ކުޅިވަރު

ރޮބީނިއޯގެ އެއްބަސްވުން ސަންޓޯސްއިން އުވާލައިފި

ބްރެޒިލްގެ ސަންޓޯސްއަށް ސޮއި ކުރިތާ އެއް ހަފުތާ ނުވަނީސް، އެ ކުލަބުން ރޮބީނިއޯގެ ކޮންޓްރެކްޓް އުވާލައިފި އެވެ.

ބްރެޒިލްގެ ކުރީގެ ފޯވަޑާއެކު، ސަންޓޯސްއިން އެއްބަސް ވުން ހެދީ ފަސް މަހުގެ މުއްދަތަކަށެވެ. ސަންޓޯސްގެ އެކެޑެމީގެ ތެރެއިން އުފެދުނު ކުޅުންތެރިޔާ ދެވަނަ ފަހަރަށް އެ ކުލަބަށް ސޮއި ކުރީ ކުޑަ މުސާރައަކަށެވެ. ބްރެޒިލްގެ މިނިމަމް ވޭޖަށް ކިރިޔާ ފެތޭވަރުގެ މުސާރައަކަށް ރޮބީނިއޯގެ މުސާރަ ވެއެވެ. ސަންޓޯސްއިން މުސާރައިގެ ގޮތުގައި އޭނާ އަށް ދޭން އެއްބަސްވީ މަހަކު 271 އެމެރިކާ ޑޮލަރަށް ވާވަރުގެ މުސާރައެކެވެ.

މިދިޔަ ހޮނިހިރު ދުވަހު ހެދި އެއްބަސްވުން ސަންޓޯސްއިން އުވާލީ ރޮބީނިއޯގެ މައްޗަށް އިއްވާފައިވާ ރޭޕް މައްސަލްއިގެ ހުކުމަކާ ގުޅިގެން، ޕަބްލިކުންނާއި މީޑީއާއިން އައި ޕްރެޝަރަށެވެ. ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީ އަދީ އޭސީ މިލާނަށް ވެސް ކުޅުނު ސަންޓޯސް ނުވަ އަހަރަށް ޖަލަށް ލުމަށް މިލާންގެ ކޯޓަކުން ހުކުމް ކޮށްފައި ވެއެވެ.

އޭނާއަށް ކުރެވުނު ތުހުމަތަކީ 2007 ވަނަ އަހަރު މިލާންގެ ނައިޓް ކުލަބެއްގެ ތެރޭ، އަލްބޭނިއާގެ 23 އަހަރުގެ އަންހެނަކު ގުރޫޕް ރޭޕް ކޭސްއެއްގައި ރޭޕް ކުރުއިރު އެކަމުގައި ރޮބީނިއޯ ބައިވެރިވެފައިވާ މައްސަލަ އެވެ.

އެހެންނަމަވެސް ރޮބީނިއޯ އެ ތުހުމަތުތައް ދޮގު ކުރެ އެވެ. އޭނާ ބުނީ ސަންޓޯސް އާ ވަކިވެ އޭނާ ކުރިމަތިލާނީ އޭނާގެ އަމއްލަ ދިރިއުޅުމުގެ މައްސަލަތަކާ ކަމަށެވެ. އަދި އޭނާގެ ކުށެއް ނެތްކަން ސާބިތު ކޮށްދޭނެކަމަށް ރޮބީނިއޯ ބުންޏެވެ.