ކުޅިވަރު

ރެއާލް އާއި ބާސާވެސް ބަލި

ލަލީގާގެ ތާވަލުގެ އެންމެ ކުރިއަށް ދާން ބާސެލޯނާ އަށް ލިބުނު ފުރުސަތުގައި ގެޓާފޭ އަތުން 1-0 ން ބަލިވުމުން ގެއްލިއްޖެ އެވެ.

ބާސާ އާއި ގެޓާފޭ މެޗުގެ ކުރިން، ރެއާލް ވަނީ އަމިއްލަ ދަނޑުގައި، ލަލީގާ އަށް ޕްރަމޯޓްވި ކާޑިޒް އާ ދެކޮޅަށް ކުޅެފަ އެވެ. މެޑްރިޑްގެ މިހާރުގެ ހޯމް ދަނޑު އަލްފްރެޑޯ ޑި ސްޓެފަނޯ ސްޓޭޑިއަމްގައިި ކުޅުނު މެޗުގައި ކާޑިޒް އިން ވަނީ 1-0 ރެއާލް ބަލި ކޮށްފަ އެވެ. މެދުކެނޑުމަކަށް ފަހު ލަލީގާއަށް ޕްރަމޯޓްވި ކާޑިޒް އިން ވަނީ މެޗުގައި ރަނގަޅު ކުޅުމެއް ދައްކާފަ އެވެ.

މެޑްރިޑް އަތުން މޮޅުވުމަކީ އެ ޓީމަށް ތާރީހީ ކާމިޔާބަކަށް ވާނެ އެވެ. ކާޑިޒްގެ ލަނޑު މެޗުގެ 16 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އެންތޮނީ ލޮޒާނޯ އެވެ.

ގެޓާފޭ އާއި ބާސާ ކުޅުނު މެޗުގައި ގެޓާފޭ މޮޅު ކޮށްދިން ލަނޑު މެޗުގެ 56 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރީ ޖެއމީ މަޓާ އެވެ. ރެއާލް އާއި ބާސާ ބަލިވިއރު، އެއް ހަފުތާ ފަހުން އެ ދެ ޓީމު ކުރިމަތިލާ އެލްކްލެސިކޯ މެޗު ބާސާގެ ކޭމްޕްނޯ ސްޓޭޑިއަމްގައި ކުޅޭނެ އެވެ. އެ މެޗު އޮންނާނީ އަންނަ އާދިއްތަ ދުވަހު ރާއްޖޭގަޑިން އިރުއޮއްސި 7:00 ގަ އެވެ.

ސެލްޓަ ވީގޯ އާ ދެކޮޅަށް ކުޅުނު މެޗު އެތުލެޓިކޯ މެޑްރިޑް ކާމިޔާބު ކުރީ 2-0 ންނެވެ. އެ ޓީމުގެ ލަނޑު ކާމިޔާބު ކުރީ ލުއިސް ސުއަރޭޒް އާއި ޔެނިކް ކަރެސްކޯ އެވެ. ސެވިއްޔާ އާއި ގްރަނާޑާ ކުޅުނު މެޗުން ސެވިއްޔާ ބަލިވީ 1-0 ންނެވެ.