ކުޅިވަރު

މިލާން ޑާބީއަކީ އުނދަގޫ ޓެސްޓެއް: ޕިއޯލީ

އިންޓަ މިލާނާ ދެކޮޅަށް މިއަދު ކުޅޭ މިލާން ޑާބީއަކީ އޭނާގެ ކުޅުންތެރިންނަށް މުހިންމު އަދި އުނދަގޫ އިމްތިހާނެ ކަމަށް އޭސީ މިލާންގެ ކޯޗް ސްޓެފަނޯ ޕިއޯލީ ބުނެފި އެވެ.

އިޓަލީގެ އެންމެ ތާރީހީ އަދި އެންމެ ވާދަވެރި މެޗުގެ ގޮތުގައި މަޝްހޫރު ވެފައިވާ "ޑާބީ ޑެލާ މޮޑޮންނީނާ" ގެ މެޗަށް ނުކުންނަ އިރު، ސީޒަންގައި މިހާތަނަށް ކުޅުނު މެޗުތަކުން ދެ ޓީމުވެސް ބަލިވެފައެއް ނުވެ އެވެ. މިލާން ވަނީ ކުޅުނު ހަތަރު މެޗުވެސް ކާމިޔާބު ކޮށްފަ އެވެ. އަދި އެ ޓީމުގެ ކޮޅަށް މިހާތަނަށް ލަނޑެއް ވަދެފަ އެއް ނުވެ އެވެ.

ޕިއޯލީއަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ، މި މަހު ކޮވިޑް ޖެހުނު ޓީމުގެ ތަޖުރިބާކާރު ފޯވަޑް ޒްލަޓާން އިބްރޮހިމޮވިޗް ބަލިން ރަނގަޅުވެ މެޗަށް ފިޓް ވެފައި ވުމެވެ.

"އަހަރެމެންގެ މަސައްކަތުގައި އަހަރެމެންގެ އިމްތިހާން ނުނިމޭނެ،" މެޗާ ގުޅޭ ގޮތުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ޕިއޯލީ ބުންޏެވެ. "މިއީ މުހިންމު އަދި އުނދަގޫ އިމްތިހާނެ، އަހަރެމެންނަށް ތައްޔާރު ވާން ލިބުނީ ކުޑަ ވަގުތު ކޮޅެއް، ހަމަ އިދިކޮޅު ޓީމަށްވެސް ލިބޭނީ އެވަރަށް."

ކުރިން އިންޓަ މިލާންގެ ކޯޗުކަން ވެސް ކުރި ޕިއޯލީއަށް އެ ޓީމާއެކު ކުރެވުނީ ރަނގަޅު ތަޖުރިބާތަކެއް ނޫނެވެ. އެ ޓީމުގެ ކޯޗް ކަމާ 2017 ވަނަ އަހަރު ނޮވެމްބަރު މަހު ހަވާލުވެ އެ މަހު ކުޅުނު މިލާން ޑާބީ މެޗުން ވީ އެއްވަރެވެ. އަށާރަ މަސް ދުވަހުގެ އެއްބަސްވުމުގެ ދަށުން އެ ޓީމުގެ ކޯޗް ކަމާ ހަވާލުވި ނަމަވެސް އޭނާ ވަކި ކުރީ މެއި 2018 ގަ އެވެ. އޭސީ މިލާންގެ ކޯޗް ކަމާ އޭނާ ހަވާލުވީ މިދިޔަ އަހަރި އޮކްޓޯބަރު ގަ އެވެ.

އޭނާ ބުނީ މިލާން އާއެކު އޭނާ ކުރި މަސައްކަތުން ޓީމަށް ކުރިއެރުންތަކެއް އައިސްފި ކަމަށެވެ. ކޮރޯނާ ވައިރަސްއާ ގުޅިގެން މާޗް މަހު މެދުކަނޑާލި ސީޒަން ޖޫން މަހު އަލުން ފަށައި ކުޅުނު އެއްވެސް މެޗަކުން މިލާން ބަލިވެފަ އެއް ނުވެ އެވެ. އެ ޓީމުގައި އޭނާ ކުރި މަސައްކަތް ރަނގަޅު ވުމުން މިލާން އިން ވަނީ އޭނާ އަށް އިތުރު ދެ އަހަރުގެ އެއްބަސްވުމެއް ދީފަ އެވެ.

އިންޓަ މެޗަށް ނުކުންނައިރު، އެ ޓީމުގެ ކޯޗް އެންޓޯނިއޯ ކޮންޓޭއަށް އުނދަގޫ ހާލަތެއް ވަނީ ކުރިމަތި ވެފަ އެވެ. އިންޓަނޭޝަނަލް ބުރޭކަށް ފަހު އެނބުރި އައިރު ޗިލީގެ ފޯވަަޑް އެލެކްސިސް ސަންޗޭޒްގެ ފަލަ މަސްގަނޑަށް ވަނީ ތަދެއް އަރާފަ އެވެ. އޭނާ އަށް މެޗުގައި ކުޅެވިދާނެ ކަމާމެދު ސުވާލު އުފެދެ އެވެ. ކޮންޓޭ ބުނީ އެންމެ ފަހު ވަގުތާ ހަމައަށްވެސް ސަންޗޭޒްގެ ފިޓްނަސް އަށް ބަލާނެ ކަމަށާއި ކުޅެވޭނަމަ އޭނާ މެޗުގެ ސްކޮޑުގައި ހިމަނާނެ ކަމަށެވެ.