އެޑިޓަރުގެ ނޯޓް: މިއީ ފަތުހުﷲ 2015 ގައި ނޫހެއްގައި ޝާއިއު ކުރާން ފެށި، ސުޕަހީރޯއެއްގެ ހަޔާތާގުޅޭ ގޮތުން ލިޔެފައިވާ ވާހަކައެކެވެ. އެ ވާހަކައިގެ ބައެއް އެ ނޫހުނުގައި ޝާއިއު ކުރުމަށް ފަހު ހުއްޓާލީ ވާހަކަ މުޅީން ނުނިމެނީހެވެ. އެހެންވެ ކިޔުންތެރީންގެ އެދުމަށް އަލުން ފަށައިގެން އަވަސްގައި ޝާއިޢުކުރާން ފެށީއެވެ. މުޅި ވާހަކަ ނިމެންދެން މި ނޫހުގައި ޝާއިޢުކުރާނެ އެވެ.
(ފުރަތަމަ ބައި)
މެންދަމުގެ ހަމަ ހިމޭން ވަގުތެވެ. އައިރީން އޮތީ އެނދުގައި އޮށޯވެ ދެއަތަށް ފުރޮޅިލަ ފުރޮޅިލާއެވެ. ދެ ފަހަރަކު ފޯނަށް ބަލައިލަމުން އިންބޮކްސް ޗެކުކޮށްލިއެވެ. މޫނުމައްޗަށް އުފާވެރިކަމުގެ ކުލަވަރު އަރަމުން އެ އުފާވެރިކަން މުޅި މީހާގެ ޖިސްމަށް ކުރަމުން ދިޔައެވެ. ހީވާ ކަހަލައެވެ. އައިރީންގެ އުއްމީދީ ހުޅުކޮޅު އަބަދަށް ޓަކައި ދިއްލުނީއެވެ. އޭނާ އެތަކެއް ރޭ ނުނިދާކުރަމުން އައި ފޮނި އިންތިޒާރުގެ ނިމުން ސަވާބެއްގެ ގޮތުގައި ހަގީގަތަކަށްވީއެވެ. ކޮޓަރީގެ ކުޑަދޮރު ތަކުން ބޭރުބަލައިލުމަށް ހިތް ބޭނުންވަމުން ދިޔައެވެ. ފަސްބުރީގެ އެ އިމާރާތުގެ ކުޑަދޮރުން މާލެ ބަލައިލާއިރު ފެންނަނީ ވަރަށް ހިތްގައިމު މަންޒަރެކެވެ. ވަށައިގެންވާ ކޮންކްރީޓް އިމާރާތްތަކުން ދިއްލިފައިވާ ފަނޑު އަލިކަމެވެ. ތަރިތަކުގެ ވިދުން ފަނޑުކޮށްލައިފައިވަނީ ޖައްވުތެރެއަށް ވިދުވާލެވިފައިވާ ރަތްކުލައި މަސްނޫއީ ކުލަ އަލިކަމެވެ. މުޅި މާހައުލުން ފެންނަމުން ދިޔައީ ހިމޭން ކަމެވެ. ދުވަހުގެ ބުރަތަކަށް ފަހު އެންމެ ނިދާމަރުވެފައިވާ ކަހަލައެވެ. އައިރީން ބެލްކަނިން ބޭރަށް ނިކުމެލީ ޖައްވުގެ ހިތްގައިމުން ފެންވަރާލުމުގެ ނިޔަތުގައެވެ. އޭނާ އެހެން ރޭރޭ ފިކުރުބޮޑުވެ ނުނިދާ އޮތަސް މިރޭ އެ ކަންކަމާ ފިކުރު ކުރާކަށް ނުޖެހެއެވެ. އެކަމަކު ނިދި ނާންނަންވީ ސަބަބެއް ޚުދު އޭނާއަށް ނުވިސްނުނެވެ. ވަގެއްގެ ސިއްރު އަތަކުން އޭނާގެ ނިދި ވެސް ފޭރިގެންފައިވާ ކަހަލަ އެވެ. އެހެނަސް އެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. ހިތްހަމަ ޖެހުމެވެ. އުއްމީދުގެ އަލިކަމެވެ. އެ ކަމުގެ ކުލަވަރެވެ.
މަޑުމަޑުން ބެލްކަނީގެ ތެރެއަށް ނިކުމެލާ އިމާރާތާ އިންވެގެން އޮތް މަގުގެ ދެކޮޅަށް، ތިރިއަށް ނަޒަރު ހިންގައިލިއެވެ. ދުވާލުގެ ހަލަބޮލި ކަމުގައި ފުރިބާރުވެ ތޮއްޖެހިފައި އޮތް މަޖީދީމަގުގައި މީހެއްގެ ހިލަމެއް ހުވަމެއް ނުވާތީ މަންޒަރު ފެންނަނީ ވަރަށް އަމާންކޮށްނެވެ. އެއްވެސް ހުރަހެއް ނެތި ކަނޑުން އުދުހެމުން، ގަސްކަރައިގައި ފިރުމަމުން ވައިރޯޅިތައް އައިސް އިމާރާތްތަކުގައި އެޅުމުން އިވޭ މަޑުމޮޅި މިޔުޒިކު ފިޔަވައި އެހެން އަޑެއް އިވެނީ ހާލަކުން ފަހަރަކުއެވެ. މަޑުމަޑުން އައިރީންގެ އިސްތަށިގަނޑު ހާމަކޮށްލަމުން ވައިޖެހޭ ދިމާއަށް މޫނު ދިއްކޮށްލިއެވެ. ކުއްލިއަކަށް އައި ތެތްފިނި ވައިރޯޅިއަކުން މީހާ އެކުގައި ރޫރޫ އަޅުވާލިއެވެ. ފިނިވެ އަތްފައި ގަނޑުވާ ވަރުވި ކަހަލައެވެ. އެއާއެކު އިވުނު މަޑުމަޑު އަޑު ބާރުވަމުން ދިޔައެވެ. އައިރީން ހީކުރީ ޖެހިގެން ހުރި އިމާރާތުން ހުޅުވިފައިވާ ކުޑަދޮރުފަތެއް ވައިރޯޅީގެ ސަބަބުން ލެއްޕުނީ ކަމަށެވެ. ނަމަވެސް ކަންވީ އެހެންނެއް ނޫނެވެ. ދުރުން އިވެމުން ދިޔަ އަޑު މަޑުމަޑުން ކައިރިވަމުން ދިޔައެވެ. ފަހަރަކަށްވުރެ ފަހަރެއް އަޑު ގަދަވަމުން އަޑުބާރުވަމުން ދިޔައެވެ.
އެއާއެކު އޭނާއަށް ބަލައިލެވުނީ ޖެހިގެން ހުރި ހަތަރު ބުރީގެ އިމާރާތަށެވެ. އެ އިމާރާތުގެ ޓެރަސް މަތިން ފެނުނު އަދާޔާ ހިލާފު މަންޒަރަށެވެ. ސިހިފައި ކަޅިޖަހައިނުލައި ބަލަން ހުރެވުނީ އެއީ ދުވަހަކު ވެސް ނުފެންނަ މަންޒަރު ތަކަކަށް ވީމައެވެ. އެއީ ކަޅުކުލައިގެ ބޮޑު ފޮތި ފޭއްޔެއް ފަދަ އެއްޗެކެވެ. އެ ފޮތިގަނޑެއްފަދަ އެތީގެ ތިރި އޮތީ ފުސްވެ ލޮލަށް އައިބުވެފައެވެ. ތަންކޮޅުކޮޅުން މަޑުނޫކުލައާއި ގަދަ ނޫކުލައާއި ދަނބުކުލައިން ވިދުން އަރައަރައި ހުއްޓެވެ. މަތިން ތިރިއަށް އަދި ތިރިން މައްޗަށް ހިމަ ދިގު ރޮނގުތަކެއްހެން އެ ރޮނގުތައް ދަތުރުކުރަމުން ދިޔައެވެ. އެއްކޮޅަށް ފަލަކޮށް އަނެއް ކޮޅަށް ހިމަކޮށް ހުރި ދިރޭ ރޮނގުތަކެކެވެ. މުޅި ފޮތިފޭލީގެ އެކި ހިސަހިސާބުގައި ޖީބުތަކެއްހެން ބޭރަށް ހަރުކުރެވިފައި ހުރި ކުދިކުދި ތަންކޮޅުކޮޅުން ކޮންމެ ތަނަކުން ޒާތެއްގެ އަލި ބޯޅަތަކެއް ފަދައެއްޗަކުން ހިމަ ދިގު ރޮނގުތަކެއް އަރަމުން ދިޔައެވެ. އެ އަލިތަކުން މުޅި ތަން ވިދުވަމުން ދިޔައެވެ. އުދުހެމުން ތިރިއަށް ފައިބަމުން ދިޔަ އެ ފޮތިގަނޑުން އާދަޔާ ހިލާފު ކަންތައްތަކެއް ހާމަ ވަމުން ދިޔައެވެ.
އެ އިމާރާތުގެ ޓެރަސް އެކުގައި ފޮތިގަނޑުން ފޮރުވާލެވުނެވެ. ކުއްލިއަކަށް އައިރީންއަށް ބަލައިލެވުނީ ފޮތިގަނޑުގެ މައްޗަށެވެ. ހުރިހާ ހިމަ ދިގުރޮނގުތަކެއް ގޮސް ގުޅިފައިވާ ހިސާބަށެވެ. ފެނުނު މަންޒަރުން އޭނާ ސިހިފައި ފަހަތަށް ޖެހެވެން ފެށުނެވެ. އެއީ އޭނާގެ ސޫރައެވެ. އޭނާގެ މޫނެވެ. އެ ހިމަ ދެލެލޮލެވެ. އެ ދިގު ނޭފަތެވެ. ތަފާތަކީ ކުލައިގެ ތަފާތެވެ. ކަޅު ބަބުރަކަށްވުރެ އަލި ގަދަ ދޮންކުލައަށްވުރެ ހުދުކަންގަދަ ކުލަ އެކެވެ. އެ މޫނުމަތިން ފެންނަނީ ނަފުރަތާއި ރުޅިވެރިކަމެވެ. ބޮލުގެ އިސްތަށިގަނޑުގައިވަނީ ފޮތިގަނޑުން ފޭދެމުން އަރަމުން އައި ހިމަ ދިގު އަލި ރޮނގުތަކެވެ. ދޭތެރެ ދޭތެރެއިން އިސްތަށިގަނޑު ހާމަވެއެވެ. މުޅި މޫނު ވަނީ މަޑުނޫކުލައިގެ އަލިކަމަކުން ދިއްލިފައެވެ. މަޑުމަޑުން ފޮތިގަނޑު މައްޗަށް އަރަމުން އައިރީންގެ މޫނާ އެއްހަމަވިއެވެ. އައިރީނަށް ހަނދާނަށް އައީ އައިޝަމް އޭނާގާތު ދެއްކި ވާހަކަތަކެވެ. އައިޝަމްގެ ޖުމުލަތަކެވެ. އޭނާގެ ކަންފަތުގައި އެ އަޑުތައް ގުގުމަމުން ދިޔައެވެ. "ދެން ހުރިހާ ކަމެއް ކުރިމަތިވާނީ އައި އަށް، ކެތްކުރާތި ބިރުން ފިލަން ނުދާތި! މި އަގޮނޓި އޮއްވާ އެއްވެސް ނުރައްކަލެއް ކުރިމަތިވުނާވެ!"
އަވަސް އަވަހަށް އަތުގެ އިނގިލި ތަކުގައި އަތްޖައްސާލެވުނެވެ. އަނގޮޓި އޮތްތޯ ބަލައިލެވުނެވެ. ކަމަކުދާކަށް ނެތެވެ. ހަނދާނަށް އައީ ފެންވަރަން ގަހަނާތައް ނެގި ގޮތަށް އަގޮނޓި ނޭޅި ރީތިވާ މޭޒުމަތީގައި ބޭއްވުނު ހަނދާނެވެ. އަވަސް އަވަހަށް ކޮޓަރިތެރެއަށް ދެމިގަނެވުނީ އެހެންވީމައެވެ. އޭނާގެ ފަހަތުން އެ ގޮތްނޭގޭ އެތީގެ ހިމަ ދިގު އަލި ރޮނގުތައް ކޮޓަރި ތެރެއަށް ވަންނަން މަސައްކަތް ކުރަމުން ދިޔައެވެ. އެހެނަސް އައިރީން އެއަށްވުރެ މާ ހުޝިޔާރެވެ. ކުޑަދޮރު ކޮށްޕާލަމުން އަވަސް އަވަހަށް ރީތިވާ މޭޒުމަތީގައި އޮތް އަނގޮޓި އިނގިއްޔަށް މަހައިލިއެވެ. އެގޮތް ނޭނގޭ އެއްޗާ ކުރިމަތި ލިއެވެ.
"ކޮބައިތަ ކަލޭގެ ބޭނުމަކީ؟ ކީއްވެތަ އަހަންނާ ދިމާކުރަނީތި؟" އައިރީން އަޑުގައި އަޒުމު އެކުލެވި އާދަޔާ ހިލާފު ޖޯޝެއް އުފެދެމުންދިޔައެވެ.
އޭނާ މަޑުމަޑުން ބެލްކަންޏަށް ނިކުމެ ރަނގަޅަށް އެ ސޮރާ ކުރިމަތިލީ ފިސާރި ސާބިތުވެ ހުރެއެވެ.
"ހައްހައް... ކަލޭ... ކަލޭ އަށް ނޭގޭތަ އަހަރެން ކަލެއާ ދިމާކުރަން މިޖެހުނީ ކީއްވެ ކަމެއް؟ އަހަރެންގެ މަގަށް ހުރަސް އަޅާ ކޮންމެ މީހަކަށް އެކަމުގެ އަދަބު ލިބޭނެ!" އިވުނީ ބަރު އަޑެކެވެ.
ދެމީހުން އެކުގައި ވާހަކަދެއްކުމުން އިވޭ އަޑާއި ދާދި އެއްގޮތް ނަމަވެސް އަޑުއައީ ފަށްފަށްވަމުންނެވެ. އެ ގޮތްނޭނގޭ އެތީގެ ބޯ ދިގުވެލިއެވެ. އައިރީންގެ މޫނާ ދާދިކައިރިއަށް އެސޮރު ޖެހިލަމުން އޭގެ ބިޔަ ދޫ ނެރެލިއެވެ. އާދަޔާ ހިލާފު ދުލެކެވެ. ހަރުފައިގެ ދޫފަދައިން ދެކަފި ވެފައިވާ ދުލެކެވެ. ދުލުގެ ކުރިން ހިސާބަކަށް ލޮނދިތަކާއެކުވެ ސޮނި ފައިބަމުން ދިޔައެވެ. ނޭފަތުގައި އެއްވަސްވެފައިވާ ފަރުހަކި ވަހުން އެތެރެއަށް ނޭވާ ދަމައިލަން އުނދަގޫ ވާ ވަރުވެއެވެ.
"އަހަރެން ކަލޭއަށް ކޮން ގޯނާ އެއް..." އައިރީން ބިރު ނުގަންނަން ލައްކަ މަސައްކަތްކުރި ނަމަވެސް އޭނާގެ އަޑުގައި ތުރުތުރެއް އެކުވަމުން ދިޔައެވެ.
ފެންނަމުން ދިޔަ އާދަޔާ ހިލާފު މަންޒަރުތަކުންނެވެ. ފޮތި ފޭއްޔަކަށްވުރެ ބޮޑު އެސޮރު ވައިގެ ތެރޭގައި އެއްވެސް އެހީއެއް ނެތި ހަރުލެވިފައި އޮތީ އައިރީންގެ މޫނަށް ނަޒަރު ހުއްޓައިލައިގެންނެވެ. ފޮތި ފޭލި ވަނީ އެސޮރުގެ ކޮޑުންފެށިގެން ވަށައިގެން ފެތުރިފައެވެ. ފޮތިގަނޑު ފެތުރިފައިވާލެއް ބޮޑުކަމުން ވަކިވަރަކަށްވަނީ ފުސްވެފައި ވަކި ނުވާވަރުވެފައެވެ. ކުރިންވެސް ޖީބުތަކުން ނުކުންނަމުން ދިޔަ ހިމަ ދިގު އަލި ރޮނގުތައް އެސޮރުގެ ވަށައިގެން ދައުރު ވަމުންދިޔައެވެ.
"މިއަދު ކަލޭއަކަށް ސަލާމަތެއް ނުވެވޭނެ... ކަލޭ ހީކުރީތަ އައިޝަމް އެއީ ކަލޭގެ މީހެއްކަމަށް... ހިލާ އެހެންވިޔަކަ ނުދޭނަން! އައިޝަމް އެއީ މާކުރިން އަހަރެން...، ހަމަ އެކަނި އަހަރެންގެ ކާނާއެއް، އަހަރެންގެ ނަސީބަށް ހުރަސްއަޅާ ކޮންމެ މީހަކަށް އޮންނާނީ...!" އެ ސޮރު މޫނުމަތިން ރުޅިވެރިކަން އިންތިހާއަށް ފެންނަމުން ދިޔައެވެ.
އެއާއެކު ހިމަ ދިގުއަލިތަކުން އައިރިންގެ ވަށައިލިއެވެ. އެއަލި ރޮނގުތައް އޭނާއާ ގާތްވަމުން ދިޔައެވެ. މަޑުމަޑުން އައިރީންގެ މޭ ތެޅުން ބާރުވަމުން ބިރުވެރިކަން ހިތަށް ގަދަކުރަމުން ދިޔައެވެ. ސަލާމަތްވާނެ ކަމުގެ އެއްވެސް އުއްމީދެއް އެއްވެސް ޔަޤީންކަމެއް ނެތްކަމަށް ހިތަށް އަރުވާ ކަލާނގެ އާ ވަކީލުކުރަމުންނެވެ. އޭނާއަށް ދެލޯ ހުޅުވާ ދެފަހަރަކު ބަލައިލެވުނީ އެއީ އަސްލެއް ނޫންކަމަށް ހިތައެވެ. ފިލްމުތަކުން ފެންނަ ހަގީގަތާ ހިލާފު މަންޒަރެއްކަމަށް ހީކޮށެވެ. މަޑުމަޑުން އަތް އުފުލައިލީ ކަމެއް ހަނދާން ވުމުންނެވެ. އައިޝަމްގެ ޖުމުލަ އަކުން ހިތަށް ހަމަޖެހުމެއް ވެރިވުމުންނެވެ.
"އެއްވެސް ނުރައްކަލެއް ދިމާވެއްޖެ ނަމަ އަނގޮޓީގެ އެސް އެ އެއްޗަކާ ދިމާކޮށްލާ"
އައިރީންގެ ވަށައިގެން އެނބުރެމުން ދިޔަ ހިމަ ދިގު ރޮނގުތަކުން ކޮންމެ ރޮނގެއް ފަލަވަމުން ފުޅާވަމުންދިޔައެވެ. ކޮންމެ ރޮނގަކުން ދުންއަރަމުން ދުންގަނޑު އޭނާގެ ވަށައިގެން އެނބުރެމުން ދިޔައެވެ. އެ ހިމަ ދިގު ރޮނގުތަކުގެ ކޮޅުން ހަރުފައިގެ ބޯ ހުންނަ ވައްތަރުގެ އަނގަތަކެއް ފާޅުވީ ކުއްލިއަކަށެވެ. ކޮންމެ ރޮނގެއްގެ ދެ ކޮޅުން އެފަދަ ބޯތަކެއް އޭނާއަށް ހަމާލާދޭން ތައްޔާރުވެލިއެވެ. ނުބައި ސޫރައަކަށް ހުރި ބިރުވެރި މޫނެތަކެކެވެ. ކޮންމެ ބޮލަކުން ދެ ކަފި ވެފައިވާ ދޫތަކެއް ފޫޓެއްހާ ދިގުމިނަށްނެރެ އެތެރެއަށް ލަމުން ދިޔައެވެ. އެ ސޮރުމެން ދޫ ބޭރަށް ނެރެލާ ކޮންމެ ފަހަރަކު އަނގައިން ކުޅާއެކު ސޮނިތައް ފައިބަމުން ދިޔައެވެ. ކުޅުތަކާއި ދަވަތައް ވައިގެތެރެއަށް ފައިބަމުން ދިޔަ ވަރަކަށް އެއިން ދުން އަރަމުން ވައިގެތެރޭގައި ޒާތެއްގެ ނުބައިވަހެއް ހިފަމުންދިޔައެވެ. މިނި އެނދީމައި ދުވާ ފާޑުގެ ވަހެއް ދުވަމުން ދިޔައެވެ. އައިރީން އޯކަށް ދެމޭގޮތްވުމުން އަނގަމަތީ އަތްއެޅިއެވެ. އަނގަމަތީ އަތްއެޅުނު ވަގުތު އަނގޮޓީގެ އެސް އޭތީގެ ބޮލުން އޭނާއާ ދިމާއަށް ދިގުކޮށްލި މޫނަކާ ދިމާވިއެވެ. އެއާއެކު އަނގޮޓިން ފާޑެއްގެ ރަތްކުލައިގެ އަލިކަމެއް ނިކުމެ އޭނާގެ ވަށައިގެންވާ އަލި ރޮނގުތަކަށް ހަމަލާދެމުން، އެ ރޮނގުތައް ބަލިކޮށް އެ ދިރުވަމުން ދިޔައެވެ. ސިކުންތު ކޮޅެއްގެ ތެރޭގައި ހުރިހާ ރޮނގުތަކެއް އަނގޮޓީގެ އެހުގެ ތެރެއަށް ފޭދިގެން ދިޔައެވެ. ފޮތިގަނޑުގެ ތެރޭ އޮތް މޫނުން ހަޅޭއްކުގެ އަޑު އިވެން ފެށުމުން އައިރީންގެ އަނގޮޓި އަމާޒު ކޮށްލީ އެ ބޮޑު ފޮތިގަނޑުން ނިވާވެފައިވާ އެ ސުންޕާ އިފުރީތުގެ މޫނާ ދިމާއަށެވެ.
އަނގޮޓި ދިމާކޮށްލުމާއެކު އެ ސޮރު ތެޅިގަތެވެ. ބާރުބާރަށް ވައިރޯޅިއެއް ހެން އެނބުރެން ފެށިއެވެ. އެނބުރޭ ވައިރޯޅީއެއް ފަދައިން ޖައްވުގެ ތެރެ ފުސްކޮށްލިއެވެ. ކުއްލި ހަރަކާތަކާއެކު ވައިގެތެރެއަށް އެސޮރު ގެއްލުނެވެ. އެއާއެކު ކުދި ވާލުތަކެއް އުދުހިގެން ހުޅުލެއާ ވީކޮޅަށް މިސްރާބު ޖެހިއެވެ. އެ ސޮރުމެން ލޮލުކޮޅަށް އޮބަންދެން އައިރީން މަންޒަރު ބަލަން ހުރީ ކުރިމަތީ ހިނގައިދިޔައީ ހަގީގަތެއް ކަމަށް ގަބޫލު ނުކުރެވިގެންނެވެ. އައިރީން މަޑުމަޑުން އަނގޮޓީގައި ފިރުމައިލިއެވެ. ހިތްހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލަމުން ދެ ލޯމަރައިލިއެވެ. އެއަށްފަހު އަނގޮޓީގެ އެހުގެ މަތީގައި އަސަރުން ފުރިގެންވާ ގޮތަށް ދެ ފަހަރަކު ފިރުމައިލިއެވެ. އޭނާ ދިޔައީ އެއްލައިގެންނެވެ. އަނގޮޓީގެ އެހުން ކުޑަކުޑަ ނޯޓްޕެޓުގެ ސުކްރީނެއް ފަދަ ހަތަރެސްކަން އަލިކަމެއް ވައިގެތެރެއަށް ނިކުތީމައެވެ. އެ އަލިކަން މަޑުމަޑުން ސޫރައަކަށް ބަދަލުވިއެވެ. އެތެރެ ފެންނަ ސޫރައެކެވެ. އަނގޮޓީގެ އެހުން ފޯރުކޮށްދެމުން ދިޔަ މަޑު ރަތް އަލިކަމާ އެ ތަސްވީރާ ގުޅިފައިވުމުން އޭނާ ހައިރާންކަން އިތުރުވިއެވެ. މަޑުމަޑުން އެ ތަސްވީރު ހަރަކާތްތެރިވެލަމުން ވާހަކަދައްކަން ފެށި އެވެ.
"އެއްވެސް ވަރަކަށް ހާސްނުވޭ! ކަންބޮޑު ނުވޭ! އަހަރެންމީ ޝަމްގެ ހިމާޔަތުގަ މަސައްކަތްކުރާ އޭނާގެ ފާރަވެރިއެއް. ޝަމްގެ ލޯބިވެރިޔާ ހިމާޔަތްކުރުމީ މިއަދު އަހަރެންގެ ޒިންމާއެއް. ބޭނުމެއް ޖެހިއްޖެ ކޮންމެ ދަނޑިވަޅަކު އަހަރެން އަބަދުވެސް އެކުގައިވާނަން! ބޭނުމެއް ޖެހިއްޖެކަން އަހަންނަށް އެނގޭނީ އިޝާރާތެއް ވުމުން. މިހާރު އަހަންނަށް އިޝާރާތްކުރާނެ ގޮތް ދަސްވެއްޖެ ދޯ. ނުރައްކަލާ ކުރިމަތިވުން ދެންމެ ކަންކުރި ގޮތަށް ކަންކުރީމަ ރަނގަޅުވާނެ." އަނގޮޓިން ނިކުތް އަލިކަމުން އުފެދުނު ސޫރަ ހިނިތުންވެ ހުރެ ވާހަކަދައްކަމުން ދިޔައެވެ.
"އަހަރެން... އަހަރެން... ޝަމްގެ ކާކުތީ؟ މި ކޮން.. ކަންތައްގަނޑެއް؟" އައިރީން ބިރުން ތުރުތުރު އަޅަން ފެށިއެވެ. އޭނާއަށް ވާހަކަދައްކަން އުނދަގޫވީ ކުރިން ކުރެވިފައިނުވާ އެތައްކަމެއް ތަޖުރިބާކުރަން ޖެހުމުންނެވެ.
"އެއްވެސް ވަރަކަށް ހާސްނުވޭ.. އަހަރެންމީ.. ޝަމްގެ ބައްޕަގެ އީޖާދުތަކުގެ ތެރެއިން އެއް އީޖާދު. އަހަރެން މިއަދު ކޮންޓްރޯލް ކުރަމުން އެދަނީ ޝަމްގެ ބައްޕަ ރާޒް. އަހަރެންގެ ހަށިގަނޑުވަނީ އޭނާގެ ލެބޯޓެރީގައި ހާއްސަކުރެވިފައިވާ ތަނެއްގަ. އަހަރެންގެ ސިކުނޑި މަސައްކަތްކުރަމުންދަނީ އެތަނުގަ އަހަރެންގެ ހަށިގަނޑުގަ، އަހަރެން މި ސޫރަ ކޮންޓްރޯލް ކުރެވި ތަރައްގީ ކުރެވިފައިވާ ޓެކްނޮލޮޖީއެއްގެ އެހީގައި. އައިރީންނަށް ތި ފެންނަންނީ އަހަރެންގެ އަސްލެއްނޫން. މީ ރާޒްގެ އުފެއްދުން. އޭނާގެ އީޖާދު. އަހަރެންމީ އެމީހުންގެ އުޖޫރަވެރިއެއް. އެމީހުންގެ އުޖޫރަވެރިއެއްގެ ގޮތުގައި އަހަރެން އަދާކުރަން ޖެހޭ ވަޒީފާއަކީ މީ. އަހަރެން ބޭނުންނަމަ އިންސާނުންގެ ތެރެއަށް ނިކުމެ އުޅެވޭނެ.ލޯތަކަށް ސިއްރުން ވެސް އުޅެވޭނެ. އެކަމަކު އިންސާނުންގެ ހަމަ ލޮލަށް އަހަރެން ފެންނާނީ އެތެރެ ފެންނަ ޖެލީ ގަނޑެއްގެ ގޮތުގަ. އެވެސް އަހަރެން ބޭނުންނަމަ."
***
"އާން ވަރަށް ސަޅި. ތްރީޑީލެއް ބޮޑުކަމުން ހީވަނީ އަސްލުހެން. މަ ހިތަށް އަރައި އެކަހަލަ ތަނަކަށް ދެވޭނެ ނަމައޭ. މަށަށް ވަރަށް ސަޅި އޭގެ އުދެހޭ އެއްޗެހިތައް ދިއްލިފަ ހުންނަ، އެއްކަލަ ޖަންގަލީގަ އުޅޭ އަލިފާންކޮކާ ތަކާ އެ ކަހަލަ... އަސްލު އެވެސް މީހަކަށް ދިމާވި ކަމެކޯދޯ. އަޅެ އެކަހަލަ ކަންތައް ވެސް މީހުންނަށް ދިމާވޭތަ؟" ނަވީނާ ވާހަކަދައްކަމުން ދިޔައީ އައިރީންގެ ކޮޓަރީ ލެޕްޓޮޕުން ބަލަން އޮތް އިނގިރޭސި ފިލްމުގެ މޮޅުވާހަކަތެކެވެ.
ދެމީހުން ތިބީ އެނދުމަތީ ބާލީހުގައި ބައްދައިގެން ބަންޑުންނެވެ. އޭނާގެ މަގަތުގައި އައިރީން ލެޕްޓޮޕާ ދިމާއަށް މޫނުލައިގެން އޮތެވެ. އެހެނަސް އައިރީން ބަލަނީ ފިލްމުކަމެއް ނުވަތަ އޭނާ އޮތީ ހިޔާލީ ދުނިޔެއެއްގަ ކަމެއް ނަވީނާއަކަށް ނޭނގެއެވެ. އެހެންމެ ނަވީނާ އޮލަކުރަމުންދިޔަ ވާހަކައިގެ މިސްރާބު ހުރިގޮތެއް އައިރީން އަކަށް ވެސް ނޭނގެއެވެ. އޭނާ އޮތީ ހިޔާލެއްގެ ތެރެއަށް ގެނބި މަރުވެފައެވެ.
"އެކަމު ގިނަމީހުން ބުނަނީ ކިހިނެއްހޭ އެކަހަލަ ކަންކަން ވާނީ؟ އަސްލު ހުވަފެނެއްގަ އެކަހަލަ ކަންތައްވޭދާނެ ދޯ! އޭތް ކޮން ޚިޔާލެއްގަ! އަނެއްކާ މިކަހަލަ ހުވަފެނެއް ބަލަނީތަ؟" ނަވީނާ ވާހަކައިގެ މިސްރާބު ބަދަލުވީ އައިރީން އޭނާގެ ވާހަކައަށް ސަމާލުކަން ނުދިނުމުން ބަލައިލިއިރު މީހާ ގަބަރާވެފަ އޮތުމުންނެވެ.
"ފިލްމަށް ވަދެ ހުސްވެގެންތަ ބާލީހުގެ ކަން އަނގަޔަށްލައިގެން ތި ކަނީ؟ ތީ ތަންކޮޅެއް ބޮޑުވަރު، އަހަރެން ހާދަ ވާހަކައެއް ދައްކައިފީމޭ."
ނަވީނާ ބޭނުންވީ އައިރީންގެ ހިޔާލީ ވާފަށް ކަނޑައިލާށެވެ. އެހެންވެ އައިރީންގެ ބާލީހުގައި ހިފައިލަމުން ބާލީސް ހިއްލައިލިއެވެ.
"ކީކޭ!؟ ދޮންކޭލޭ! ބަނބުކެޔޮ ފިހަނީއޭ. ނުކާނަން! ޖެލީ ވެސް މިހާރު ނުބައި!" އައިރީން ބޭނުންވީ އޭނާ ހިޔާލެއް ނުކުރާކަން ހާމަކުރާށެވެ. އެހެންވެ ޖަވާބުތައް ބައްޓަންކުރީ މުޅިން އިދިކީލިވާ ގޮތަށެވެ.
"ބަލަ މަ ނުދައްކަމޭ ދޮންކޭލެއް ފަތްކޭލެއް ބަނބުކޭލެއް ނުވިތާކަށް ސައްކޭލެއްގެ ވާހަކައެއް، މި ކިޔަނީ ކޮން ފިކުރެއްހޭ ތިޔަ ކުރަނީ؟ ކޮން ދުނިޔެއެއްގަހޭ ތި އުޅެނީ؟" ނަވީނާ ވެސް މަޖާވެލީ ރާގެއް އަޅުވާލަމުންނެވެ.
"އޭ މަށަށް ވެސް ތިކަހަލަ ހުވަފެން މިހާރު ފެނެއޭ. އެކަމު ހޭލާ ހުންނަ ގަޑީ. މަ ވެސް ކުރިން ހީކުރީ ތިކަހަލަ އެވޭޓަރތައް އުޅޭނީ ފުލޯކް ވާހަކަތަކާއި އެކަހަލަ ފިލްމުތަކުގަ ކަމަށް. ހިޔެއް ނުކުރަން ދިވެހިންނަކަށް ތިކަހަލަ ކަމެއް ދިމާވެދާނެ ކަމަކަށް!" އައިރީން ވާހަކަދެއްކީ ހަގީގަތަށް ކަމަށްވީ ނަމަވެސް ނަވީނާ އެކަން ހެދީ މަޖަލަކަށެވެ.
"މަވެސް ހިޔެނުކުރަން މީހުން ހިޔާލީ ދުނިޔޭގަ ތިބެގެން ބާލިހުގެ ކަން ކަމުން އެއީ ދޮންކޭލޭ ކިޔާނެ ކަމަކަށް!" ނަވީނާ ހިނިގަނޑެއް ޖަހައިލިއެވެ.
"އޭ މަ ވަރަށް ނިދަން ބޭނުން! އޯކޭތަ ނިދައިލިޔަސް! ނަވީ ފިލްމު ނިމެންދެން މަ ޖައްސާލިޔަސް އޯކޭ ދޯ. ތީ ޓޫ އަވަރސްގެ ފިލްމެއްނު.. ނިންމާފަ މަށަށް ގޮވާފަ ނޫނީ ނުދައްޗެ!" އައިރީން ބޭނުންވީ ނިދައިލާށެވެ.
"އޯކޭ! މަށަށް އެނގޭ ސުނާމީ ބިނާގެ ބޯޅަގުނަން ދާން އަށަކަށް ގަޑި ކިޔައިފަ އޮތްކަން. ގޮވާނަމޭ. ތިވަރު ނުވިޔަސް އޯކޭވާނެ. އަދި އެއުޅެނީ އަސުރަށް ވެސް ނުގޮވައިގެން. ދެން ނިދިކޮޅެއް ދިރުވައިލެވޭތޯބަލައިބަ!" ނަވީނާ ވާހަކަ ބައްޓަންކުރީ އެމީހުންގެ އާއްމު ބަހުރުވަ އަށެވެ. ކުއްލިއަކަށް ނަވީނާގެ ފޯނުގެ ރިންގުވާން ފެށުމުން ފޯނަށް ބަލައިލިއެވެ.
(ނުނިމޭ)