ޅ. މަދިރިގުރައިދޫގައި ހިންގަމުން އަންނަ ހަތަރު ތަރީގެ ޕާމް ބީޗް ރިސޯޓް ނީލަމުގައި ވިއްކާލަން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން އެތަކެއް ފަހަރު މަތިން އިއުލާނު ކޮށްފައިވާއިރު، އެކަން ކުރުމުގެ އިހުތިޔާރެއް އެ ބޭންކަށް ލިބިފައި ނުވާކަމަށް އެ ރިސޯޓުން ބުނެފި އެވެ.
އިބްރާހިމް އަލިމަނިކުގެ ނަމުގައިވާ ޕާމް ބީޗް ރިސޯޓް، އެސްބީއައިއިން ނީލަމުގައި ވިއްކާލަނީ މޮނާޒާ ކޮންސްޓްރަކްޝަން އާއި ގާޑިއަން އޭޖެންސީ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން އެ ރިސޯޓް ރަހުނުކޮށް އެ ބޭންކުން ނަގާފައިވާ ލޯނަކަށް ފައިސާ ނުދައްކައިގެނެވެ. އެ ރިސޯޓް ނީލަމުގައި ވިއްކާލައިގެން ލޯނަށް ނުދައްކާ ހުރި ފައިސާ ހޯދުމަށް ސިވިލް ކޯޓުން، ޖުލައި 22، 2018 ގައި ހުކުމް ކޮށްފައިވެ އެވެ.
އެ ރިސޯޓު ނީލަމުގައި ވިއްކާލަން އެސްބީއައި އިން ތިން ފަހަރެއްގެ މަތިން ވަނީ އިއުލާނުކޮށްފަ އެވެ.
ޕާމް ބީޗް ރިސޯޓުގެ ގާނޫނީ ވަކީލުންގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނީ ދަރަނި ސާބިތު ކުރުމުގެ މައްސަލަ 2014 ވަނަ އަހަރު ނިންމާފައިވާއިރު، ރަހުނުގެ މައްސަލަ 2018 ވަނަ ނިންމާފައިވާ ކަމަށެވެ.
ނަމަވެސް، އެ ދެ މައްސަލަ ނިންމި ފަހުން، މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ދެ ފަރާތުން ކޯޓުން ބޭރުގައި ވާހަކަ ދެކެވި، މިހާރު ދައްކަންޖެހޭ އަދަދަކީ 5.5 މިލިއަން އެމެރިކާ ޑޮލަރު ކަމަށް އެއްބަސްވެ، އެކަން ލިޔުމަށްވެސް ތިރިކުރެވިފައިވާކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ޕާމް ބީޗުގެ ވަކީލުން ބުނީ، އެގޮތަށް ކަނޑައަޅައި، ލިޔުމުގައި ދެ ފަރާތުން ސޮއި ކުރުމާ ގުޅިގެން، އެ ފައިސާ ދައްކަން ބޭންކަށް ދިއުމުން، މިހާރު ދައްކަންޖެހޭ އަދަދަކީ 8.1 މިލިއަން އެމެރިކާ ޑޮލަރު ކަމަށް އެސްބީއައި އިން ބުނެފައިވާކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.
އަދި ލޯނު އެކައުންޓު އޮޑިޓު ކުރުމުގެ ފުރުސަތުވެސް އެ ބޭންކުން ދީފައިނުވާކަން ބުނެފައިވެ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނީ، ކޯޓުން ބޭރުގައި ވެވިފައިވާ އެއްބަސްވުމާ އެއްގޮތަށް އެ ރިސޯޓުން މިހާތަނަށް 1.69 މިލިއަން ރުފިޔާ ބޭންކަށް ދައްކާފައިވާއިރު، މަދަނީ އެއްބަސްވުންތަކުގެ ގާނޫނީ ހަމަތަކަށް ބަލާއިރު، އިއުތިރާފުން ރުޖޫއަނުވެވޭނެ ކަމަށެވެ.
އަދި އެ ރިސޯޓުގެ ވެލުއޭޝަނަކީ 54 މިލިއަން އެމެރިކާ ޑޮލަރު ކަމަށްވާއިރު، ދެ ފަރާތުން ކޯޓުން ބޭރުގައި ވެވިފައިވާ އެއްބަސްވުމާ އެއްގޮތަށް 5.5 އެމެރިކާ ޑޮލަރާ ހިލާފަށް 8.1 މިލިއަން އެމެރިކާ ޑޮލަރު ހޯދަން އެސްބީއައި އިން މަސައްކަތްކުރަނީ ރަނގަޅު ނިޔަތެއް އޮވެގެން ނޫން ކަމަށެވެ.
އަދި އެއްބަސްވެފައިވާ އަދަދަށް ފައިސާ ދެއްކުމަށް އެސްބީއައި އިން ހުރަސްއަޅަނީ އެއްވެސް ގާނޫނީ ބާރުވެރިކަމެއް އޮވެގެން ނޫން ކަމަށް ވެސް ރިސޯޓުގެ ފަރާތުން ވަކީލުން އިތުރަށް ބުނެފައިވެ އެވެ.