ވެލެންސިއާ

ވެލެންސިއާގެ އަހަރީ ދުވަހު ގިނަ ޓްރާންސްފާތަކެއް

ކުލަބު ވެލެންސިއާ އަށް 41 އަހަރު ފުރުމާ ދިމާކޮށް އިއްޔަ އެ ކުލަބުން ގިނަ ކުޅުންތެރިންތަކެއް ލައްވައި ސޮއި ކުރުވައިފި އެވެ.

ވެލެންސިއާއަށް ސޮއި ކުރުވި އެންމެ މަޝްހޫރު ކުޅުންތެރިޔަކީ ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ޣަނީ (އަކޫ) އެވެ. އަކޫ މިިދިޔަ ސީޒަން ހޭދަ ކުރީ ޓީސީގަ އެވެ. މެދުކެނޑުމަކަށް ފަހު އަލުން ރާއްޖޭގެ ލީގަށް އަންނަ އެ ކުލަބުގެ ޔޫތު ޓީމުގެ ކުރީގެ ކެޕްޓަން އިސްމާއީލް ޒާން އާމިރު ވެސް ވަނީ ވެލެންސިއާއަށް ސޮއި ކޮށްފަ އެވެ. އޭނާ އެންމެ ފަހުން ކުޅުނީ ސްޕެއިންގެ ހަތަރު ވަނަ ޑިވިޝަންގަ އެވެ. އެ ދެ ކުޅުންތެރިންގެ އިތުރުން މިދިޔަ އަހަރު ދެ ވަނަ ޑިވިޝަންގައި ވެލެންސިއާގެ ޓީމަށް ކުޅުނު ޔޫސްފް ރަމީޒް (ރަމީ) އަދި ކީޕަރު ޝަފީއު (ޗެކް) ވެސް ވަނީ ސޮއި ކޮށްފަ އެވެ.

ވެލެންސިއާގެ އޮފިޝަލަކު ވިދާޅުވީ ގިނަ ކުޅުންތެރިންތަކެއް ސޮއި ކޮށްފައިވާ ކަމަށެވެ. އަދި މާލެ އައުމުގެ ކަންކަން ހަމަނުޖެހޭތީ ރަށްރަށުގައިވެސް ބައެއް ކުޅުންތެރިން ތިބި ކަމަށް އޭނާ ބުންޏެވެ.

ވެލެންސިއާގެ ކޯޗަކަށް އެ ޓީމުން ހަމަޖެއްސީ، މުހައްމަދު އާތިފް (އާތީ) އެވެ. ވެލެންސިއާ ފުރަތަމަ ޑިވިޝަންގައި ވާދަ ކުރަނީ މެދުކެނޑުމަކަށް ފަހު އެވެ. އެ ޓީމު ވަނީ 2018 ވަނަ އަހަރު ދެ ވަނަ ޑިވިޝަނަށް ރެލިގޭޓް ވެފަ އެވެ. ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދީ، މިއަހަރު ބޭއްވި ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ޓައިޓަލް އާއެކު އެވެ.

ވެލެންސިއާ އަށް 41 އަހަރު ފުރުނު އިރު، މިހާރު ފުރަތަމަ ޑިވިޝަންގައި އޮތް އެންމެ ތާރީހީ އަދި އެންމެ ކާމިޔާބު ކުލަބަކަށް ވާނީ ވެލެންސިއާ އެވެ. ފުޓްބޯޅައިގެ ކުރީގެ ގަދަ ބާރެއްގެ ގޮތުގައި ބެލެވޭ ވެލެންސިއާ އަކީ ދިވެހި ޕްރިމިއާ ލީގްގެ ކާމިޔާބު އެއް ޓީމުވެސް މެއެވެ. ވެލެންސިއާ އުފެއްދީ، މަރުޙޫމް މުހައްމަދު ޒާހިރު ނަސީރު ގެންގުޅުވި އެކި ކުޅިވަރުތަކުގެ ކުޅުންތެރިން ހިމެނޭ ގޮތަށް އަޑި ޕާކުގައި ކުޅެމުން ދިޔަ ޒުވާން ކުޅުންތެރިންތަކެވެ.

އޭރު 1979 ގައި ރާއްޖޭގެ ހާލަތު ހުރި ގޮތުން، ސިޔާސީ ގޮތުންނާއި ފިކުރީ ގޮތުން، އެހާ މިނިވަން މާހައުލެއް ނެތެވެ. އެހެންވެ ކުލަބު އުފައްދަން ފުރަތަމަ ހުށަހެޅި ނަމުން، އެ ކުލަބު ރަޖިސްޓަރީ ކޮށްދިނުން، ސަރުކާރުން ހުއްޓުވި އެވެ.

"ޔޫތު ރެކްރިއޭޝަނަލް މޫވްމެންޓް ގެ ނަމުގައި ހުށަހެޅީ، ނަމަވެސް، ރަޖިސްޓަރީ ކޮށް ނުދިން، ސަބަބަކަށްވީ ނަމުގެ ފަހަތަށް މޫވްމެންޓް ކިޔާތީ،" ވެލެންސިއާ އުފެއްދުމުގައި އިސްކޮށް އުޅުނު އޭރުގެ ޒުވާނެއް ކަމަށްވާ މިހާރުގެ ސްޕޯޓްސް ކޮމިޝަނާ ހީނާ އަހްމަދު ސަލީމް، ކުރިން އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވެއެވެ.

"ހަނދާންވާ ގޮތުން އަދިވެސް އިތުރު ނަމެއް ގެންގުޅުނިން، އެނަން ކިޔަން އުޅެފަ ދެން އަނެއްކާވެސް އިތުރު ނަންތަކެއް ބެލީ، އެގޮތަށް ބަލަމުން ގޮސް، މިފެންނަނީ ސްޕެއިންގެ ސިޓީއަކަށް ކިޔާ ނަމެއް، ވެލެންސިއާ ކިޔާ ސިޓީއެއް، ދެން ހަމަ އެ ސްޓޭޓްގެ ނިސްބަތްވާ ވެލެންސިއާ ކިޔާ ފުޓްބޯޅަ ޓީމެއްވެސް އޮވޭ."

ވެލެންސިއާއިން ފުޓްބޯޅައަށް އިންގިލާބެއް

ކުލަބު އުފެއްދިތާ ދެ އަހަރު ތެރޭ ފުޓްބޯޅަ ފިޔަވައި ރާއްޖޭގެ ހުރިހާ ކުޅިވަރެއްގައިހެން، ބޮޑެތި ހުރިހާ މުބާރާތެއް، ކުލަބު ވެލެންސިއާއިން ކާމިޔާބުކޮށް، ކުޅިވަރު ދަނޑުގައި ވަރުގަދަ ނަމަކަށް ވެއްޖެ އެވެ. ފުޓްބޯޅައިގައި އެ ޓީމު ދެމިގަތުމުގައި، އަހަރުތަކެއް ހޭދަވި ނަމަވެސް، އެކުލަބު ފުޓްބޯޅައަށް ބޮޑު އިންގްލާބެއް ގެނެ އެވެ.

"އޭރު މާލޭ ފުޓްބޯޅަ އާއި އައްޑު ފުޓްބޯޅަ މިއޮންނަނީ، މާލޭ ފުޓްބޯޅަ އަކީ، ކުރިއަށް ބޮޑު ބޯޅައެއް ލާފައި ކުރިއަށް އަރައިގެން ގޮސް، ލަނޑު ޖެހުން، އައްޑޫ ފުޓްބޯޅަ އަކީ ވަން ޓަޗް ނުވަތަ ޓޫ ޓަޗް ޕާހެއް ދީފައި ހަމަލާ އުފެއްދުން، އެހެންވެ އަޅުގަނޑުމެން ހިތައް އެރި، އަޅުގަނޑުމެން ކުރާނީ ތަފާތު ކޮށޭ،" ހީނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކުރި ކަމަކީ، ތިރިން ކުޅެ ޕާސްތައް ގިނަ ކޮށްލީ." ކުލަބު ވެލެންސިއާއިން ވުޖޫދު ކުރި، ރާއްޖޭގެ ޒަމާނީ ފުޓްބޯޅައިގެ ފެށުމަކީ މިއެވެ.

ދެ ވަނަ އިންގިލާބު

ކުރިން، ކުޅިވަރު ކުޅެނީ އަވަށު ވާދަވެރި ކަމުގަ އެވެ. ނަވާރަ ސަތޭކަ ނުވަދިހަ ދެ ވަނަ އަހަރާ ހަމަޔަށް އައީ އެގޮތުގައެވެ. ނަމަވެސް 92 ވަނަ އަހަރުވީ ދިވެހި ފުޓްބޯޅައިގައި، މިހާރު އޮތް ސެމީ ޕްރޮފިޝަނަލުގެ ފެށުމަށެވެ. އެހެން ކުލަބު ތަކަށް ކުޅުނު މަޝްހޫރު ކުޅުންތެރިން، އަގު ދީގެން ވެލެންސިއާ އިން ކުޅުވަން ފެށިއެވެ. އޭރުގެ އެއް ވަނަ ކުޅުންތެރިޔާ، މޫސާ މަނިކު (ކުޑަ މޫސަ) އާއި އެއްވަނަ ކީޕަރު މައްުރޫފް އަހްމަދު (މާއްޓޭ) އެއްވަނަ ޑިފެންޑަރު ދޮންބިލެތް އަހްމަދު ހަލީމު ފަދަ މަޝްހޫރު ކުޅުންތެރިން ވެލެންސިއާ އަށް ބަދަލުވެއްޖެ އެވެ.

"އޭރު، އެކި ގޮތްގޮތުން ހެޔޮއެދޭ ފަރާތްތަކުންނާއި ބައެއް ވިޔަފާރި ވެރިން އަތުން ފައިސާ ކޮޅު ހޯދައިގެން ކުޅުންތެރިން ގެނައީ." ހީނާ ވިދާޅުވެފައި ވެއެވެ.

އެ ބަދަލުވީ، ރާއްޖޭގެ އެހެން ކުލަބުތަކަށްވެސް، އެއާ އެއްގޮތަށް އަމަލު ކުރަން މަޖުބުރުވި ބަދަލަކަށެވެ. ވެލެންސިއާގެ އާ ވިސްނުމާއެކު، މުޅި ދިވެހި ފުޓްބޯޅަ ސެމީ ޕްރޮފިޝަނަލް ވި އެވެ.