ހަބަރު

"ބޭރުގެ ގުޅުންތަކުން މިނިވަންކަން ގެއްލުނަނުދޭނަން"

Oct 18, 2020
7

ދުނިޔޭގެ އެހެން ގައުމުތަކާ ގުޅުން ބަދަހި ކުރުމުގެ ތެރެއިން ވެސް ރާއްޖޭގެ އަމިއްލަ މިނިވަންކަމާއި ސިޔާދަތު ފުރިހަމައަށް ރައްކާތެރި ކުރާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ދެއްވައިފި އެވެ.

މި އަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި، ގައުމާ މުހާތަބު ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ގައުމިއްޔަތުގެ އެންމެ މަތިވެރި ސިފައަކީ، މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި، ބައިނަލްއަގުވާމީ މުޖުތަމައުއަށް ނޭވާލުމުގެ މަތިވެރި ނިއުމަތް ލިބިފައިވުން ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ހުރިހާ ގައުމުތަކަކާއެކުވެސް، ހާރިޖީ ގުޅުންތައް ސަރުކާރުން ހަރުދަނާކުރަމުން އަންނަނީ، ވަރަށް މުހިންމު ދެ ކަމެއް ކަށަވަރުކުރަމުން ކަމަށެވެ.

"ފުރަތަމަ ކަމަކީ، ރާއްޖޭގެ އަމިއްލަ މިނިވަންކަމާއި ސިޔާދަތު ފުރިހަމައަށް ރައްކާތެރިކުރުން. ދެވަނަ ކަމަކީ، އެ ގުޅުންތަކުގެ ސަބަބުން، ރައްޔިތުންނަށް ފައިދާއާއި ލާބަ ލިބޭނެކަން ކަށަވަރު ކުރުން. މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން، މިއަދާ ހަމައަށްވެސް ތަންފީޒުކުރަމުން މި އަންނަނީ މި ސިޔާސަތު،" ރައީސް ވިދާޅުވި އެވެ.

އެ ހިތާބުގައި ރައީސް ވިދާޅުވީ މި ސަރުކާރު ފެށުނުއިރު، ރާއްޖެ އޮތީ ބައިނަލްއަގުވާމީ މުޖުތަމައައުން ވަރަށް ބޮޑަށް އެކަހެރި ކުރެވިފައި ކަމަށާއި، އެކަމުގެ ސަބަބުން، ރާއްޖެއަށާއި ދިވެހި ރައްޔިތުންނަށް ލިބެންހުރި، އެތައް މަންފާތަކަކާއި، އެތައް އެހީތަކެއް ލިބުމަށް ވަރަށް ބޮޑަށް ހުރަސްއެޅިފައި އޮތް ކަމަށެވެ.

"ނަމަވެސް މާތް ﷲގެ ވާގިފުޅާއެކު، އަޅުގަނޑުމެންގެ ހާރިޖީ ގުޅުންތައް މިހާރު އަންނަނީ ބަދަހިވަމުން، އަދި އެކަމުގެ ފައިދާވެސް ދިވެހި ރައްޔިތުންނަށް ލިބެމުން،" އެ މައްސަކަތުގެ ސަބަބުން ކޮވިޑް-19 އިގެ ހާލަތުގައި ރާއްޖެއަށް ލިބެމުންދާ ގިނަ އެހީތައް ފާހަގަކުރައްވަމުން ރައީސް ވިދާޅުވި އެވެ.

"މިނުރައްކާތެރި ބަލިމަޑުކަމުން އަރައިގަތުމުގައި، މިހާތަނަށް އަޅުގަނޑުމެންނަށް ހޯދިފައިވާ ކުރިއެރުމާއި، ލިބެމުން އަންނަ ކާމިޔާބީގެ އެއް ސަބަބަކީ، ރާއްޖެއާއި ބައިނަލްއަގުވާމީ މުޖުތަމައުއާ ދެމެދު އޮތް ބަދަހި ގުޅުން،" ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި، ފަންނީގޮތުންނާއި މާލީގޮތުންވެސް ބޭރުގެ އެކި ގައުމުތަކުން ލިބުނު އެހީތަކަށް އިޝާރާތް ކުރައްވަމުން ރައީސް ވިދާޅުވި އެވެ.

ދިވެހިންގެ ގައުމީވަންތަކަން އަންނަން އޮތް ޖީލުތަކާ ހަމައަށް ފޯރުކޮށްދެވޭނީ، ދިވެހި ޅަދަރިންނާއި ޒުވާނުންގެ ހިތްތަކުގައި، ގައުމިއްޔަތުގެ ސިފަތަކަށް ޚާއްޞަ ލޯތްބަކާއި ގަދަރެއް އުފެދިގެން ކަމަށާއި، އެކަން ކުރުމަކީ ކޮންމެ ފަރުދެއްގެ ކޮނޑުގައި އެޅިފައިވާ ގައުމީ ޒިންމާއެއްގެ ގޮތުގައި ރައީސް މިއަދު ވަނީ ސިފަކުރައްވައިފަ އެވެ.

ރައީސް މި ގޮތަށް ވިދާޅުވެފައިވަނީ އިންޑިއާއާއެކު އޮންނަ ގުޅުން ވަރަށް ބޮޑަށް ބަދަހިވެ، އެ ގައުމުން ދެމުން އަންނަ ގިނަ އެހީތަކާއެކު، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާ ވަމުންދާކަމަށް އިދިކޮޅުން އިސްވެ ތުހުމަތު ކުރަމުންދާ ދާނޑިވަޅެއްގަ އެވެ.