ހަބަރު

ދުނިޔެއާ އެކަހެރިވުމުން އެހީތަކަށް އޮތީ ހުރަސްއެޅިފައި: ރައީސް

Oct 18, 2020
4

މި ސަރުކާރު ފެށުނުއިރު، ރާއްޖެ އޮތީ ބައިނަލްއަޤްވާމީ މުޖުތަމައައުން ވަރަށް ބޮޑަށް އެކަހެރި ކުރެވިފައި ކަމަށާއި، އެކަމުގެ ސަބަބުން، ރާއްޖެއަށާއި ދިވެހި ރައްޔިތުންނަށް ލިބެންހުރި، އެތަކެއް މަންފާތަކަކާއި، އެހީތަކަށް ވަރަށް ބޮޑަށް ހުރަސްއެޅުނުކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި، ގައުމާ މުހާތަބު ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ގައުމިއްޔަތުގެ އެންމެ މަތިވެރި ސިފައަކީ، މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި، ބައިނަލްއަގުވާމީ މުޖުތަމައުއަށް ނޭވާލުމުގެ މަތިވެރި ނިއުމަތް ލިބިފައިވުން ކަމަށެވެ.

އެ ހިތާބުގައި ރައީސް ވިދާޅުވީ މި ސަރުކާރު ފެށުނުއިރު، ރާއްޖެ އޮތީ ބައިނަލްއަގުވާމީ މުޖުތަމައައުން ވަރަށް ބޮޑަށް އެކަހެރި ކުރެވިފައި ކަމަށާއި، އެކަމުގެ ސަބަބުން، ރާއްޖެއަށާއި ދިވެހި ރައްޔިތުންނަށް ލިބެންހުރި، އެތައް މަންފާތަކަކާއި، އެތައް އެހީތަކެއް ލިބުމަށް ވަރަށް ބޮޑަށް ހުރަސްއެޅިފައި އޮތް ކަމަށެވެ.

"ނަމަވެސް މާތް ﷲގެ ވާގިފުޅާއެކު، އަޅުގަނޑުމެންގެ ހާރިޖީ ގުޅުންތައް މިހާރު އަންނަނީ ބަދަހިވަމުން، އަދި އެކަމުގެ ފައިދާވެސް ދިވެހި ރައްޔިތުންނަށް ލިބެމުން،" އެ މައްސަކަތުގެ ސަބަބުން ކޮވިޑް-19 އިގެ ހާލަތުގައި ރާއްޖެއަށް ލިބެމުންދާ ގިނަ އެހީތައް ފާހަގަކުރައްވަމުން ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ހުރިހާ ގައުމުތަކަކާއެކުވެސް، ހާރިޖީ ގުޅުންތައް ސަރުކާރުން ހަރުދަނާކުރަމުން އަންނަނީ، ވަރަށް މުހިންމު ދެ ކަމެއް ކަށަވަރުކުރަމުން ކަމަށެވެ.

"ފުރަތަމަ ކަމަކީ، ރާއްޖޭގެ އަމިއްލަ މިނިވަންކަމާއި ސިޔާދަތު ފުރިހަމައަށް ރައްކާތެރިކުރުން. ދެވަނަ ކަމަކީ، އެ ގުޅުންތަކުގެ ސަބަބުން، ރައްޔިތުންނަށް ފައިދާއާއި ލާބަ ލިބޭނެކަން ކަށަވަރު ކުރުން. މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން، މިއަދާ ހަމައަށްވެސް ތަންފީޒުކުރަމުން މި އަންނަނީ މި ސިޔާސަތު،" ރައީސް ވިދާޅުވި އެވެ.

"މިނުރައްކާތެރި ބަލިމަޑުކަމުން އަރައިގަތުމުގައި، މިހާތަނަށް އަޅުގަނޑުމެންނަށް ހޯދިފައިވާ ކުރިއެރުމާއި، ލިބެމުން އަންނަ ކާމިޔާބީގެ އެއް ސަބަބަކީ، ރާއްޖެއާއި ބައިނަލްއަގުވާމީ މުޖުތަމައުއާ ދެމެދު އޮތް ބަދަހި ގުޅުން،" ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި، ފަންނީގޮތުންނާއި މާލީގޮތުންވެސް ބޭރުގެ އެކި ގައުމުތަކުން ލިބުނު އެހީތަކަށް އިޝާރާތް ކުރައްވަމުން ރައީސް ވިދާޅުވި އެވެ.