ސޯލާ ޕެނަލް ރާއްޖޭގެ ހުރިހާ ރަށެއްގައި ގާއިމްކޮށް، އިއާދަ ކުރަނިވި ހަކަތައިގެ ދާއިރާ އަށް ޕްރައިވެޓް ސެކްޓާ އިންވެސްޓްމަންޓްތައް އިތުރުކުރުމާއި ބެހޭ "އެސްޕަޔާ" ޕްރޮޖެކްޓްގެ ދެ އެއްބަސްވުމެއްގައި އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ސޮއިކޮށްފި އެވެ.
އިރުން ހަކަތަ އުފައްދާ ސޯލާޕެނަލް ރާއްޖޭގެ ރަށްރަށުގައި ހަރުކޮށް، އެ މަސައްކަތް ކުރާނެ އަމިއްލަ ފަރާތެއް ހޯދަން އެންވަޔަރަމަންޓް މިނިސްޓްރީން ފުރުސަތު ހުޅުވާފައިވަނީ ނިމުނު ޖުލައި މަހުގެ ތެރޭގަ އެވެ. އެ މަސައްކަތް ރާއްޖޭގައި ކުރާނެ ބަޔަކު ހަމަޖައްސައި، އެކަމަށް މިނިސްޓްރީން މިއަދު ސޮއިކުރީ ޗައިނާގެ މެޝިނަރީ އިންޖިނީރިން އާއި ސްވިޒަލޭންޑުގެ ގްރާސް ސޯލާޓެކްނިކް ކިޔާ ކުންފުންޏަކާއި އެކު އެވެ.
މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ތޯރިގް އިބްރާހިމެވެ. ޗައިނާ މެޝިނަރީޒް އިންޖިނީރިން ގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރ ޒަން ޖިއާންޓާއޯ އެވެ. އަދި ސްވިސް ސޯލާޓެކްނިކް ގެ ފަރާތުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަރޮލްޑް ގްރާސް އެވެ.
މި އެއްބަސްވުމުގެ ދަށުން ގާތްގަނޑަކަށް 200 މިލިއަން ޑޮލަރުގެ އިއާދަކުރަނިވި ހަކަތަ އާއި ގުޅޭ މަސައްކަތް ރާއްޖޭގައި ކުރެވޭނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި، ސަރުކާރުގެ ކަރަންޓް ކުންފުނި ސްޓެލްކޯ އިން ވަނީ އެ ދެކުންފުނިން ރަށްރަށުގައި ހަރުކުރާ ސޯލާޕެނަލްތަކުން އުފައްދާ ކަރަންޓު ގަތުމުގެ އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގެ ދަށުން، ޗައިނާގެ މެޝިނަރީ އިންޖިނީރިން އާއި ސްވިޒަލޭންޑުގެ ގްރާސް ސޯލާޓެކްނިކުން ރަށްރަށުގައި ޖަހާ ސޯލާ ޕެނަލްތަކުން އުފައްދާ ކަރަންޓް ސްޓެލްކޯއިން ގަންނަންޖެހޭނެ އެވެ.
މި ދެ ކުންފުނިން ރާއްޖޭގައި ސޯލާ ޕެނަލް ޖެހުމުގެ މަޝްރޫއު ހިންގާނީ ދެކުންފުނި ދެމެދުގައި ވެވޭ ޖޮއިންޓް ވެންޗާ އެއްބަސްވުމެއްގެ ދަށުންނެވެ.
މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ސޯލާ ޕެނަލް ގަތުމާއި ހަރުކުރުމުގެ މަސައްކަތް ކުރާނީ އެދެ ކުންފުނީގެ ހަރަދުގައެވެ. ނަމަވެސް ޕެނަލްތަކުން އުފައްދާ ކަރަންޓް ރާއްޖޭގެ ސަރުކާރުން ގަންނާނެ އެވެ.
މި މަޝްރޫއާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ތޯރިގް ވިދާޅުވީ، އެސްޕަޔާ ޕްރޮޖެކްޓަކީ އިއާދަކުރަނިވި ހަކަތައިގެ ދާއިރާއަށް ޕްރައިވެޓް އިންވެސްޓްމަންޓްތައް އިތުރުކޮށް، އިއާދަކުރަނިވި ހަކަތައިގެ ދާއިރާގެ މަސައްކަތް މެކުހަށް ޖެހިގެންދާނެ ޕްރޮޖެކްޓެެއް ކަމަށެވެ.
މި ޕްރޮޖެކްޓްގެ މައިގަނޑު އަމާޒަކީ 2018 ގެ ނިޔަލަށް ރާއްޖޭގެ ރަށްރަށުގައި ދުވާލު ބޭނުންކުރާ ކަރަންޓުގެ 30 އިންސައްތަ ސޯލާ ޕެނަލްތަކުން ފޯރުކޮށްދިނުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މި މަސައްކަތާއި އެކު މީހުން ދިރިއުޅޭ ހުރިހާރަށެއްގައި 24 ގަޑިއިރުގެ ކަރަންޓް ޔަގީންކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ބޮޑުބައެއް ހާސިލުވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަތީން ވިދާޅުވީ، އެސްޕަޔާ ޕްރޮޖެކްޓަކީ އިންވެސްޓަރުންނަށް ފައިދާ ކަށަވަރުކޮށްދޭ އިތުބާރު ހުރި ޕްރޮޖެކްޓެއް ކަމަށެވެ. ވޯލްޑް ބޭންކާއި ވެސް ގުޅިގެން ފަށާފައިވާ މި ޕްރޮޖެކްޓަށް އިންވެސްޓް ކުރާ ފަރާތްތަކުގެ ހަރަދު ސްޓެލްކޯއިން ނުދީފި ހާލަތެއްގައި ސަރުކާރުން ދޭނެ ޖެހޭނެ އެވެ. އަދި ސަރުކާރުން އެ ޚަރަދު ދޭން ނުކުޅެދިއްޖެ ނަމަ ވޯލްޑް ބޭންކުން އެ ހަރަދު ކަވާ ކުރާގޮތަށް ވަނީ ހަމަޖެހިފަ އެވެ.