާމަތް ކޮށްދެއްވި ދުވަހެވެ. ރަސްމީ ސިފައެއްގައި އެ ދުވަސް ފާހަގަ ކުރާތާ މިއީ 77 ވަނަ އަހަރެވެ.

މި އަހަރުގެ ގައުމީ ދުވަސް ފާހަގަ ކުރަން ނިންމާފައި ވަނީ ބޮޑުތަކުރުފާނު ނިސްބަތްވެ ވަޑައިގަންނަވާ އުތީމުގަ އެވެ.

ހޯމް މިނިސްޓްރީން ބުނީ މިރޭ ފަތިހު 5:45 ގައި ބާއްވާ ދިދަ ނެގުމުގެ ރަސްމިއްޔާތާއެކު ތިން ދުވަހަށް ގައުމީ ދުވަހުގެ ހަރަކާތްތަށް ކުރިއަށް ގެންދަން ރާވާފައިވާ ކަމަށެވެ. ދިދަ ނެގުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދާނީ ބޮޑުތަކުރުފާނުގެ ހަނދާނީ ބިނާ ކަމުގައިވާ އުތީމު ގަނޑުވަރުގަ އެވެ.

މާދަމާ ހެނދުނު 9:30 ގައި ގައުމީ ދުވަހުގެ ހާއްސަ ޖަލްސާ ބާއްވަން ނިންމާފައިވާއިރު މި ޖަލްސާގައި ވީޑިއޯ މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.